ޚަބަރު

ދިވެހިންގެ ބޮޑު ނިންމުން މާދަމާ، ވޯޓުލުން ހެނދުނު 8 ޖަހާއިރު ފަށާނެ


  • ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00އިން ހަވީރު 04:00އަށް

  • ޖުމްލަ 8 ކެންޑިޑޭޓުންނާއެކު، މިފަރުގެ އިންތިޚާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ފަހަރު

  • ރައްޔިތުންގެ ނިންމުން މާދަމާ ރޭ އިނގޭނެ

ވާދަވެރި ވަރުގަދަ ކެމްޕެއިންތަކަށްފަހު، މާދަމާ ވެގެންދަނީ ދިވެހިންގެ ބޮޑު ނިންމުން ނިންމާ ދުވަހަށެވެ. ކުރިއަށް އޮތް 5 އަހަރުގެ ދަޢުރަށް ވަލީޢުލްއަމްރަކަށް ދިވެހިން އައްޔަންކުރާ ބޭފުޅަކު އިންތިޚާބުކުރާ ބޮޑު ދުވަހެވެ.

މިއީ ތާރީޚީ އިންތިޚާބެކެވެ. މި އިންތިޚާބު ޚާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ، މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިޚާބެއްގައި ވާދަކުރާ އިންތިޚާބެވެ. 2 008ވަނަ އަހަރު ރާއްޖެއަށް ތަޢާރަފްވި މަލްޓި ޕާޓީ ނިޒާމާއެކު، ބާއްވާ 4 ވަނަ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރެއެވެ.

އެއީ 5 ސިޔާސީ ޕާޓީއަކުން ވާދަކުރައްވާ ކެންޑިޑޭޓުންނާއި، އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން:

• ކެންޑިޑޭޓު ނަންބަރު 1: އަމިއްލަ ގޮތުން / ޢުމަރު ނަޞީރު
• ކެންޑިޑޭޓު ނަންބަރު 2: އަމިއްލަ ގޮތުން / ޙަސަން ޒަމީލް
• ކެންޑިޑޭޓު ނަންބަރު 3: އެމްޑީޕީ/ އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ)
• ކެންޑިޑޭޓު ނަންބަރު 4: ޕީއެންސީ / ޑރ. މުޙައްމަދު މުޢިއްޒު
• ކެންޑިޑޭޓު ނަންބަރު 5: ޖުމްހޫރީ ޕާޓީ / ޤާސިމް އިބްރާހިމް
• ކެންޑިޑޭޓު ނަންބަރު 6: އަމިއްލަ ގޮތުން / ފާރިސް މައުމޫން
• ކެންޑިޑޭޓު ނަންބަރު 7: ދަ ޑިމޮކްރެޓްސް/ އިލްޔާސް ލަބީބް (އިއްލި)
• ކެންޑިޑޭޓު ނަންބަރު 8: އެމްއެންޕީ/ ކާނަލް މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް)

ޕާޓީތަކާއި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑުޑޭޓުން ތާޢީދު ހޯދުމަށް ބޭއްވި އެންމެހާ ކެމްޕެއިން ހަރަކާތްތައް މިރޭގެ އިރުއޮއްސި 06:00 ޖެހުމާއެކު ވަނީ ނިންމާލާފައެވެ. ދެން އޮތީ މާދަމާގެ ވާދަވެރި ބޮޑު އިންތިޚާބެވެ.

އިންތިޚާބާއި ގުޅޭގޮތުން އިލްކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚާބާއި ގުޅިގެން ހަމަޖައްސަންޖެހޭ އެންމެހާ ކަންކަން އެންމެ ފުރިހަމައަށް ކޮމިޝަންގެ ފަރާތުން ހަމަޖައްސަވާފައިވާކަމަށެވެ. ރަށްރަށަށް ވޯޓު ފޮށިތައް ފޮނުވުމުގެ މަސައްކަތާއި، އޮފިޝަލުން ހަމަޖެއްސުމާއި އަދި އިދާރީ ގޮތުން ވާންޖެހޭ އެންމެހާ ތައްޔާރީތައް ފުރިހަމަކޮށްފައިވާކަމަށެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ، މިއީ އެންމެ އިންސާފުވެރި ދެފުށްފެންނަ އިންތިޚާބަށް ވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

"އެ މީހަކު ބޭނުން ކެނޑިޑޭޓަކަށް ވޯޓު ކަރުދާހުގައި ފާހަގަޖަހާ، ކަރުދާސްކޮޅު ފޮއްޓަށް ލާންވީ. އެ ފޮށި އެންމެންގެ ލޯ ކުރިމަތީގައި ގުނަންދެންވެސް އިންނާނީ. އެންމެހާ މޮނިޓަރުންނާ އޮބްޒާވަރުންގެ ކުރިމަތީގައި ވޯޓު ގުނާނީ. މަޖޫބޫރުކުރުވުމުގެ އެއްވެސް ފުރުޞަތެއް މި އިންތިޚާބަކު ނޯންނާނެ." ފުއާދު ތަޢުފީޤް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުޢާދު ތައުފީޤް ވިދާޅުވީ ވޯޓުލުމުގެ އެންމެހާ ކަންކަން ހުރިހާ މަރުކަޒުތަކުގައިވެސް ހެނދުނު 08:00 ގައި ފަށާނެކަމަށެވެ. އަދި ހަވީރު 04:00 ގައި ފޮށިތައް ބަންދުކުރާނެކަމަށެވެ. ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރާތާ، 30މިނެޓު ފަހުންނެވެ.

އިންތިޚާބާ ގުޅޭ މަސައްކަތްތަކުގައި ހަރަކާތްތެރިވާ، އިލެކްޝަންސް ކޮމިޝަންގެ ފާސް އޮތް މީހުންނަށް ކިއުގައި ނުޖެހި ވޯޓު ލެވޭނެއެވެ. އަދި އާއްމު ޚިދުމަތްތަކުގައި ޔުނީފޯމް އެޅި މުވައްޒަފުންނަށްވެސް ކިއުގައި ނުޖެހި ވޯޓު ލެވޭނެއެވެ. މީގެއިތުރުން އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާ އަދި އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކިއުގައި ނުޖެހި ވޯޓު ލެވޭނެއެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލި ބިފައިވަނީ 282،395 މީހަކަށެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި ބަހައްޓައެވެ. ވޯޓު ލމުގެ ކަންކަން ހަވީރު 4 ގެ ފަހުން ނިމި ވޯޓު ފޮށިތައް ގުނަމުންދާ ވަރަކަށް، ނަތީޖާ އިޢުުލާންކުރަން ފަށާނެއެވެ. މާދަމާ ރޭ އިންތިޚާބުގެ ވަގުތީ ނަތީޖާއަކާ ހަމައަށް ދެވޭނެއެވެ.

އިންތިޚާބުގައި ދެވަނަބުރަކަށް ދާންޖެހޭނަމަ، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.