ޚަބަރު

އިންތިޚާބުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރަންޖެހޭ: އީޔޫ މިޝަން


  • އަންހެނުންގެ ބައިވެރިވުން ބޮޑެތި އިންތިޚާބުތަކުގައި އިތުރުކުރުމަށް ގޮވާލި

  • ކެންޑިޑޭޓުންގެ މާލީ ޙާލަތު ބެލޭނެ އިންތިޒާމެއް ނެތްކަމަށް

  • ޖުމްލަގޮތެއްގައި ރާއްޖޭގެ އިންތިޚާބު ދިޔައީ ރަނގަޅަށްކަމަށް

ޤައުމީ ފެންވަރުގައި ބާއްވާ އިންތިޚާބުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ރިޔާސީ އިންތިޚާބުގައި ޙަރަކާތްތެރިވި އީޔޫގެ އިންތިޚާބީ މިޝަނުން ގޮވާލައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަގޮތް އޮބްޒާވްކުރުމަށް ރާއްޖޭގައި ޙަރަކާތްތެރިވި ޔޫރަޕިއަން ޔޫނިއަންގެ ވަފްދުން ނެރުނު ބަޔާނުގައިވަނީ ރާއްޖޭގައި އިންތިޚާބު ކުރިއަށްދިޔައީ ވަރަށް އަމާންކޮށްކަން ފާހަގަކުރައްވާފައެވެ. އިލެކްޝަން ކޮމިޝަންގައި މުވައްޒަފުންގެ ދަތިކަން ހުރުމާއެކުވެސް އިންތިޚާބުގެ އިންތިޒާމުތައް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވާފައިވަނީ ފުރިހަމައަށްކަމަށް އީޔޫގެ މިޝަނުން ފާހަގަކުރައްވައެވެ.

މީޑިއާތަކަށް އީޔޫ މިޝަންގެ ބަޔާން އިއްވަވަމުން އެމިޝަންގެ ޗީފް އޮބްޒާވަރ، ނާޗޯ ސަންޗޭޒް އަމޯރ ވިދާޅުވީ އިންތިޚާބުގެ ކަންކަން ބެލުމަށް ޖުލައިމަހުގެ 31 ވަނަ ދުވަހުން ފެށިގެން އެމިޝަނުން ޙަރަކާތްތެރިވަމުންދާކަމަށެވެ. ރާއްޖޭގައި އިންތިޚާބުގެ ކުރިން ސުލްހަވެރި އަދި ވާދަވެރި މާޙައުލެއްގައި ކެމްޕޭން ކުރިއަށްގެންދެވިފައިވާކަމަށް ދެކޭކަމަށް ނާޗޯ ސަންޗޭޒް ވިދާޅުވިއެވެ. ނަމަވެސް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާކަމަށް ތުހުމަތުކުރެވޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ހަމަހަމަ އުސޫލެއްގެ ތެރެއިން ހުރިހާ ކެންޑިޑޭޓުންނަށްވެސް ހިލޭ އޮންއެއަރ ވަގުތު ދީފައިވާކަން ނާޗޯ ސަންޗޭޒްވަނީ ފާހަގަކުރައްވާފައެވެ.

ހުރި ކަންބޮޑުވުމުގެ ތެރޭގައި ކެންޑިޑޭޓުންގެ މާލީ ޙާލަތު އެނގޭނެ އިންތިޒާމެއް ނެތުމާއި، އީސީގެ ރިޕޯޓުތަކުންވެސް އެކަން ކަށަވަރުކުރެވޭނެ މަގު ހަނިކަމާއި، ކެމްޕޭނަށް ކުރަމުންދިޔަ ޚަރަދުގެ ތަފްސީލުތައް އެނގޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން އީޔޫ މިޝަނުންވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން ކެމްޕެއިން ތެރޭގައި ޢާއްމުންނަށް އެކި ފަރާތްތަކުން ފޯރުކޮށް ދެމުންދިޔަ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރެވޭނެ އިންތިޒާމެއް ނެތުމުގެ ކަންބޮޑުވުންވެސް އެމިޝަނުންވަނީ ހާމަކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ކަންކަން މޮނިޓަރ ކުރެވޭނެ މަގު ޤައުމީ އަދި ސަރަޙައްދީ ފެންވަރުގައާއި، ބައިނަލްއަޤުވާމީ މިންގަނޑުތަކާއެއްގޮތަށް ރާއްޖޭގެ ޤާނޫނުތަކުގެ ތެރެއިން ފަހިކޮށްދީފައިވާކަން އީޔޫއިންވަނީ ފާހަގަކުރައްވާފައެވެ. އަދި މުޅިން އަލަށް ޤާނޫނީ ބާރުވެރިކަމާއެކު ލޯފަން މީހުންނަށް ވޯޓުލެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން އެމިޝަނުންވަނީ ފާހަގަކުރައްވާފައެވެ. އިންތިޚާބުގެ ރަޖިސްޓްރޭޝަން ހަރުދަނާކަމާއެކު ކުރިއަށްގެންދިޔަކަމާއި، ވޯޓުލީދުވަހު އޭގެ ސަބަބުން މައްސަލަތައް ކުރިމަތިނުވާކަންވެސް އެމިޝަނުންވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން 40 މީހުން މަސައްކަތް ކުރައްވާފައިވެއެވެ. މީގެތެރޭގައި އީޔޫގެ މެމްބަރު 21 ޤައުމަކަށް ނިސްބަތްވާ މީހަކު ހިމެނޭކަމަށް އެމިޝަނުން ބުނެއެވެ. އަދި އިންތިޚާބު އޮތް ދުވަހު މާލެ ހިމެނޭހެން 12 އަތޮޅެއްގެ. 52 ރަށެއްގައި ހުރި 124 ވޯޓުލާ މަރުކަޒަކަށް ޒިޔާރަތްކޮށްފައިވާކަމަށް އެމިޝަނުން ވިދާޅުވިއެވެ.