ޚަބަރު

ކުޅުއްދުފުށީގައި އަލިފާން ރޯވި ގޭގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން


  • ހާލުގައި ޖެހުނު 07 މީހަކަށް އެހީތެރިކަން ފޯރުކޮށްދިން

  • ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފަ

  • އެ ގެއަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން

ރޭމެންދަމު ކުޅުދުށްފުށި ސިޓީ "ރޯނު" ގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހުނު ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވީ ކުޅުދުށްފުށި ސިޓީ "ރޯނު" ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމު ކުޅުދުށްފުށި ސިޓީ ކައުންސިލާއި ގުޅިގެން ހަމަޖައްސައިދީފައިވާކަމަށެވެ. އެ ގޭގައި ދިރިއުޅެމުން ދިޔައީ ހދ.ނޮޅިވަރަމަށް ނިސްބައްވާ އާއިލާއެކެވެ.

ރޭ 2:30 ހާއިރު ރޯނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގެއަށް ވަނީ ބޯޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން އެގޭގެ ސީލިންގާއި ކަރަންޓް ނެޓްވޯކަށް ގެއްލުންވެ އެގެއިން ވަނީ ކަރަންޓު އެއްކޮށް ކެނޑިފައެވެ. އެހެންކަމުން އެގެ މަރާމތުކޮށް، އަލުން ކަރަންޓް ލިބި ދިރިއުޅެވޭވަރު ވަންދެން، އެ ގޭގައި ތިބި މީހުން ވަގުތީ ހިޔަލަކަށް ބަދަލުކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. ފެނަކަ ކުޅުދުއްފުށީ އިންޖީނުގެއިން އަންނަނީ އަލުން އެގެއަށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކުރަމުންނެވެ.

އެންޑީއެމްއޭއިން ވިދާޅުވީ "ރޯނު"ގެއަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުޅުދުއްފުށީ ސިޓީ ކައުންސިލްއާއި ގުޅިގެން ކުރަމުންދާކަމަށެވެ.

ރޭ ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ.