ތިމާވެށި

މޫސުމީ ބަދަލުތަކަށް ހޭލުންތެރި ކުރުވުމުގެ ސެޝަނެއް ދިއްފުށީގައި


ދުނިޔޭގެ މޫސުމާބެހޭ ދުވަހާ ގުޅިގެން މޫސުމާބެހޭ ޤައުމީ އިދާރާއިން އިސްނަންގަވައިގެން މޫސުމީ ބަދަލުތަކުގެ މައްޗަށް ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ޕްރޮގްރާމެއް މާލެ އަތޮޅު ދިއްފުށީގައި ރޭ ކުރިޔަށް ގެންދަވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި މެރިން ޕޮލިހުންނާ ގުޅިގެން އެ އިދާރާއިން މާލެ އަތޮޅު ދިއްފުށީ ސްކޫލްގައި ވަނީ އެރަށުގެ ޢާއްމުންނަށް މޫސުމީ ބަދަލްތަކާ ގުޅޭ ގޮތުން އެ އިދާރާތަކުން ކުރާ މަސައްކަތްތައް ޙިއްޞާކޮށްފައެވެ. އެގޮތުން މޫސުމީ ބަދަލްތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ނުރަނގަޅު އަސަރުތަކާބެހޭ ގޮތުން ވަނީ މަޢުލޫމާތުދެއްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޫސުމާބެހޭ ޤައުމީ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަލީ ޝަރީފް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލްތަކާ ގުޅޭގޮތުން، ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރުން މުހިއްމު ކަމަށެވެ. އަދި މިފަދަ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމުގައި، އިދާރާތަކުން ނެރޭ އިރުޝާދުތަކުން ދޭހަވާ މާނަ ފަހުމްވުން މުހިއްމު ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މި ސެޝަންގައި މޫސުމާބެހޭ ޤައުމީ އިދާރާގެ ފަންނީ މުވައްޒަފުން ވަނީ މޫސުމަށް ސަމާލުވުމަށް އެދި އެ އިދާރާއިން ނެރޭ އެލަރޓްތަކުން ދޭހަވާ މާނަ މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް ބުނެދީފައެވެ.

ޑިޒާސްޓަރ މެނޭޖްމަންޓްގެ ފަރާތުން މި ސެޝަންގައި މަޢުލޫމާތު ދެއްވީ، ސުނާމީ ފަދަ ބޮޑެތި ކާރިސާތައް ދިމާވާ ހިނދު ކަންކުރާނެ ގޮތާ ބެހޭގޮތުންނެވެ. މި ސެޝަންގައި މެރިން ފުލުހުންގެ ފަރާތުން ދެއްވި ޕްރެޒެންޓޭޝަންގައި ރާއްޖޭގެ ކަނޑުދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ސަލާމަތްތެރި މާޙައުލެއް ޤާއިމްކޮށްދިނުމަށްޓަކައި މެރިން ޕޮލިހުން އަދާކުރައްވާ ދައުރު ވަނީ މި ބައްދަލުވުމުގެ ބައިވެރިންނަށް އޮޅުންފިލުވަދެއްވާފައެވެ.

މި ސެޝަންގައި ދިއްފުށީގެ މަސްވެރިންނާއި، ސްކޫލް ކުދިންވެސް ބައިވެރިވެފައިވެއެވެ. ދިއްފުށީގައި ކުރިއަށްގެންދިޔަ ޙަރަކާތުގެ އިތުރުން، މާލޭގެ 13 ސްކޫލެއްގައިވެސް މިފަދަ މަޢުލޫމާތު ދިނުމުގެ ސެޝަންތައް މިއަހަރުގެ ތެރޭގައި ކުރިއަށްގެންގޮސްފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއްވައެވެ. އަދި ކުރިއަށްވެސް އިތުރު ޙަރަކާތްތަކެއް އެ އިދާރާއިން ވަނީ ރާއްވަވާފައެވެ. އަންނަ ބުދަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ މޫސުމާއި ބެހޭ ދުވަހެވެ.