ޚަބަރު

ރިޔާސީ އިންތިޚާބު 2023: ދެވަނަ ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމަށް މާދަމާ ފުރުޞަތު ހުޅުވާލަނީ


  • މިމަހުގެ 14 އިން 17 އަށް ރަޖިސްޓްރީވާން ފުރުޞަތު ލިބޭނެ

  • ފުރަތަމަ ބުރުގައި ފާސް ހެއްދި ފަރާތްތަކުން އަލުން ހައްދާކަށްނުޖެހޭނެ

  • މި ފުރުޞަތު ލިބޭނީ 18 އަހަރުން މަތީގެ ދިވެހިންނަށް

ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގެ ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށާއި، މޮނިޓަރކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް މާދަމާ އެ ފުރުޞަތު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ، ދެވަނަ ބުރުގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި، މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި، ކެންޑިޑޭޓުންގެ ފަރާތުން ފޯމު ހުށަހެޅުމަށް މިމަހުގެ 14 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 17 ވާ އާދިއްތަ ދުވަހުގެ 15:00 އާ ހަމަޔަށް، އިލެކްޝަންސް ކޮމިޝަނުން ފުރުޞަތު ހުޅުވާލާނެކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މި ފުރުޞަތު ހުޅުވާލާފައިވަނީ ދެވަނަ ބުރުގައި އޮބްޒާވަރުން، މޮނިޓަރުން އަދި މަންދޫބުންގެ ގޮތުގައި އަލަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށެވެ. އަދި އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ފާސް ހެއްދި ފަރާތްތަކުން ދެވަނަ ބުރުގައިވެސް ހަރަކާތްތެރިވާނަމަ އިތުރަށް ފާސް ހައްދަންނުޖޭހެނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިންތިޚާބުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 18 އަހަރުން މަތީގެ ދިވެހިންނަށެވެ. އަދި އެ ފަރާތަކީ ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކަށް ވެގެންނުވާނެއެވެ.

މޮނިޓަރުންގެ ގޮތުގައި މި އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެ ފަރާތަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ ނުވަތަ، ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުކޮށްދޭންޖެހޭނެއެވެ. އަދި ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހެއްކަމުގައި ވެގެންނުވާނެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.