ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން


  • އަހަރުގެ ނިޔަލަށް ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒު

  • މިމަހުގެ 6 އާއި ހިސާބަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

  • ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް އިތުރު ފަސް ލައްކައެއްހާ ފަތުރުވެރިން ގެންނަންޖެހޭ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޯވިޑް 19އަށް ފަހު ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތަކުންވެސް އަންނަނީ ގިނަ މަސައްކަތް ކުރަމުންނެވެ. ވަކި އަމާޒެއް ކަނޑައަޅައި، އެމާޒަށް ސަރުކާރުންވެސް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

އެގޮތުން މިއަހަރުގެ ނިޔަލަށް ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެވެ. މިގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން މިމަހުގެ 6 ވަނަ ދުވަހާއި ހަމައަށް 1254252(އެއް މިލިއަން ދެލައްކަ ފަންސާސް ހަތަރުހާސް ދުއިސައްތަ ފަންސާސް ދެ) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1100620 (އެއްމިލިއަން ދިހަލައްކަ ހަސަތޭކަ ވިހި) ފަތުރުވެރިންނަށްވުރެ 153632 (އެއްލައްކަ ފަންސާސް ތިންހާސް ހަސަތޭކަ ތިރީސް ދޭއް) ފަތުރުވެރިންގެ އިތުރު ޢަދަދެކެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދެޤައުމު ގެގޮތުގައި ވެފައިވަނީ ރަޝިޔާއާއި އިންޑިއާއެވެ.

އެހެންނަމަވެސް ލިސްޓުގެ އެއްވަނައިގައި އޮތް އިންޑިއާ ދެވަނައަށް ޖައްސާލުމަށްފަހު އެންމެ ގިނަ ފަތުރުވެރިންނާއެކު ލިސްޓުގެ އެއްވަނާގައި މިއަހަރު އުޅެނީ ރަޝިޔާއެވެ. އެއީ ޖުމްލަ 147187 ފަތުރުވެރިންނެވެ.

ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެއީ 138104 ފަތުރުވެރިންނެވެ. ލިސްޓުގެ ތިންވަނައިގައި އުޅެނީ 124549 ފަތުރުވެރިންނާއެކު ޗައިނާއެވެ.

މީގެއިތުރުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި، އިނގިރޭސިވިލާތާއި، ޖަރުމަނާއި، އިޓަލީއާއި، އެމެރިކާއާއި، ފްރާންސާއި، ސްޕެއިންގެ އިތުރުން ސުވިޒަލޭންޑް ހިމެނެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. އަދި އޭގެ ކުރިން 2021 ވަނަ އަހަރުވަނީ 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމަށްޓަކައި، ރާއްޖެ ޕްރޮމޯޓްކުރުމަށް އެކި ޤައުމުތަކުގައާއި، އޮންލައިން އެކި ޕްލެޓްފޯމްތަކުގައި ކަމާބެހޭ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ފަތުރުވެރިކަމަށް ނެރޭ އެނދުގެ ޢަދަދު އިތުރުކުރުމަށް ރިސޯޓްތަކާއި ގެސްޓް ހައުސްތައް ތަރައްޤީކުރުމުގެ އެކި މަޝްރޫޢުގެ މަސައްކަތްވެސް ސަރުކާރާއި ޕްރައިވެޓް ސެކްޓަރއާއި ޢާއްމުންގެ އެކި ފަރާތްތައް ހިމެނޭހެން އަންނަނީ ކުރަމުންނެވެ.