ޚަބަރު

މުއްދަތު ހަމަވާ އައިޑީކާޑު ވީހާވެސް އަވަހަކަށް އައުކުރުމަށް އެދިވަޑައިގެންފި


  • ޑީއެންއާރުން އެދިފައިވަނީ މިހަފްތާގެ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެޕްލިކޭޝަން ހުށައަޅަން

  • އިންތިޚާބާއި ދިމާކޮށް ކާޑު އައުކުރުމުގެ ޚިދުމަތް ގިނަ ބަޔަކު އެއްފަހަރާ ހޯދާ

  • އޮންލައިންކޮށް، އަދި ޑިޕާޓްމަންޓަށް ގޮސްގެންވެސް ފޯމު ހުށައެޅޭނެ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނަ ދުވަހަށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ނުވަތަ އައިޑީކާޑު ބޭނުންވާނަމަ މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން ކާޑު ހެއްދުމަށް އެދި ހުށައެޅުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ޑީއެމްއާރުން އެދިވަޑައިގެންފިއެވެ.

ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މިމަހުގެ 30ވަނަ ދުވަހުއެވެ. ޑީ.އެން.އާރުން ވިދާޅުވީ، މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވާ އައިޑީ ކާޑާއި އަލަށް 18 އަހަރު ފުރިގެން ހައްދާ ކާޑުތަކަށް ވީހާވެސް އަވަހަށް އެޕްލައިކުރުމަށް އެދޭކަމަށެވެ. މިގޮތަށް އެދިފައިވަނީ އިންތިޚާބާއި ދިމާކޮށް، ގިނަބަޔަކު އެއްފަހަރާ އައިޑީ ކާޑު ހެއްދުމާއި، އާކުރުމުގެ ޚިދުމަތަށް އެދޭތީކަމަށް ޑީއެންއާރުން ވިދާޅުވިއެވެ.

ޑީއެންއާރުން ވަނީ، އިންތިޚާބުގެ ސުންގަޑި ކައިރިކޮށް ހައްދަން ހުށައަޅާ ކާޑުތައް، ވަގުތަށް ނުނިމުގެ ފުރުޞަތު އޮތުމުން އެކަމަށް އާންމުން ސަމާލްވުމަށްވެސް އެދިވަޑައިގެންފައެވެ.

އެހެންކަމުން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 02:00ގެ ކުރިން އައިޑީ ކާޑް ހެއްދުމަށް އެޕްލިކޭޝަން ހުށައެޅުމަށް ޑީއެންއާރުން އެދިވަޑައިގަންނަވައެވެ. އެޑިޕާޓްމަންޓުން ވަނީ ކާޑު ހައްދަން އޮންލައިންކޮށް ހުށައެޅުމަށްވެސް އިލްތިމާސްކުރައްވާފައެވެ. އޮންލައިންކޮށް ހުށައަޅާނަމަ، ކޮންމެ ވަގުތަކުވެސް ފޯމު ހުށައެޅުމުގެ ފުރުޞަތު އޮންނާނެކަން އެޑިޕާޓްމަންޓުން ފާހަގަކުރައްވައެވެ.

މީގެއިތުރުން، އެ ޑިޕާޓްމަންޓަށް ގޮސްގެންވެސް އައިޑީ ކާޑު ހައްދަން ހުށައަޅޭނެއެވެ. މިގޮތަށް ހުށައެޅޭނީ ރަސްމީ ގަޑިތަކުގައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް، ގިނަ ބަޔަކު އައިޑީ ކާޑް ހެއްދުމާއި އައު ކުރުމަށް ހުށައަޅާފައިވެއެވެ. އިންތިޚާބުގައި ވޯޓު ލުމަށް ބޭނުންކުރެވޭނީ އައި.ޑީ ކާޑާއި، ޕާސްޕޯޓް އަދި ލައިސަންސް ކާޑެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 282803 މީހުނަށް ވޯޓު ލުމުގެ ޙައްޤު ލިބިގެންވެއެވެ. އޭގެތެރެއިން 408މީހުންނަކީ ސެޕްޓެމްބަރު މަހުގެ 30ގެ ނިޔަލަށް 18 އަހަރު ފުރޭ ޒުވާނުންނެވެ.