ޓުއަރިޒަމް

ޗައިނާގެ ފަތުރުވެރިން އިތުރުކުރުމަށް ޚާއްސަ މަސައްކަތެއް


ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު މިހާރަށްވުރެ އިތުރުކުރެވޭނީ، ޗައިނާގެ މާރކެޓްތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރުކޮށް އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ހުރި އަގުތައް ތިރިކޮށްގެންކަމަށް ޗައިނާއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަވާ ސަފީރު ވަންގް ފޫކާންގް ވިދާޅުވެއްޖެއެވެ.

ފޫކާންގް މިހެން ވިދާޅުވީ، ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ދަތުރުކުރާ އެއް މަންޒިލެވެ. ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައިވެސް ރާއްޖެއަށް އެންމެ ގިނަ ޢަދަދެއްގެ ފަތުރުވެރިން އައީ ޗައިނާއިންނެވެ. 2015 ވަނަ އަހަރު އެކަނިވެސް ޗައިނާއިން ރާއްޖެއަށް ވަނީ 360 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ އެއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ތެރެއިން 30 އިންސަތައަށްވުރެ ގިނަ ޢަދަދެކެވެ.

ޗައިނާއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަވާ ސަފީރު ވަންގް ފޫކާންގް، ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު މިހާރަށްވުރެ އިތުރުކުރަން ދެފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެކަމަށެވެ. މިގޮތުން ރާއްޖޭގެ ފަތުވެރިކަން ޗައިނާގެ މަންޒިލްތަކުގައި އިތުރަށް އިޝްތިހާރުކޮށް، ޕްރޮމޯޓްކުރެވިދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރިސޯޓްތަކުގެ އަގު މިހާރަށްވުރެ ދަށްކޮށްގެންވެސް ޗައިނާއިން އަންނަ ފަތުރުވެރިންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުކުރެވޭނެ ކަމަށް އެންބެސެޑަރ ވިދާޅުވިއެވެ.

މީގެއިތުރުން ޗައިނާގެ އެންބެސެޑަރ ވިދާޅުވީ ޗައިނާއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި ރާއްޖޭގެ ރިސޯޓްތަކުގައި ޗައިނާގެ ކެއުން ލިބޭ މިންވަރު އިތުރުކޮށް، ހިލޭ ވައިފައި ލިބޭ މިންވަރު އިތުރުކޮށް އަދި މިހާރަށްވުރެ ބޮޑެތި އަދި ގިނަ ޑިއުޓީ ފްރީ ފިހާރަތައް ބެހެއްޓުން އެއީ ކުރެވިދާނެ ކަމެއްކަމަށެވެ. އަދި ދެޤައުމުގެ ދޭތެރޭގައި ސީދާ ދަތުރުތައް އިތުރުކޮށްގެންވެސް ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ބޮޑުތަން އިތުރު ކުރެވޭނެކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ތެރޭގައި މޯލްޑިވިއަންއިން ވަނީ ރާއްޖެއާއި ޗައިނާގެ ފުޒައުއާ ދެމެދު ސީދާ ދަތުރުތައް ފަށާފައެވެ. އަދި ރާއްޖޭގެ އަމިއްލަ އެއަރ ލައިނެއްކަމަށްވާ މެގަ މޯލްޑިވްސްއިންވެސް ވަނީ ރާއްޖެއާއި ޗައިނާގެ ޒެންގްޒައުއާ ދެމެދު ސީދާ ދަތުރުތައް ފަށާފައެވެ. ސަފީރު ވިދާޅުވީ އެއަރ ޗައިނާގެ ފްލައިޓްތައް ދެޤައުމު ދޭތެރޭގައި ފެށުމަށް އެންބަސީން މިހާރު ދިރާސަކުރަމުންދާ ކަމަށެވެ. މިދިޔަ އަހަރު އެކަނިވެސް އެކި ޤައުމުތަކަށް ޗައިނާގެ 120 މިލިއަން ފަތުރުވެރިން ވަނީ ދަތުރުކޮށްފައެވެ. ސަފީރު ފުކާން ވިދާޅުވީ މިޢަދަދުގެ ތެރެއިން ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާގެ 360 ހާސް ފަތުރުވެރިންގެ ޖުމްލަ ދެފަރާތުން އެއްކޮށް މަސައްކަތްކޮށްގެން އިތުރު ކުރެވޭނެކަމަށެވެ.