ޚަބަރު

232 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި


  • 1509 މައްސަލައާއި 659 އިންސިޑެންޓުގައި ހިމެނޭ 4405 އެވިޑެންސް ނައްތާލި

  • 37953.49 ގްރާމްގެ މެތްއާއި 90860.86 ގްރާމްގެ މޯފިން ވަނީ ނައްތާލާފައި

  • ސްޓިމިއުލަންޓާއި މަނާ ބޭހުގެ ގޮތުގައި ހިމެނޭ ތަކެތިވެސް ވަނީ ނައްތާލާފައި

އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތީގެ ތެރެއިން، 232 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެއްޗެވެ.

ފުލުހުން ވިދާޅުވީ މިއަދު ނައްތާލާފައިވަނީ 1509 މައްސަލައާއި 659 އިންސިޑެންޓުގައި ހިމެނޭ 4405 އެވިޑެންސްކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ އެމްޑީއެމްއޭ 1495.97 ގްރާމާއި 37953.49 ގްރާމްގެ މެތްއާއި 90860.86 ގްރާމްގެ މޯފިންއެވެ. އަދި 30266.87 ގްރާމްގެ ކެނަބިނޯލްއާއި 17830.90 ގްރާމްގެ ކޮކެއިންއާއި 0.1142 ގްރާމްގެ އެލްއެސްޑީގެ އިތުރުން އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 54145.42 ގްރާމްގެ މަސްތުވާތަކެތި ހިމެނެއެވެ. އެހެނިހެން ތަކެތީގެ ތެރޭގައި ސްޓިމިއުލަންޓާއި މަނާ ބޭހުގެ ގޮތުގައި ހިމެނޭ ތަކެތި ހިމެނޭ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެމައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލައެވެ.

މަސްތުވާތަކެތި ނައްތާލުން ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.