ޚަބަރު

ބޭރުގެ އޮބްޒާވަރުންގެ ތަޢުރީފް އިލެކްޝަންސް ކޮމިޝަނަށް


  • އިލެކްޝަންސް ކޮމިޝަނުގެ އިންތިޒާމުތަކަށް ބޭރުގެ އޮބްޒާވަރުންގެ ތަޢުރީފު

  • ޢާއްމުންނާއި ސިޔާސީ ޕާޓީތަކާއި އިންތިޚާބުގެ އޮފިޝަލުން ކުރެއްވި މަސައްކަތްވެސް ފާހަގަކުރެވޭ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ އިންތިޒާމުތަކާއި، އިންތިޚާބުގެ އެންމެހާ ކަންކަން ކުރިއަށް ގޮސްފައިވަނީ ވަރަށް ފުރިހަމައަށް ކަމުގައި ރާއްޖޭގައި ޙަރަކާތްތެރިވި ބޭރުގެ އޮބްޒާވަރުންގެ ޓީމުން ހާމަކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަ ގޮތް ބެއްލެވުމަށް ރާއްޖެ އައި އޮބްޒާވަރުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓީމުގެ ޗީފް އޮބްޒަރވަރ މަހިންދަ ދޭޝަޕްރިޔާ ވިދާޅުވީ، ކޮންމެ ޤައުމެއްގައިވެސް އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅިފައި އޮންނަ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމުކުރަނީ އަމާން އޮމާން ދެފުއް ފެންނަ އިންތިޚާބެއް ބާއްވާ، ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ޙައްގުތަކާއި، ސަރުކާރު އެކުލަވާލުމުގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ކަށަވަރުކުރުމާއި ޤައުމެއްގެ ޑިމޮކްރެޓިކް ޙައްގުތައް ލިބިދިނުންކަން ފާހަގަކުރައްވާ މަހިންދަ ދޭޝަޕްރިޔާ ވިދާޅުވީ، މިހުރިހާކަމެއް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ޙާސިލުކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ އިންތިޒާމުތަކާއި އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށްގޮސްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް މަހިންދަ ދޭޝަޕްރިޔާ ވިދާޅުވިއެވެ.

"އޮބްޒާވަރުންގެ ޓީމުގެ ވެރިއެއްގެ ޙައިސިއްޔަތުން ރާއްޖޭގައި މިމަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިޚާބަކީ، މިނިވަން އިންސާފުވެރި، އަމާން، ހަމަނުޖެހުމެއް ނުހިނގާ، ދެފުއްފެންނަ، އަދި މިއީ ވަރަށް ކްރެޑިބަލް އިލެކްޝަނެއް. އެކަމަށްޓަކައި ދިވެހިންނަށާއި ކޮމިޝަނަށް ޝުކުރު ދަންނަވަން." މަހިންދަ ދޭޝަޕްރިޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ކުރިއަށްދިޔަ އިންތިޚާބުގެ އިންތިޒާމުތަކަށް ތަޢުރީފުކުރައްވަމުން އޮބްޒާވަރުންގެ ޓީމުންވަނީ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ރިވެތި ނަމޫނާވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ހެނދުނު 0630 ހާއިރުން ފެށިގެން ކެތްތެރިކަމާއެކު އެކި ގަޑިތަކުގައި ދިގު ކިޔުތަކުގައި މަޑުކޮށްގެން ތިބި ތިބުން އެޓީމުންވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު އިންތިޚާބުގެ ކަންކަން އަމާންކަމާއެކީ ކުރިއަށްގެންދިޔުމަށް ސަލާމަތީ ބާރުތަކުން އަދާކުރެއްވި ދައުރުވެސް އެޓީމުންވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްދާގޮތް ބެލުމަށްޓަކައި ބޭރުގެ 165 އޮބްޒާވަރުންނާއި މޮނީޓަރުންވަނީ ޙަރަކާތްތެރިވެފައެވެ. މީގެތެރޭގައި 143 އޮބްޒާވަރުންނާއި 22 މޮނީޓަރުން ހިމެނެއެވެ. މިފަރާތްތަކުންވަނީ އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަ އެކި ސަރަޙައްދުތަކުގައި ޙަރަކާތްތެރިވެފައެވެ.