ޚަބަރު

ކެމްޕެއިން ކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިނާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްނުކުރުމަށް އިލްތިމާސްކޮށްފި


  • ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ގެނެސްދިން ކޮންޓެންޓްތައް ބްރޯޑްކޮމްއިން ބަލާ މޮނިޓަރކުރާނެ

  • ހަމަހަމަކަމާއެކު އިންތިޚާބާގުޅުންހުރި މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ކޮމިޝަނުން ބާރުއަޅާ

ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިނާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން އިންތިޚާބުގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން، ވޯޓު ނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.

އެހެންކަމުން، 9 ސެޕްޓެމްބަރ 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާ ގުޅޭ އެއްވެސް ކެމްޕެއިން ހަރަކާތެއް ނުވަތަ އެފަދަ ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް ފޮނުވޭ އެއްވެސް ކޮންޓެންޓެއް، މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އާދީއްތަ ދުވަހުގެ ހެނދުނު 6:00 ގެ ނިޔަލަށް ބްރޯޑްކާސްޓްނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އެކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ، ޤައުމަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންނަކީ މުހިންމު ރޯލެއް އަދާކުރާ ބައެއްކަމަށެވެ. ޚާއްސަކޮށް ރިޔާސީ އިންތިޚާބަކީ ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންވެސް ގިނަ މަސައްކަތްތަކެއް ކުރާ ދުވަސްވަރެއްކަމުން، ޚިޔާލުތަފާތުވުން ހުރިނަމަވެސް އިންތިޚާބާ ގުޅުންހުރި މަޢުލޫމާތުތައް ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުން މުހިންމުކަން މަރިޔަމް ވަހީދާ ފާހަގަކުރެއްވިއެވެ.

"އެންމެ ބޮޑަށް ސަމާލުކަން ދޭންވީ އަޅުގަނޑުމެން އިންޑިޕެންޑެންޓުކޮށް ތިބެގެން އަޅުގަނޑުމެންގެ ސްޓޭޝަންތަކުންނާއި އަދި ޖާރނަލސްޓުން ޖާރނަލިސްޓުންގެ ގޮތުގައި ރައްޔިތުންނާއި ހަމައަށް ވެރިފައިޑް ހުރިހާ މަލޫމާތުތަކާއި ސްޓޭޓްސް ގެނެސްދިނުން" މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

މަރިޔަމް ވަހީދާ ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް އިޢުލާންކުރުމާއެކު ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ބްރޮޑްކާސްޓުކޮށްގެން ގެނެސްދޭ ޕްރޮގްރާމްތައް މޮނިޓަރކުރުމުގެ މަސައްކަތް ފެށިކަމަށެވެ.

އެގޮތުން އެ ކޮމިޝަނުން އެންމެ ބޮޑަށް ބަލާ ކަންކަމުގެ ތެރޭގައި ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުޞަތު ދިނުން ހިމޭނެކަމަށް ބްރޯޑްކޮމްގެ ރައީސް ވިދާޅުވިއެވެ. މަރިޔަމް ވަހީދާ ވިދާޅުވީ، އިންތިޚާބު ނިމުމާއެކު، މޮނިޓަރކުރުމުގެ ތެރެއިން ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަން ހިމެނޭހެން ޚާއްސަ ރިޕޯޓެއް ހާމަކުރާނެކަމަށެވެ.

ބްރޯޑްކޮމްއިން ވަނީ އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނާއި ޚިލާފަށް ބްރޯޑްކާސްޓްކުރުމަކީ، ޤާނޫނެއްގެ ބާރު ކެނޑިގެންދާ ގޮތަށް ބްރޯޑްކާސްޓްކުރުން ކަމަށް ވާތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (2) އާ ޚިލާފު ކަމެއް ކަމަށް އަންގައި، މި ކަމަށް ސަމާލުވުމަށްވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރައްވާފައެވެ.