ޚަބަރު

މޮރިޝަސްއަށް ފޮނުއްވި ސިޓީގައި ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް ދޫކޮށްލާ ވާހަކައެއް ނެތް!


ރާއްޖޭގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ދޫކޮށްލައްވަން ދިވެހި ސަރުކާރުން އެއްބަސްވެފައިވާކަމަށް ބުނެ މިހާތަނަށް ފަތުރަމުންދިޔައީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަން ހާމަވެއްޖެއެވެ.

ރާއްޖެއާއި މޮރިޝަސްގެ ބޯޑަރު ވަކިކުރުމުގެ މައްސަލަ ބައިނަލްއަޤްވާމީ ޓްރައިބިއުނަލްގައި ކުރިއަށްދަނިކޮށް، ރާއްޖޭގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ދޫކޮށްލައްވަން ސަރުކާރުން ނިންމެވިކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ތަފާތު ވާހަކަތައް ފަތުރާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައި އެކަން ރަސްމީކޮށް އަންގަވާފައިވާކަމަށްވެސް އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ރާއްޖޭގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ދޫކޮށްލައްވަން ސަރުކާރުން ނިންމެވިކަމަށް އިދިކޮޅު ފަރާތްކުން ބުނަމުންދިޔަނަމަވެސް ސަރުކާރުން ތަކުރާރުކޮށް ދިޔައީ އެކަން ދޮގުކުރައްވަމުންނެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަސަރުކުރާނެފަދަ އެއްވެސް ނިންމެވުމެއް ސަރުކާރުން ނުނިންމަވާނޭކަމުގެ ޔަޤީންކަންވެސް ސަރުކާރުން ދިޔައީ ދެއްވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ގުޅުވައިގެން ދެއްކި ވާހަކަތައް ބިނާކޮށްފައިވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސާލިހު ފޮނުއްވި ސިޓީފުޅަކާއި ގުޅުވައިގެނެވެ. ނަމަވެސް އެއީ ދެ ޤައުމެއްގެ ދައުލަތުގެ އެންމެ މަތީ ވެރިންގެ މެދުގައި ބަދަލުކޮށްފައިވާ ސިޓީއަކަށްވުމުން ސަރުކާރުން ދިޔައީ އެ ސިޓީގެ ސިއްރުކަން ބައިނަލްއަޤްވާމީ އުސޫލުތަކުގެ ތެރެއިން، ހިފަހައްޓަވަމުންނެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އާއްމުކުރައްވާފައި ނުވާކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދިޔައީ ސަރުކާރުން ރާއްޖެ ވިއްކާލާފައިވާކަމަށް ބުނެ ބޮޑު ތުހުމަތުތަކެއް ކުރަމުންނެވެ. ނަމަވެސް މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސާލިހު ފޮނުއްވި ސިޓީ ސޯޝަލް މީޑިއާގައި މިހާރު ލީކުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ގުޅުވައިގެން ދައްކަމުންދިޔައީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަން އެ ސިޓީން ހާމަވެއެވެ.

ސޯޝަލް މީޑިއާގައި ލީކުވެފައިވާ ސިޓީއަކީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސާލިހު ފޮނުއްވި ސިޓީކަން ރައީސް އޮފީހުގެ އޮފިޝަލުން ކަށަވަރުކޮށްދެއެވެ.

މިދިޔަ އަހަރުގެ އޯގަސްޓުމަހުގެ 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި، ރައީސް ސާލިހު ވިދާޅުވެފައި ވަނީ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ރާއްޖެއިން ގެންގުޅޭނީ މީގެކުރިން އެހެން ސަރުކާރުތަކުންވެސް ގެންގުޅުއްވި ސިޔާސަތުކަމަށެވެ. އަދި ކަނޑުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑު ބަދަލުނުވާނެކަމަށްވެސް އެ ސިޓީގައި ރައީސް ސާލިހު ވިދާޅުވެފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ކުރިނަމަވެސް، ރާއްޖޭގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ދޫކޮށްލުމާބެހޭ އެއްވެސް ވާހަކައެއް އެ ސިޓީގައި ނެތްކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަކަށްވެސް ބަދަލެއް ނުގެންނަވާނޭކަމަށްވެސް ރައީސް ސާލިހު ފޮނުއްވި ސިޓީފުޅުގައިވެއެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސާލިހު ފޮނުއްވި ސިޓީފުޅުގައި ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް ދޫކޮށްލުމާއިބެހޭ ވާހަކައެއް ނެތްކަން ހާމަވެފައިވާއިރު، މީގެކުރިން ބާ ކައުންސިލުގެ އެކްސްކޯގެ މެމްބަރުންތަކެއްވެސް ވަނީ އެކަން ޔަގީންކޮށްދީފައެވެ.

ބާ ކައުންސިލަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ދަށުން، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާތީ، އިޓްލޮސްއަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މައްސަލާގައި ދިވެހި ދައުލަތުން އެ މައްސަލާގައި އަމަލުކުރި ގޮތުގެ ދިރާސާއެއް އަންނަނީ ކުރަމުންނެވެ.

ބާ ކައުންސިލްގެ ފަރާތުން މައްސަލަ ދިރާސާކުރެއްވުމުގައި ސިޓީގެ އަސްލަށް ރިޔާޢަތްކޮށްފައިވާއިރު، އެކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭ ފަދަ ވާހަކައެއް ނެތްކަމަށެވެ. އަދި އެ ސިޓީގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ނިންމުމަށް އަސަރުކުރާނެފަދަ ވާހަކައެއްވެސް ނެތްކަމަށް ބާ ކައުންސިލުގެ ލޯ ރިފޯމް އެންޑު ރިސާޗު ކޮމިޓީންވެސް ވަނީ ބުނެފައެވެ.

ރާއްޖެއާއި މޮރިޝަސްގެ އިން ވަކިކުރުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ވަނީ ރާއްޖެއިން ހުށަހެޅި ގޮތަށް ބައުންޑަރީ ވަކިކުރުމަށް ނިންމަވާފައެވެ. އަދި އިޓްލޮސްއިން ނިންމި ނިންމުމަކީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ސަރުކާރުން ދިޔައީ ތަކުރާރުކޮށް ހާމަކުރައްވަމުންނެވެ.