ޚަބަރު

ކެލާ މަގުތައް ތާރުއަޅާ ތަރައްޤީކުރުމަށް އާރްޑީސީއަށް


  • 3.9 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެ

  • މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރާނެ

  • މަގުބައްތި ޖަހާނެ

  • މުޅި މަޝްރޫޢަށް 99 މިލިއަން ރުފިޔާ ޚަރަދުވާނެ

ހއ. ކެލާ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީއާއި ޙަވާލުކުރައްވައިފިއެވެ.

މި މަސައްކަތް އާރް.ޑީ.ސީއާއި ޙަވާލުކުރައްވާފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ރަށުގެ މައި ހުރިހާ މަގުތަކެއް ހިމެނޭހެން ޖުމްލަ 3.9 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުބައްތި ޖެހުމުގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ކެލާ މަގު ހެދުމުގެ މަޝްރޫއަށް 99 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށެވެ. މި މަޝްރޫޢު ނިންމުމަށް އާރް.ޑީ.ސީއަށް އެ މިނިސްޓްރީން ދެއްވާފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.

މަގު ހެދުމުގެ މަޝްރޫޢު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ހަސަން ސައީދެވެ.