ޚަބަރު

ސިފްކޯ ފްލެޓްތައް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ޙަވާލުކުރަން ފަށައިފި


  • "ސިފްކޯ ހިޔާ" މަޝްރޫޢުގައި 330 ފްލެޓް ހިމެނޭ

  • ލިބޭ ފްލެޓް ކަނޑައަޅާފައިވަނީ ގުރުއަތުލައިގެން

  • ސިފްކޯ ހިޔާގައި ޖުމްލަ 3 ޓަވަރު ހިމެނޭ

  • މިއީ 1100 އަކަފޫޓުގެ ޖާގައިގެ އެޕާޓްމަންޓްތަކެއް

ސިފައިންގެ ސިފްކޯ ފްލެޓްތައް ލިބުނު ފަރާތްތަކަށް ރަސްމީކޮށް ތަޅުދަނޑި ޙަވާލުކުރަން ފަށައިފިއެވެ.

ސިފްކޯ ފްލެޓްތައް ލިބުނު ފަރާތްތަކަށް ތަޅުގަނޑިތައް ޙަވާލުކޮށްދެއްވަން ފެށްޓެވީ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. ސިފްކޯއިން ފްލެޓް ލިބުނު އާއިލާތަކަށް، ލިބޭ ފްލެޓް ކަނޑައަޅާފައިވަނީ ގުރުއަތު ލައިގެންނެވެ. މި ގުރުއަތުލުން ބާއްވާފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ.

3 ޓަވަރަކަށް ތަރައްޤީކޮށްފައިވާ މި ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ޙަވާލުކުރަން ފަށާފައިވަނީ ޓަވަރ A އިން ފްލެޓް ލިބުނު ފަރާތްތަކަށެވެ. ތަޅުދަނޑި ޙަވާލުކުރުމާއެކު، އާއިލާތަކަށް އެޕާޓްމަންޓްތައް ބަލާލުމުގެ ފުރުޞަތުވެސް މިއަދު ވަނީ ދީފައެވެ.

މުޅި މަޝްރޫޢުގައި ޖުމްލަ 691 ހައުސިންގ ޔުނިޓް ހިމެނެއެވެ. އެއީ ސިފައިންގެ "ސިފްކޯ ހިޔާ"ގައި ހިމެނޭ، 330 ފްލެޓާއި، ފުލުހުންގެ "ޕޮލްކޯ" ގައި ހިމެނޭ 361 ހައުސިންގ ޔުނިޓެވެ. މިއީ ރަނގަޅު ފެންވަރުގައި ތަރައްޤީކޮށްފައިވާ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މިއިން ކޮންމެ ޔުނިޓެއްގައި 1100 އަކަފޫޓުގެ ޖާގަ ހުންނާނެއެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ފެށީ މީގެ 10 އަހަރު ކުރިން 2013 ވަނަ އަހަރުއެވެ. މި ދެ ޕްރޮޖެކްޓްވެސް ކުރިއަށްގެންދިޔައީ ނޫމަޑި ކުންފުންޏާ ޙަވާލުކޮށްގެންނެވެ. ނަމަވެސް އެކި މައްސަލަތަކާއި ގުޅިގެން ނޫމަޑިއާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ 2016 ވަނަ އަހަރު އޭރުގެ ސަރުކާރުންނެވެ.

މި މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ފުލުހުންނާއި ސިފައިންގެ ލިސްޓްވެސް އޭރު އޮތީ އިޢުލާންކޮށްފައެވެ. އަދި ގިނަބަޔަކު ފްލެޓްތަކަށް ފައިސާވެސް ދައްކާފައެވެ. ފްލެޓްތައް ލަސްވުމަކީ ސިފައިންނާއި ފުލުހުންގެ ބޮޑު ކަންބޮޑުވުމެއްވެސް އޮތް ކަމެކެވެ.

މި ސަރުކާރުގައި ޕްރޮޖެކްޓް ނިންމުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ 2 ކުންފުންޏަކާ ޙަވާލުކޮށްގެންނެވެ. އެގޮތުން ފުލުހުންގެ ޕޮލްކޯ ފްލެޓްތައް ނިންމާފައިވަނީ އަމީން ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްގެންނެވެ. އަދި ސިފައިންގެ ސިފްކޯ ފްލެޓްތަކުގެ މަސައްކަތް ނިންމާފައިވަނީ ޗައިނާގެ ޓުވެންޓީ ތާރޑް މެޓަލަޖިކަލް ކޮންސްޓްރަކްޝަން ގްރޫޕާއި ޙަވާލުކޮށްގެންނެވެ.