ޚަބަރު

ލ.ލިންކް ރޯޑުގައި ހިނގި އެކްސިޑެއްޓެއްގައި މީހަކު މަރުވެއްޖެ


  • މި އެކްސިޑެންޓުގައި މަރުވެފައިވަނީ 41 އަހަރުގެ ފިރިހެނެއް

  • އުމުރުން 28 އަހަރުގެ ފިރިހެނަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން

  • ކާރު ދުއްވި މީހާ އަތުގައި ލައިސަންސެއް ނެތް

ލ. ގަން ލިންކުރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ. މިއެކްސިޑެންޓްގައި މަރުވީ ސައިކަލު ދުއްވަން އިން މީހާއެވެ.

ފުލުހުން ވިދާޅުވީ ގަމު ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިގައިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ އިއްޔެ އިރުއޮއްސި 18:25 އެހާކަށްހާއިރުކަމަށެވެ. މިއެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއާއި ކާރުގައި ތިބި 2 މީހުންގެ ތެރެއިން އެކަކު ގަން ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔަކަމަށެވެ. އަދި ސައިކަލް ދުއްވަން އިން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭ 1.51 ހާއިރު މަރުވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ކާރު ދުއްވަން އިނީ 28 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާ އަކީ ކާރު ދުއްވުމުގެ ލައިސަންސް ނެތް މީހެއްކަމަށެވެ. އަދި މިމީހާއަށް ގަމު ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.