ޚަބަރު

ނިޒާމީ ވޯޓުގެ ޤަރާރު ބަލައިގަތުމަށް ފާސްކޮށްފި


  • މި ޤަރާރު ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމެޓީން މަޝްވަރާ ކުރާނެ

  • ރިޔާސީ ނިޒާމުގެ ތެރެއިން ކޯލިޝަން ހެދުމުން ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް ހުރަސްއެޅޭ

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޢާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ޤަރާރު މަޖިލީހުން ބަލައިގަނެފިއެވެ.

މިޤަރާރު ބަލައިގަތުމަށް ފާސްވީ މަޖިލީހަށް ހާޒިރުވި 37 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓުންނެވެ.

މިއަދުގެ ޖަލްސާގައި ޤަރާރު ހުށަހަޅުއްވާ ދެއްވަމުން އިލްޔާސް ލަބީބް ވިދާޅުވީ، މިދިއަ ކޮންމެ ރިޔާސީ އިންތިޚާބެއްގައި، ކޮންމެ ވެރިއަކުވެސް، ވެރިކަމަށް އައިސްފައިވަނީ ކޮންމެވެސް ސިޔާސީ ޕާޓީއަކާއި ކޯލިޝަން ހަދައިގެންކަމަށެވެ. އަދި މިގޮތަށް ކަން ހިނގާ ނަމަ، ވެރިކަމުގެ ވަކި ހިސާބަކުން ދެ ޕާޓީ ދެމެދު މައްސަލަ ޖެހި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޤައުމު ތަރައްޤީ ކުރަމަށް، ހުރަސްއެޅޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"މިހާތަނަށް ބޭއްވުނު ކޮންމެ ރިޔާސީ އިންތިޚާބެއްގައި ކޯލިޝަން ހެދުމާއި، އިންތިޚާބުގެ ތެރެއިން އެއް ޕާޓީ އަނެއް ޕާޓީ އެއްބަސްވުންތައް ހެދުމާއި، ވެރިކަމުގެ ދައުރުގެ ވަކި ހިސާބަކުން ޕާޓީތަކުގެ މެދުގައި ޚިލާފު އުފެދި، ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ ޚިދުމަތްތަކާއި، ޤައުމަށް ގެންނަންޖެހޭ ތަރައްޤީ އާއި، ޑިމޮކްރަސީގެ ނިޒާމެއްގައި މަސައްކަތް ކުރަންޖެހޭ އެންމެ އެކަށީގެންވާ ގޮތެއްގައި ސަރުކާރުތަކުން މަސައްކަތްތައް ކުރަމުން އައިސްފައި ނުވޭ." އިލްޔާސް ވިދާޅުވިއެވެ.

މިޖަލްސާގައި ވަނީ މިޤަރާރު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވުމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމްގެ ހުށަހެޅުއްވުން 34 މެމްބަރުންގެ ވޯޓުން ވަނީ ފާސްވެފައެވެ. އެހެންކަމުން ކޮމެޓީގެ ބައްދަލުވުން މާދަމާ ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.