ޚަބަރު

ހޮނިހިރު ދުވަހުގެ އިންތިޚާބަށް އެންމެ ފުރިހަމައަށް ވަނީ ތައްޔާރުވެފައި: ފުއާދު


  • ފުޢާދު ވިދާޅުވީ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ހުރިހާ އިންތިޒާމްތައް ފުރިހަމަކޮށްފައިވާކަމަށް

  • މިއީ އެންމެ ފުރިހަމަ ދެފުއްފެންނަ މިނިވަން އިންތިޚާބަށްވާނެކަމަށް ފުއާދު ވިދާޅުވި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވާންޖެހޭ ތައްޔާރީތައް ފުރިހަމައަށް ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤް ވިދާޅުވީ، ކޮމިޝަންގެ ފަރާތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކާއި އިންތިޒާމްތައް މިހާރު ހަމަޖައްސާފައިވާކަމަށެވެ.

ވޯޓުލާ މަޒުކަޒުތަކަށް ބޭނުންވާ އޮފިޝަނުން ހަމަކުރުމާއި، އެމީހުންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތްތައް ވަނީ ނިންމާފައެވެ. އަދި ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ވޯޓު ކަރުދާހާއި، ސާމާނުވެސް މިހާރު ވަނީ ރަށްރަށަށް ފޮނުވާ ނިމިފައެވެ. މީގެއިތުރުން ރާއްޖޭއިން ބޭރުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާ، އިލެކްޝަންސް ކޮމިޝަނުންގެ އޮފިޝަލުންވެސް މިހާރު ވަނީ ޤާއުމުތަކަށް ފޮނުވާފައެވެ.

ފުއާދު ތަޢުފީޤް ވިދާޅުވީ، އިންތިޚާބައި ގުޅިގެން މިހާތަނަށް ކޮމިޝަނަށް ލިބިފައިވަނީ ވަރަށް މަދު ޝަކުވާއެއްކަމަށެވެ. އެގޮތުން މިފަދަ ކަންކަންވެސް ބަލާ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް ފުއާދު ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ، އިންތިޚާބާއި ގުޅިގެން ކެންޑިޑޭޓުން ހުށައަޅާ ކަންކަންވެސް ވަރަށް ގާތުން ބަލާ އެކަންކަމަށް ރިޢާޔަތްކުރަމުންދާކަމަށެވެ.

ފުއާދު ވިދާޅުވީ ވޯޓުލާ މަރުކަޒުތަކަށް ތަކެތި ގެންދިއުމާއި، މަރުޒުތައް ބެލެހެއްޓުމުގައި ފުލުންގެ ޓީމްވެސް އޮތީ މުޅިން ތައްޔާރަށްކަމަށެވެ. އަދި ރިސޯޓްތަކުގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށް ޓުއަރިޒަމް މިނިސްޓްރިއާއި ރިސޯޓްތަކުންވެސް ފުރިހަމައަށް އެއްބާރުލުން ދީފައިވާކަމަށެވެ.

ފުއާދު ވިދާޅުވީ، މަރުކަޒުތައް ހަމަޖެއްސުމާއި، އިންތިޒާމްތައް ހަމަޖެއްސުމުގައި ސަރުކާރުގެ ހުރިހާ އިދާރާއެއް ގުޅިގެން ވަރަށް ބުރަ މަސައްކަތެއް މި އިންތިޚާބަށް ތައްޔާރުވުމަށް ކުރައްވާފައިވާކަމަށެވެ.

މީގެއިތުރުން އިންތިޚާބު މޮނިޓަރ ކުރުމާއި އޮބްޒަރވް ކުރުމަށް ރާއްޖެއިން ބޭރުން އަންނަ ވަފުދުތައްވެސް މިހާރު ދަނީ ރާއްޖެ އަންނަމުންނެވެ. ފުއާދު ވިދާޅުވީ މިފަހަރުގެ އިންތީޚަބަކީ އެންމެ ދެފުށްފެންނަ މިނިވަން އިންތިޚާބަށް ވާނެކަމުގެ ޔަޤީންކަންދޭކަމަށެވެ.

"އެންމެ ފުރިހަމަ ދެފުއްފެންނަ މިނިވަން އިންތިޚާބަށް މި އިންތިޚާބު ވާނެ. ބޭރުގެ އޮބްޒާވަރުންނަށްވެސް އެމީހުން ރާއްޖެއިން ބޭނުން ސަރަޙައްދެއްގައި އިންތީޚާބުގެ ކަންކަން ބެލުމުގެ ފުރުޞަތު އޮތީ ފަހިކޮށްދީފަ. ކުރިން މިި ފުރުޞަތު ދެނީ ކޮމިޝަނުން ކަނޑައަޅާ ވަކި ތަންތާންގައި." ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ޖުމްލަކޮށް ހުރިހާ މަސައްކަތްތައްވެސް ވަރަށް އަމާން އޮމާންކޮށް ކުރިއަށްދާކަމަށެވެ. އަދި ކޮމިޝަނުން އޮތީ ވޯޓުލާ ދުވަހަށް ފުރިހަމައަށް ތައްޔާރަށްކަމަށެވެ.

އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޕާޓީއާއި މީޑިއާތައް ހިމެނޭހެން އޮބްޒާވަރުންނާ މޮނިޓަރުންގެ ގޮތުގައި 1700 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ. މިއީ ރިޔާސީ އިންތިޚާބު މޮނިޓަރކުރުމަށްވެސް މިހާ ގިނަ ބަޔަކު ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު 282395 މީހަކަށް ލިބިފައިވެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރު ހިމެނޭހެން މި އިންތިޚާބުގައި ޖުމްލަ 574 ވޮޓު ފޮށި ބަހައްޓައެވެ.