ޚަބަރު

ޒަމާނީ ވަޞީލަތްތަކާއެކު، ސިފައިންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދޭނަން: ނާޒިމް


  • ޒަމާނީ ވަޞީލަތްތައް ފޯރުކޮށްދީ، ސިފައިންގަ ހުނަރު އިތުރުކުރުމަށް ތަމްރީނު ދޭނަން

  • ފުލުހުންނަށް އެ މީހުންގެ ޒިންމާ އަދާ ކުރެވޭނޭ މިނިވަން މާޙައުލެއް ޤާއިމް ކުރާނަން

  • ގިނަ އަދަދަކަށް މަސްތުވާ ތަކެތި އެތެރެ ކުރާ ފަރާތްތަކަށް މަރުގެ އަދަބު ތަންފީޒް ކުރާންނަން

ސިފައިންނަށް ޒަމާނީ ވަޞީލަތްތައް ފޯރުކޮށްދީ، ސިފައިންގެ ހުނަރު އިތުރުކުރުމަށް، އެ މީހުންނަށް ބޭނުންވާ ތަމްރީނު ދެއްވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި ރޭ ބޭއްވި "އުޖާލާ ޒަމާން" ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ސިފައިންނަށް އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތައް ހޯއްދަވާދެއްވާނެކަމަށެވެ. އަދި ސިފައިންނަށް ބޭނުންވާ އެކިއެކި ތަމްރީނު ދީގެން، އެ މީހުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަކީވެސް، ނާޒިމްގެ ތަޞައްވުރެއްކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ، އެމް.އެން.ޕީގެ ސަރުކާރެއްގައި ކަނޑުގެ ސަރަހައްދުތަކާއި، ވައިގެ ސަރަހައްދުތައް ބަލަހައްޓާނީ ޑްރޯން ބޭނުންކޮށްގެން ކަަމަށާއި، ކަނޑު އަޑީގެ ކަންކަން މޮނިޓަރ ކުރާނީ ރޮބޯޓުގެ އިތުރުން، ރިމޯޓުން އޮޕަރޭޓު ކުރާ ޒަމާނީ ފަންނިއްޔާތުގެ ވެހިކަލް ބޭނުންކޮށްގެންކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އަންނަނީ ސިފައިންނަށް ޒަމާނީ ވަޞީލަތްތައް ހޯދައިދޭން. ސިފައިންނަކީ ތަމްރީނު ލިބިފައިވާ ހުނަރުވެރި ބަޔަކަށް ހަދަން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ފުލުހުންނަށް މިނިވަންކަމާއެކު، އެ މީހުންގެ ޒިންމާ އަދާކުރެވޭނެ ނިޒާމެއް ޤާއިމް ކޮށްދެއްވާނެކަމަށެވެ. އަދި ފުލުހުންނާއި ސިފައިންނަށް އެ މީހުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާ ކުރުމަށް ކުރީ ސަރުކާރުތަކުން ހުރަސްއަޅާފައިވާކަމަށް ނާޒިމް ތުހުމަތު ކުރެއްވިއެވެ. މަސްތުވާތަކެއްޗަށް އަލިއަޅުވާލަމުން ނާޒިމް ވިދާޅުވީ ގިނަ އަދަދަކަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރައްވާނެކަމަށެވެ.