ޚަބަރު

އިންތިޚާބަށް 285،219 ވޯޓު ކަރުދާސް ޕްރިންޓުކުރި: އީސީ


  • ވޯޓުލުމުގެ ޙައްޤުލިބިފައިވަނީ 282،395 މީހުންނަށް

  • އަލަށް 27000އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވޭ

  • ޖުމްލަ 574 ވޮޓު ފޮށި ބަހައްޓާ

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް 285،219 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ކޮންމެ މީހަކަށްވެސް ލިބޭނީ އެންމެ ވޯޓު ކަރުދާހެކެވެ. އަދި އެ ވޯޓު ކަރުދާހުގައި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ 8 ކެންޑިޑޭޓުންގެ ނަމާއި ވާދަކުރާ ޕާޓީ އެނގެން އޮންނާނެއެވެ.

ހޮނިހިރުދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވަނީ 282،395 މީހަކަށެވެ. އަދި މިފަހަރުގެ އިންތިޚާބުގައި އަލަށް 27000އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިއަހަރުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 285،219 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާކަމަށެވެ. އަދި އެ ވޯޓު ކަރުދާސްތައް ޗާޕްކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުންކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ވޯޓުލުމަށްޓަކައި ބޭނުންވާ ސާމާނު ވޯޓުލާ މަރުކަޒުތަކަށް ފޮނުވަން ފަށާފައެވެ.

ރިޔާސީ އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރު ހިމެނޭހެން ޖުމްލަ 574 ވޮޓު ފޮށި ބަހައްޓައެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިޚާބެވެ. ރާއްޖެއިން ބޭރުން އަބޫދާބީގެ އިތުރަށް ދިވެހިން ދިރިއުޅޭ އިތުރު 4 ޤައުމެއްގައިވެސް ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމަވާފައެވެ. އެއީ އިންޑިޔާގެ ޓްރިވެންޑްރަމް ،ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިޔާގެ ކުއަލަލަމްޕޫރު އަދި އިނގިރޭސި ވިލާތުގެ ލަންޑަންގައެވެ. މި އިންތިޚާބުގައި 65 ރިސޯޓެއްގައިވެސް ވޯޓު ފޮށި ބަހައްޓައެވެ.

މިފަހަރުގެ އިންތިޚާބުގައި ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ފުރަތަމަ ފަހަރަށް އަމިއްލައަށް ވޯޓުލުމުގެ ފުރުޞަތު ލިބޭނެއެވެ. އެހެންކަމުން ފެނުމުން މަޙްރޫމްވެފައިވާ މީހުން ވޯޓުލުމަށްޓަކަށް، ވޯޓު ކަރުދާހުގައި ޚާއްސަ ޓެމްޕްލޭޓެއް ވަނީ ހިމަނާފައެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭނީ ކަޅު ނުވަތަ ނޫކުލައިގެ އާދައިގެ ގަލަމަކުންނެވެ. އެހެން ކުލަކުލައިގެ ގަލަމުން ފާހަގަ ޖަހައިފިނަމަ ވޯޓު ބާޠިލްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.