ޚަބަރު

އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލުމަށް ފުލުހުން ތައްޔާރު، އެލާޓް ލެވެލް އެންމެ މަތީގައި


  • ވޯޓުލާ ހުރިހާ ސަރަހައްދަކަށް ފުލުހުން ވަނީ ފޮނުވާފައި

  • ފުލުހުންގެ އެލަރޓް ލެވެލް 3ގައި

  • އަމާންކަމާއެކު އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އިލްތިމާސްކުރެއްވި

މާދަމާ ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން ކުރިމަތިވެދާނެ އެއްވެސް ހާދިސާއާއަކަށް ފުލުހުން ފުރިހަމައަށް ތައްޔާރަށް އޮތްކަމަށާއި، އެލއަރޓް ލެވެލް އެންމެ މަތިކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުން ވަނީ ވޯޓުލުން ކުރިއަށްދާ ހުރިހާ ސަރަޙައްދަކަށް ފުލުހުން ފޮނުވާ "އޮޕަރޭޝަން ބްލޫވޭވް'' ގެ ނަމުގައި އޮޕަރޭޝަނެއް ފަށްޓަވާފައެވެ.

ރިޔާސީ އިންތިޚާބުގެ ކޮމާންޑަރ ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ރިޔާސީ އިންތިޚަބަށް ތައްޔާރުވުމަށްޓަކައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ތައްޔާރީތައްވާން ފެށިކަމަށެވެ. އެގޮތުން ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ފުލުހުން އަމަލުކުރަމުންދާނެ ގޮތުގެ ޕްލޭންތައް ތައްޔާރުކުރިކަން ޝާކިރު ފާހަގަކުރެއްވިއެވެ.

ޝާކިރު ވިދާޅުވީ، އިންތިޚާބުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރު ހުރިހާ ސަރަހައްދަކަށް ފުލުހުން ފޮނުވާ ނިންމާފައިވާކަމަށެވެ. އަދި ވޯޓުލަން ފަށާ ހިސާބުން ފެށިގެން ވޯޓުގެ ނަތީޖާ އިޢުލާންކޮށް އަދި އޭގެ ފަހުންވެސް ދިމާވެދާނެ ހާދިސާތަކަށް ފުލުހުން ތައްޔާރަށް އޮތްކަމަށާއި އެލއަރޓް ލެވެލް އެންމެ މަތިކޮށްފައިވާކަމަށެވެ.

"ފުލުހުންގެ އެކި ޓީމްތައް އެކި ސަރަޙައްދުތަކަށް ބަހާލެވިފައިވާނެ. އެއާއެކު ފުލުހުން ތިބީ އިންތިޚާބާ ގުޅިގެން ކުރިމަތިވާ ކޮންމެ ކަމަކަށް އެޓެންޑް ވުމަށް ތައްޔާރަށް. ފުލުހުން ނެތް އެއްވެސް ރަށެއް ނޯންނާނެ. އެއްވެސް މަސްއަލައެއް ދިމާވެއްޖެނަމަ ފުރަތަމަ ވާހަކަ ދައްކައިގެން އެ މައްސަލައެއް ހައްލުކުރާނެ. އަދި އެއްވެސް މައްސަލައެއް ދިމަވެއްޖެނަމަ އާއްމުންނަށް 119 އަށް ގުޅާ އެ މަޢުލޫމަތު ހިއްސާ ކުރެވޭނެ." ޝާކިރު ވިދާޅުވިއެވެ.

ޝާކިރު ވަނީ ރިޔާސީ އިންތިޚާބުގެ ހުރިހާ ކަންކަމެއް ސުލްޙަވެރިކަމާއި، އަމާންކަމާއި ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ވޯޓުލުމަށް ދާއިރު ކޮންމެހެން ގެންދަން ޖެހޭ އެއްޗެހި ގެންދިޔުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ.

ފުލުހުން ވަނީ ކަނޑައެޅިފައިވާ ތަރުތީބުން ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދިޔުމަށާއި، ވޯޓުލުމަށްފަހު އެ ސަރަޙައްދުގައި މަޑު ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އިންތިޚާބުގެ ނަތީޖާ ލިބެންދެން ކެތްތެރިކަމާއެކު އަމަލުތައް ބެހެއްޓުމަށާއި، ވޯޓުލާ މީހުންނާއި ކެންޑިޑޭޓުންގެ ހައްޤަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރައްވާފައެވެ.

ފުލުހުން ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބޮޑީވޯން ކެމެރާ ބޭނުން ކުރާ ގޮތަށްވެސް ނިންމާފައެެވެ. ބޮޑީ ވޯން ކެމެރާ އާއިއެކު ފުލުހުން ވޯޓުލާ މަރުކަޒު ތެރޭގައާއި، ޕޯލިން ސިސްޓަމް ތަކުގައިވެސް ހަރަކާތްތެރިވާނެއެވެ. އަދި ކެމެރާ ބޭނުން ކުރާނީ ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށް ފުލުހުން ވިދާޅުވެއެވެ. އިންތިޚާބުގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގައި މުވައްސަސާތަކުން ގުޅިގެން ކުރާ މަސައްކަތުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން އޮންނާނެކަމަށް ފުލުހުން ވިދާޅުވެއެވެ.