ޚަބަރު

އަމާޒަކީ ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅި ހުރިހާ ފޯމްތައް މިރެއަށް ނިންމުން


  • ދެވަނަ ބުރުގައި ވޯޓުލުމަށް 47000އަށްވުރެ ގިނަ މީހުންވަނީ ރީރަޖިސްޓަރކުރަން ހުށަހަޅާފައި

  • އަމަޒަކީ ހުރިހާ ފޯމެއް މިރެއަށް ނިންމުން

‏އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރ ކުރަން ހުށަހެޅި ފޯމްތަކުގެ ޞައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް މިރެއަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. އިލެކްޝަނުން ވިދާޅުވީ ރީ-ރަޖިސްޓްރީކުރަން ހުށަހެޅި ފޯމްތަކުގެ ތެރެއިން ރޭ 8 ޖެހުމާއި ހަމައަށް ނުނިމިވަނީ 16000 އެއްހާ ފޯމުކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލީ މިމަހުގެ 15ވަނަ ދުވަހުއެވެ. ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލި 3 ދުވަސް ތެރޭގައި 47714 މީހަކުވަނީ ފޯމު ހުށައަޅާފައެވެ. މީގެ ތެރޭގައި އޮންލައިންކޮށާއި ދަރުބާރުގެއަށާއި ރަށްރަށުގެ ކައުންސިލް މެދުވެރިކޮށް ހުށަހަޅާފައިވާ ފޯމްވެސް ހިމެނޭ ކަމަށް އިލެކްޝަނުން ވިދާޅުވިއެވެ.

ޕީއެސްއެމްގެ ވޯޓަށް ތައްޔާރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާޙު ސަޢީދު ވިދާޅުވީ ނުނިމި ހުރި ފޯމްތަކުގެ ޞައްހަކަން ކަށަވަރުކޮށް ވީހާވެސް އަވަހަކަށް ޝަކުވާގެ ފުރުސަތަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ރީރަޖިސްޓްރޭޝަނާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން ވިޝާޙު ވިދާޅުވީ، ރީ-ރަޖިސްޓަރވުމަށް އެދިފައިވާ ފަރާތްތަކުން ހުށައަޅާފައިވާ ފޯމުތަކުގެ ސައްޙަކަން ކޮމިޝަނުން ޔަގީންކުރައްވާނެކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކީވެސް، އަމާންއޮމާންކަމާއެކު ދެފުށް ފެންނަ އަދި އިންސާފުވެރިކަމާއެކު ކުރިއަށްދާ އިންތިޚާބަކަށް ހެދުމަށް އިލެކްޝަނުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އިލެކްޝަން ކޮމިޝަން ކަށަވަރުކުރައްވާނެކަމަށް ވިޝާޙު ވިދާޅުވިއެވެ.

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރ ކޮށްފައިވަނީ 103047 (އެއްލައްކަ ތިންހާސް ސާޅީސް ހަތް) މީހުންނެވެ. އެހެންނަމަވެސް މިއަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރީ-ރަޖިސްޓަރކޮށްފައިވަނީ 42867 މީހުންނެވެ. މިފަހަރު ރީރަޖިސްޓަރވީ މީހުންގެ ޢަދަދު މަދުވެފައިވަނީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި މާލެއަށް ރަޖިސްޓަރކޮށްފައިވާ މީހުން އަލުން ރަޖިސްޓަރ ނުކުރާގޮތަށް ހަމަޖެއްސުމާއި ގުޅިގެންކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަށް ދެވަނަ ބުރުގައި ރީ-ރަޖިސްޓަރވުމަށް 47000އަށްވުރެ ގިނަ މީހުން ވަނީ ފޯމްހުށަހަޅާފައެވެ.