ޚަބަރު

މާލެއާއި އަތޮޅުތަކުގެ ޔުޓިލިޓީ އަގު އެއްހަމައެއްގައި ހިފަހައްޓާނަން: ޤާސިމް


  • ކަރަންޓާއި ފެން ބިލުގެ އަގު ވަކި މިނެއްގައި ހިފެހެއްޓޭނެގޮތް ހަދާނެކަމަށް

  • ކަރަންޓު ބިލު ނުދެއްކިގެން އަރާފައިވާ ޖޫރިމަނާތައް މަޢާފް ކޮށްދޭނެކަމަށް

  • ރާއްޖޭގެ ހުރިހާ ސްކޫލެއް އެއް ދަންފަޅިއަށް ބަދަލު ކުރާނެކަމަށް

މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގެ ކަރަންޓުގެ އަގު އެއް ހަމައެއްގައި ހިފަހެއްޓޭނެ ނިޒާމެއް ޤާއިމް ކުރައްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހއ. އިހަވަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ އަތޮޅުތެރެއާއި މާލޭގެ ކަރަންޓު ބިލުގެ އަގުތައް އެއަވަރެއްގައި ހިފެހެއްޓޭނެ ގޮތް ހަދާދެއްވާނެކަމަށެވެ. އަދި އަމިއްލަ ކުންފުންޏަކަށްވެސް ކަނޑައަޅާ ވަކި އަގަށްވުރެ، ބޮޑަށް ކަރަންޓަށް ޗާޖު ނުކުރެވޭނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވަނީ، ކަރަންޓާއި ފެން ބިލަށް ފައިސާ ނުދެއްކިގެން ޖޫރިމަނާ ނުދެއްކިފައިވާ ފަރާތްތަކުގެ ފައިސާ މަޢާފު ކޮށްދެއްވުމަށްވެސް ވަޢުދުވެވަޑައިގެންފައެވެ.

"ކަރަންޓާއި ފެނުގެ ބިލްތަކަށް ފައިސާ ނުދެއްކިގެން އަރާފައިވާ ޖޫރިމަނާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ކަނޑާ ދޭނަން. އަދި މާލެ އާއި ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ކަރަންޓުގެ އަގުތައް އެއް ނިސްބަތެއްގައި ކަނޑާ ގޮތަށް ހަމަޖައްސަ ދޭނަން." ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރަށް، ރާއްޖޭގެ ހުރިހާ ރަށެއްގެވެސް ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކޮށްދެއްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ޢާންމު ވަޢުދެއްގެ ގޮތުން ޤާސިމް ވަނީ ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ 5 ކަމެއް ކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.