ޚަބަރު

ހއ. ދިއްދުއާއި ގއ. ވިލިނގިލީގައި ތަރައްޤީކުރާ ރޯހައުސްތަކަށް ކުރިމަތިލާން ހުޅުވާލައިފި


  • ހއ. ދިއްދޫގައި 75 ރޯހައުސް ތަރައްޤީކުރަން އެސްޖޭއާއި ޙަވާލުކުރީ 2022 ގެ އޯގަސްޓުގައި

  • ގއ. ވިލިނގިލީގައި 50 ރޯހައުސް ތަރައްޤީކުރަން ދޮންބޭޒްއާއި ޙަވާލުކުރީ 2022 ގެ ޖޫންގައި

  • މިއީ ހުސް 3 ކޮޓަރިއާއި، 3 ފާޚާނާ ހިމެނޭގޮތަށް 2 ބުރިއަށް ޢިމާރާތްކުރާ ރޯހައުސްތަކެއް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހއ. ދިއްދުއާއި ގއ. ވިލިނގިލީގައި ޢިމާރާތްކުރާ ރޯހައުސްތަކަށް ކުރިމަތިލާން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުވާލައްވައިފިއެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދިއްދޫގައި 75 ރޯހައުސް އަދި ވިލިނގިލީގައި 50 ރޯހައުސް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. މި 2 މަޝްރޫޢުވެސް ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މި 2 ރަށުގައި ތަރައްޤީކުރާ ރޯހައުސްތަކަށް ކުރިމަތިލުމަށް އަންނަމަހުގެ 7 ވަނަ ދުވަހާއި ހަމައަށް މިހާރު ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. މި ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ކިޔޫގައި ނުޖެހި ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް މިނިސްޓްރީން އެކަށައަޅާފައިވާ ޕްލެޓްފޯމް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށެވެ. އެހެންކަމުން www.gedhoruverin.gov.mv އަށް ލޮގިންގ ކުރައްވައި ފޯމު ހުށައެޅުއްވޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ދިއްދޫގައި ތަރައްޤީކުރާ 75 ރޯހައުސްގެ ތެރެއިން 72 ރޯހައުސް ޚާއްސަކޮށްފައިވަނީ ދިއްދޫގެ ރައްޔިތުންނަށެވެ. އަދި 2 ރޯހައުސްއެއް ޚާއްސަކޮށްފައިވަނީ ދިއްދުއިން ބޯހިޔާވަހިކަމަށް އެދެން ބޭނުންވާ އެހެނިހެން ރަށްރަށުގެ މީހުންނަށެވެ. ވިލިނގިލީގެ 50 ރޯހައުސްއަކީ ހަމައެކަނި އެރަށުގެ ރައްޔިތުންނަށް ޚާއްސަކޮށްފައިވާ ރޯހައުސްތަކެކެވެ.

ދިއްދޫ ރޯހައުސްތަކުގެ މަސައްކަތް ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. މި މަޝްރޫޢަށް 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ. އަދި ވިލިނގިލީ ރޯހައުސްތަކުގެ މަސައްކަތް ދޮންބޭޒް ޕްރައިިވެޓް ލިމިޓެޑްއާއި ޙަވާލުކުރެއްވީ ހަމައެއަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. މި މަސައްކަތަށް 48 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ.

މި 2 ރަށުގައިވެސް ތަރައްޤީކުރާ ރޯހައުސްތަކަކީ 3 ކޮޓަރި، 3 ފާޚާނާ، ބަދިގެ އަދި ސިޓިންގ ރޫމް ހިމެނޭގޮތަށް 2 ބުރިއަށް ޢިމާރާތްކުރާ ރޯހައުސްތަކެކެވެ. މިއިން ކޮންމެ ރޯހައުސްއެއްގެ ބޮޑުމިނުގައި 700 އަކަފޫޓޫ ހުންނާނެއެވެ. ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މި ރޯހައުސްތައް ލިބޭ ފަރާތްތަކުން އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެކަމަށެވެ.

ހއ. ދިއްދުއާއި ގއ. ވިލިނގިލިން ރޯހައުސް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލު ޕްލޭނިންގ މިނިސްޓްރީން ވަނީ ގެޒެޓުގައި ޢާއްމުކުރައްވާފައެވެ. އަދި www.gedhoruverin.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.