ވިޔަފާރި

ސެމްސަންގގެ އެންމެ ފަހުގެ ފޯނު ދިރާގުން ރާއްޖެއަށް ތަޢާރަފްކޮށްފި


ސެމްސަންގގެ އެންމެ ފަހުގެ ފޯންތައް ކަމަށްވާ ގެލެކްސީ އެސް 7 އަދި އެސް 7 އެޖް، ދިރާގުން ރާއްޖޭގެ ބާޒާރަށް ތަޢާރަފް ކޮށްފިއެވެ.

ދިރާގުން ރޭ ރާއްޖޭގެ ބާޒާރަށް މި ފޯނުތަށް ތަޢާރަފްކޮށްފައި ވަނީ ދުނިޔޭގެ ބާޒާރުގައިވެސް މިފޯނުތަށް ތަޢާރަފް ކުރި ވަގުތުއެވެ. ދިރާގުގެ ހެޑް އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ބާޒާރަށް މި ފޯނުތަށް ތަޢާރަފް ކޮށްދެއްވީ ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި ސެމްސަންގ ކުންފުނީގެ ސްރީ ލަންކާ އޮޕަރޭޝަންސްގެ މެނޭޖިންގ ޑިރެކްޓަރ ޔަންގްމިން ޝިން އެވެ.

ސެމްސަންގ ކުންފުނިން އަލަށް ބާޒާރަށް ނެރުނު ދެފޯނު ގަތުމަށް ޕްރީ އޯޑަރި ދިނުމަށް ދިރާގުން ހުޅުވާލި ފުރުސަތުގައި އޯޑަރު ދިން ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، ފައިސާ ދައްކާފައިވާ ފަރާތްތަކަށް ރޭވަނީ ފޯނު ހަވާލުކޮށްފައެވެ.

img:http://s3.psmnews.mv/images/660x400/14584266501501.jpg|ގެލެކްސީ އެސް 7 އަދި އެސް 7 އެޖް ތަޢާރަފް ކުރުމުގެ ރަސްމިއްޔާތު - ފޮޓޯ: ޕީއެސްއެމް

މި ފޯނުތައް ގަތުމަށް އިތުރަށް ޝައުޤުވެރިވާ ފަރާތްތަކަށް ފޯނުގެ އަގު އެއްކޮށް ދެއްކުމަށްފަހު ފޯނުގަތުމުގެ އިތުރަށް، އިންސްޓޯލްމެންޓް އުސޫލުން އަގު ދައްކާގޮތަށްވެސް ފޯނު ދޫކުރަމުން ގެންދާނެ ކަމަށް ދިރާގުން މަޢުލޫމާތުދެއެވެ.

ދިރާގަކީ ފަހަކަށް އައިސް މިފަދަ އައު ޓެކްނޮލޮޖީ ދުނިޔޭގެ ބާޒާރާއި އެއް ވަގުތެއްގައި ރާއްޖެއަށް ތަޢާރަފް ކުރަމުންގެންދާ ކުންފުންޏެކެވެ.