ޚަބަރު

ވެލާ ފެޅި މީހުންގެ ޖޫރިމަނާ 33،000 ރުފިޔާއަށް ކުޑަކޮށްފި


  • ކޮންމެ މީހަކު 198،000 ރުފިޔާއިން ޖޫރިމަނާކުރި

  • ނަމަވެސް އެފައިސާ މުއްދަތުގެ ތެރޭގައި ނުދައްކާ

  • އޭޖީ އޮފީހުގެ ލަފައަކަށް ޖުރިމަނާ އަދަދު ވަނީ 33000ރ އަށް ކުޑަކޮށްފައި

  • މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭ

ބ. އަތޮޅު ކެޔޮދޫގައި ވެލާ ފަޅާ ކެއްކުމުގައި ބައިވެރިވި 7 މީހުންނަށް ކުރި ޖޫރިމަނާ 33000 ރުފިޔާއަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ކުޑަކޮށްފިއެވެ.

ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި 7 މީހަކު 198،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށް، އެފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އެންގީ މެއި މަހުގެ ތެރޭގައެވެ. އެހެންނަމަވެސް ޖޫރިމަނާ ފައިސާ ދައްކަންޖެހޭ މުއްދަތު ޖުލައި މަހުގެ 20 ވަނަ ދުވަހަށް ހަމަވިއިރުވެސް އެއްވެސް މީހަކު އެފައިސާ ދައްކާފައެއް ނުވެއެވެ.

އީޕީއޭއިން ނެރުނު ބަޔާނުގައި ވިދާޅުވީ، ވެލާ ފެޅުމުގައި ހަރަކާތްތެރިވި މީހުން ޖޫރިމަނާ ކުރިކަން އަންގާ ސިޓީތައް ފުލުހުންގެ އެހީތެރިކަމާއެކު ހަވާލުކުރުމަށް މަސައްކަތް ކުރިނަމަވެސް އެ ސިޓީތަކާ ހަވާލުވާން އެމީހުން އިންކާރު ކުރިކަމަށެވެ. އަދި ޖުލައިމަހުގެ 31 ވަނަ ދުވަހު ކެންދޫ ކައުންސިލްގެ އެހީތެރިކަމާއެކު ސިޓީތައް ހަވާލުކުރުމުގެ މަސައްކަތް ކުރި ކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

ވެލާ ފެޅުމުން ޖޫރިމަނާ ކުރި މީހުން

- ކެންދޫ، ދިރިމާގެ، އަލީ އާދަމް
- ކެންދޫ، ދިރިމާގެ ހަސަން ޒަރީރު
- ކެންދޫ، ދިލާސާގެ، އަބްދުﷲ ޝާހީ
- ކެންދޫ، ދިލާސާގެ އަހްމަދު ނާއިޝް
- ކެންދޫ، މުސަންމާގެ، ހޫދު ފަހުދު އިދުރީސް
- ކެންދޫ، އަމަން، އަންވަރު އަބްދުއްރަހްމާން
- އދ. ދިގުރަށް، ނޫރާނީ ވިލާ، ތަސްނީމް އަހުމަދު

އީޕީއޭއިން ވިދާޅުވީ، ޖޫރިމަނާ ކުރި މީހުން އެންވަޔަރަމަންޓް މިނިސްޓްރީއަށް ސިޓީއެއް ފޮނުވިކަމަށެވެ. އަދި އެ ސިޓީގައި ބަޔާންކުރާ ކަންކަމަށް ބަލައި އެ މީހުންނަށް ކޮށްފައިވާ ޖޫރިމަނާ މުރާޖައާ ކުރަން ޖެހޭ ކަމަށް މިނިސްޓްރީއަށް ފެންނާތީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފާ ހޯއްދެވިކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

އޭޖީ އޮފީހުން ވަނީ ގުދުރަތީ ގޮތުގައި ނުވަތަ ޠަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގައި ދިރޭ އެއްޗަކަށް ގޯނާކޮށްފިނަމަ ޖޫރިމަނާ ކުރެވޭނީ 30,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ކަމަށް ކަނޑައަޅާފައިކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެއަށް ވުރެ އިތުރަށް ޖޫރިމަނާ ނުކުރެވޭތީ ވެލާފެޅި ކޮންމެ މީހަކު ދައްކަން ޖެހޭނީ 33000 ރުފިޔާކަމަށް އީޕީއޭއިން މިހާރު ވަނީ ކަނޑައަޅުއްވާފައެވެ. އީޕީއޭ އިން ވިދާޅުވީ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައްކަން އެ މީހުންނަށް މިހާރު އަންގާފައިވާ ކަމަށެވެ.