ޚަބަރު

ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް ގިނަ ރަށްތަކެއްގައި ލެޕްރަސީއަށް ސްކްރީންކުރަން ފަށައިފި


  • މިއަހަރުގެ ނިޔަލަށް މަދުވެގެން 100 ރަށެއްގައި ބަލި ނެތްކަން ކަނޑައަޅަނީ

  • 2030ގެ ނިޔަލަށް ރާއްޖެއަކީ މި ބަލި ނެތް ޤައުމަކަށް ހެދުމަކީ އަމާޒެއް

  • ގިނަ ރަށްތަކުގައި ބައްޔަށް ސްކްރީންކުރުމުގެ މަސައްކަތް ކުރިއަށް

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މަދުވެގެން 100 ރަށުގައި ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ނެތްކަން ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ ރަށްތަކެއްގައި ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއެވެ.

100 ރަށުގައި ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ނެތްކަން ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތަކީ މުޅި ދުނިޔެއިން އެންމެ ފުރަތަމަ ޖުޒާމު ބަލި ނައްތާލަ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ.

"ޒީރޯ ލެޕްރަސީ" ޤައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމުގެ މަސައްކަތް ފުރަތަމަ ފެށީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން އެ މަސައްކަތް މެދުކަނޑާލުމަށްފަހު، އެޗް.ޕީ.އޭއިން އަނެއްކާވެސް މިވަނީ އެ މަސައްކަތް ފަށާފައެވެ. ޖުޒާމު ބަލި ނައްތާލެވިފައިވާ ޤައުމަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ކާމިޔާބުކުރެވިއްޖެނަމަ، ރާއްޖެ ވެގެންދާނީ މުޅި ދުނިޔެއިންވެސް އެންމެ ފުރަތަމަ ލެޕްރަސީ ނައްތާލެވޭ ޤައުމުތަކުގެ ތެރޭގައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ ރާއްޖޭގެ 100 ރަށެއްގައި ޖުޒާމް ބަލި ނެތްކަން ކަށަވަރުކުރުމަށްޓަކައި ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިއީ "ޒީރޯ ލެޕްރަސީ" ލަނޑުދަނޑު ޙާސިލުކުރުމަށް ކުރެވޭ ބޮޑު މަސައްކަތެއްކަމަށެވެ.

އެޗްޕީއޭއިން ރަށްރަށުގައި ކުރިއަށްގެންދާ ޕްރޮގްރާމްގައި ސްކްރީންކުރުމާއި، މީހުން ހޭލުންތެރިކުރުމާއި، އެސެސްމަންޓެއް ހެދުން ހިމެނެއެވެ. އަދި މި މަސައްކަތުގައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. މި މަސައްކަތް އޮކްޓޯބަރުގެ ނިޔަލަށް ނިންމުމަށް އެޗް.ޕީ.އޭއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެޗްޕީއޭގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ފާޠިމަތު ނަޒްލާ ވިދާޅުވީ ޖުޒާމް ބަލިޖެހޭ މީހުންގެ އަދަދު މިހާރު އުޅެނީ އަހަރަކު 7 އާއި 10އާ ދެމެދުގައިކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު މިބަލީގެ 4 ކޭސް. 2021 ވަނަ އަހަރު 3 ކޭސް އަދި މިދިޔަ އަހަރު 8 ކޭސްއެއް ފެނިފައިވާކަމަށް ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް މިއަހަރު މިހާތަނަށް މި ބަލީގެ އެއްވެސް ކޭސްއެއް ފެނިފައިނުވާކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

"ލެޕްރަސީ ނެތް ރަށްތަކުގެ ގޮތުގައި ކަނޑައަޅުމަށްޓަކައި ފުރަތަމަ ސިއްހީ އެހީތެރިން ތަމްރީން އެބަކުރަން. އެގޮތުން ރަށްތަކުން 2 ސިއްޙީ އެހީތެރިން މާލެ ގެނެސް މި ތަމްރީން ކުރަނީ. އޮގަސްޓް މަހުގެ ނިޔަލަށް ރަށްރަށުގައި މިތަމްރީންތައް ކުރިއަށް ގެންދިޔަ. އެއަށް ފަހު އަންގާފަ ވާނީ ރަށު ފެންވަރުގައި ޓާސްކްފޯސް އެކުލަވާލާ ރަށުގެ ރައްޔިތުންނަށް ލެޕްރަސިއާއި ޒީރޯ ލެޕްރަސީގެ މަޢުލޫމާތުދިނުމަށް. އެއަށްފަހު ސްކްރީން ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް ވަކި އެސެސްމަންޓްތަކެއް ހެދުމަށްފަހު ކަނޑައަޅަނީ ލެޕްރަސީ ނެތްކަމަށް."ޑރ. ފާޠިމަތު ނަޒްލާ ވިދާޅުވިއެވެ.

ލެޕްރަސީއަކީ ޖަރާސީމެއްގެ ޒަރީޢާއިން ގައިންގަޔަށް އަރާ ބައްޔެކެވެ. މި ބަލި އާއްމުކޮށް ޖެހެނީ ހަމާއި، ނާރުތަކާއި ނޭވާލާ ނިޒާމާއި އެތެރެހަށީގެ ގުނަވަންތަކަށެވެ. ބަލި ހަށިގަނޑުގެތެރެއަށް ވަނުމަށްފަހު، އަލާމަތްތައް ފެނުމަށް 5 ވަރަކަށް އަހަރު ނަގައެވެ. ބަލި ދެނެގަނެވި ގަވައިދުން ފަރުވާކުރާނަމަ، ބަލި ފެތުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ.

މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހަށިގަނޑުގެ ނާރުތައް ދުޅަވުން، ހަމުގައި ދަދު، ފެތުރި، ލައްފަދަ ތަންތަން އައްސިވެފައި ނުވަތަ އިޙްސާސު ކެނޑިފައި ހުރުން ހިމެނެއެވެ. ބަލި ފެތުރެނީ ބަލިޖެހިހުރިކަން ނޭންގި، ފަރުވާ ނުކޮށް ހުންނަ މީހަކާއެކު ގިނަ ދުވަހު އުޅުމުންނެވެ. އެހެންކަމުން މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކަށް ވަނީ އަވަހަށް ބަލި ދެނެގަނެ، ފަރުވާ ފެށުމެވެ. އަދި މި ބަލި މުޅިން ރާއްޖެއިން ނައްތާލުމެވެ.

ރާއްޖޭގައި ކުރިން މިއީ ގިނަ ބަޔަކަށް ޖެހޭ ބައްޔެއް ނަމަވެސް 1982 ވަނަ އަހަރު ލެޕްރަސީ ބައްޔަށް ބޭސް ދޭން ފެށުމާއެކު، މި ބަލި ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުވިއެވެެ. އަދި ލެޕްރަސީއަކީ ދިވެހިރާއްޖޭގައި އާއްމު ޞިިއްޙަތަށް ނުރައްކާވާ ބައްޔެއް ނޫންކަމަށް 1997 ވަނަ އަހަރު ކަނޑައެޅުއްވިއެވެ.