ޚަބަރު

ދެވަނަ ބުރަށް ރީ-ރަޖިސްޓްރީކުރަން 47000އަށްވުރެ ގިނަ ފޯމް ހުށަހެޅި


  • ރީ-ރަޖިސްޓްރީކުރި މީހުންގެ އަދަދު 47000ވުރެ ގިނަ

  • އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ، ދެ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީން

  • ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 42867 މީހުން ރީ-ރަޖިސްޓްރީ ކުރި

މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމަށް ރީ-ރަޖިސްޓްރީކުރަން 47000 (ސާޅީސް ހަތްހާހަށް)ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ހަބީބު ވިދާޅުވީ ދެވަނަ ބުރުގައި ހުށައެޅި ފޯމުތަކުގެ ތެރެއިން 19000 ވުރެ ގިނަ ފޯމު އިއްޔެގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި 27 ހާހަށް ވުރެ ގިނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށާ، ސައްހަކަން ކަށަވަރުވީހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެކަމަށެވެ. އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ޙިއްޞާ ކުރާނެ ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ރީ-ރަޖިސްޓަރީ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ، ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓުވީޓެގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 42867 މީހުން ރީ-ރަޖިސްޓްރީކުރަން ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނެނީ އޮންލައިންކޮށް ހުށަހެޅި 22882 ފޯމާއި، ފޯމް މެދުވެރިކޮށް ހުށަހެޅި 19985 ފޯމެވެ. މިބުރުގައި 35849 މީހުން ރީރަޖިސްޓްރީކޮށްދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ. ފުރަތަމަ ބުރުގައި ރީ ރަޖިސްޓްރީ ކުރުމަށް އެއްމަސްދުވަހަށްވުރެ ދިގު މުއްދަތެއް ދިނެވެ.