ޚަބަރު

ދެވަނަ ބުރަށް ކޯލިޝަން ހެދުމަށް ޕާޓީތަކާއި ލީޑަރުންނަށް ޑރ މުޢިއްޒު ދަޢުވަތުދެއްވައިފި


  • މުޢިއްޒު ވަނީ، ޕާޓީތަކާއި ސިޔާސީ ލީޑަރުން ކޯލިޝަނާ ގުޅިވަޑައިގަތުމަށް ދަޢުވަތުދެއްވާފައި

  • ހޮނިހިރު ދުވަހު އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވާ ކުރިހޯއްދެވީ ޑރ.މުޢިއްޒު

  • މުޢިއްޒު ވިދާޅުވީ، މިއީ ޤައުމު އިސްކުރަންވީ ވަގުތުކަމަށް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ސިޔާސީ ޕާޓީތަކާއި ލީޑަރުން ޕީޕީއެމް ޕީއެންސީ ކޯލިޝަންއާއި ގުޅިވަޑައިގެން ކުރިއަށްދިއުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތުއަރުވައިފިއެވެ.

ޑރ. މުޢިއްޒު މިގޮތަށް ގޮވާލެއްވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އަރޓިފިޝަލް ބީޗުގައި، ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުޢިއްޒު ވިދާޅުވީ ޤައުމަށް އެންމެ ފައިދާ ބޮޑު ގޮތަކީ، ޤައުމުގެ މިނިވަންކަމާއި ޤައުމީ ފިކުރު އިސްކުރުންކަމަށެވެ. ހޮނިހިރު ދުވަހުގެ ވޯޓުން ރައްޔިތުން ނިންމި ނިމުމުން، ފެނިގެން ދިޔައީ އެކަމަށް ބޭނުންވެފައިތިބި މިންވަރުކަމަށް މުޢިއްޒު ވިދާޅުވިއެވެ. އެހެންކަމުން ހޮނިހިރު ދުވަގު މުޅިން ޚިޔާލު އެއްގޮތް ނުވި މީހުންވެސް، ޚިޔާލު އެއްގޮތްކޮށް "ދިވެހީންގެ ރާއްޖެ"އަށް ދިއުމަށް އެކުގައި މަސައްކަތަށް ނިކުންނެވުމަށް މުޢިއްޒު ވަނީ ގޮވާލައްވާފައެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވިސްނުންފުޅަކީ ގަޢުމުގެ ލާބައަށް މަންފާއަށް މަސައްކަތް ކުރުމަށް ނިކުންނަ ކޮންމެ ލީޑަރަކާއެކު އަތުގުޅާލާ އެކުގައި މަސައްކަތް ކުރުންކަމަށެވެ. މުޢިއްޒު ވަނީ ޕީޕީއެމް ޕީއެންސީ ކޯލިޝަނާ ގުޅިވަޑައިގަތުމަށް، މިފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވި ޕާޓީތަކާއި ލީޑަރުންނަށް ގޮވާލައްވާފައެވެ.

"ތަރައްޤީގެ ފިކުރުގެ ޓީމެއް މިއީ. އިއްޔެގެ އިންތިޚާބުގައި ބައިވެރިވި އެހެން ޕާޓީތަކާއި ސިޔާސީ ލީޑަރުންނަށް، މި ވަރުގަދަ ޤައުމީ މަސައްކަތުގައި އެކުގައި ބައިވެރިވުމަށް ދަޢުވަތުއަރުވަން. އަޅުގަނޑު އިސްކުރާނީ، ރަޙުމަތްތެރިކަމުގެ އަތް. ޤައުމުދެކެ ލޯބިވާ ހުރިހާ ސިޔާސީ ވެރިން، އެއްވިސްނުމެއްގައި ގައުމު އިސްކުރަންވީ ވަގުތު މިއީ." މުޢިއްޒު ވިދާޅުވިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑރ. މުޢިއްޒު ވަނީ %46.15 ވޯޓު ހޯއްދަވާ، ކުރި ހޯއްދަވާފައެވެ. މުޢިއްޒު ވިދާޅުވީ، މިކަމުންވެސް ފެނިގެން މިދިޔައީ ރައްޔިތުން ކުރިއަށްވެސް ބޭނުންވާ ގޮތްކަމަށެވެ.

ޑރ .މުޢިއްޒު ވަނީ، މެނިފެސްޓޯގައި ހިމެނުއްވި ކޮންމެ ކަމެއް އަކުރުން އަކުރަށް ކޮށްދެއްވާނެކަމަށް ވިދާޅުވެ މެނިފެސްޓޯގެ މުހިންމު ކަންކަން ތަކުރާރުކުރައްވާފައެވެ. މުޢިއްޒު ވިދާޅުވީ އެއީ ރައްޔިތުންގެ ތާޢީދު ހޯދުމަށް ހެދި މެނިފެސްޓޯއެއް ނޫންކަމަށައި، އެކަންކަންކަމުގެ ޕްލޭނާއި ކުރާނެގޮތްވެސް އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމަށް އެނގިވަޑައިގަޑައިގަންނާކަމަށެވެ.

އެގޮތުން ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް އަލިއްޅުއްވާލައްވާ މުޢިއްޒު ވިދާޅުވީ، މި ސަރުކާރުގައި ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ އެއްވެސް ގޯއްޗެއް، ފްލެޓެއް އަތުނުލާނެކަމަށެވެ. އަދި މެނިފެސްޓޯގައި ޒުވާނުންނާއި، އަންހެނުންނާއި، އަދި އިސްރަށްވެހިންނަށް ހިމާނާފައިވާ ކޮންމެ ކަމަކީވެސް ފުއްދަވާނެ ކަންކަން ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އަޅުވާ އާމްދަނީ އިތުރުކުރެވޭނީވެސް، އެމަނިކުފާނުގެ ތަޞައްވުރާއި އެކުގައި ކުރިއަށްގޮސްގެންކަމަށެވެ. އަދި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަކީ އެންމެ އިސްކަން ދެއްވާނެ ކަންކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.