ޚަބަރު

އާސިޔާން ސަމިޓަށް އެމެރިކާ-ޗައިނާ ކޯޅުންގަނޑުގެ ހިޔަނި


އެސޯސިއޭޝަން އޮފް ސައުތްއީސްޓް އޭޝިޔަން ނޭޝަންސް (އާސިޔާން) ނުވަތަ ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ގުޅުމުގެ ސަމިޓު ކާމިޔާބުކަމާ އެކު ނިންމައިލައިފިއެވެ. އިންޑޮނީޝިޔާގެ ވެރިރަށް ޖަކަރްތާގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ސަމިޓުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ހަތުރުވެރިކަމާއި ކޯޅުންގަނޑާ ގުޅޭ މައްސަލަ ކަން ފާހަގަކޮށްލަން ޖެހެއެވެ.

އެމެރިކާ-ޗައިނާ ކޯޅުންގަނޑުގެ ހިޔަނި ސަމިޓަށް އެޅިގެން ގޮސްފައިވާއިރު، ސަމިޓު ބާއްވާފައިވާ ޤައުމު ކަމުގައިވާ އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ޤައުމުތަކުގެ މެދުގައި ހަމަޖެހުން ޤާއިމު ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. 10 މެންބަރުންގެ މައްޗަށް އެކުލެވޭ އާސިޔާންގެ މި އަހަރުގެ ސަމިޓުގައި އެމެރިކާ، ޖަޕާން، ޗައިނާ، ދެކުނު ކޮރެޔާ، އޮސްޓްރޭލިޔާ، ކެނެޑާ އަދި އެމެރިކާއިން ވެސް ބައިވެރިވިއެވެ.

އޭގެ ތެރެއިން އެމެރިކާއާއި ޖަޕާނުގެ އިތުރުން ޗައިނާއަކީ އާސިޔާންގެ މެންބަރު ޤައުމުތަކުގެ މައްޗަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ތިން ޤައުމު ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އާސިޔާންގެ މެންބަރު ޤައުމުތަކުގެ މެދުގައި މި ވަގުތު އެންމެ ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައިވާ މައްސަލަތަކުގެ ތެރޭގައި މިޔަންމާގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކާއި، ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލަ ހިމެނެއެވެ.

18 ޤައުމުގެ އިސް މަންދޫބުން ބައިވެރިވި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ވިޑޯޑޯ ވިދާޅުވީ ބައިނަލްއަޤުވާމީ މަސްރަޙުގައި އުފެދިފައިވާ ކޯޅުންގަނޑުގެ ސަބަބުން ފަނާކުރަނިވި ބަދަލުތަކެއް ދުނިޔެއަށް އަންނަމުންދާ ކަމުގައެވެ. "ހަމަނުޖެހުމާ ދެކޮޅަށް މަސައްކަތް ކުރުން، ނުތަނަވަސް ކަމާ ދެކޮޅަށް މަސައްކަތް ކުރުން، ހަނގުރާމަތައް ނުފެށުން، މިއީ ހުރިހާ ޤައުމެއްގެ އިސްވެރިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކެއް،" ވިޑޯޑޯ ވިދާޅުވިއެވެ.

އަދި، ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ކޯޅުންތަކާއި ހަމަނުޖެހުންތައް ހައްލު ނުކުރެވިއްޖެ ނަމަ، ދުނިޔެ ފަނާވުމުގެ ފުރުޞަތު އޮތް ކަމަށް ވިދާޅުވެ، އޭނާ ވަނީ ދުނިޔޭގެ ލީޑަރުންނަށް އިންޒާރު ކުރައްވާފައެވެ. އާސިޔާންގެ ގިނަ ޤައުމުތަކަކީ ބައިނަލްއަޤުވާމީ މަސްރަޙަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގައި މެދުމިނުގެ ސިޔާސަތުތަކެއް އިސްކުރާ ޤައުމުތަކެއް ކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް، ބައެއް މައްސަލަތަކަކީ އެ ޤައުމުތަކަށް ނޭދެވޭ އަސަރުތަކެއް ކުރާ މައްސަލަތަކެކެވެ.

ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައާއި ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ ގުޅޭ މައްސަލައަކީ މި ކަމުގެ ބައެއް މިސާލެވެ. މީގެ ތެރެއިން ތައިވާނާ ގުޅޭ މައްސަލައިގައި އެންމެ ބޮޑަށް ޚިޔާލުތަފާތުވެފައި ވަނީ ޗައިނާއާއި އެމެރިކާއާ ދެމެދުގައެވެ. އެމެރިކާއިން ދެކެނީ ތައިވާނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައެވެ. ނަމަވެސް، އެއީ ޗައިނާގެ ބައެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ.

މި އަހަރުގެ އާސިޔާން ސަމިޓުން ފެނިގެންދިޔަ ބައެއް އިސް ލީޑަރުންގެ ތެރޭގައި އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް، ޗައިނާގެ ބޮޑުވަޒީރު ލީ ޗެންގް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، އަދި ދެކުނު ކޮރެޔާގެ ރައީސް ޔުން ސޮންގްޔޮއި ފާހަގަ ކުރެވެއެވެ. އާސިޔާންގެ މެންބަރު ޤައުމުތަކުގެ ޖުމުލަ އާބާދީ 700 މިލިޔަނަށް އަރާއިރު، އިންޑޮނީޝިޔާގެ ޗެއާމަން ކަމުގެ ދަށުގައި އެ ގުޅުމުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ފާހަގަކޮށްލަން ޖެހެއެވެ.