ޚަބަރު

ޕާކިން ޖޫރިމަނާތައް މާފްކޮށް، ޓްރެފިކް އެހެން ޖޫރިމަނާތަކަށްވެސް ލުޔެއް


  • މިދިޔަ 5 އަހަރުގެ ޕާކިންގ ސްޓިކަރ ޖޫރިމަނާގެ ތެރެއިން ނުލިބިވާ ފައިސާވަނީ މަޢާފުކޮށްދެއްވާފައި

  • ޓްރެފިކް ޤަވާއިދުތަކާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ދެއްކުމަށްވެސް ލުއިގޮތެއްވަނީ ހަމަޖައްސާފައި

2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ މިހާތަނަށް ޕާކިންގ ސްޓިކަރ ޖޫރިމަނާގެ ތެރެއިން ދައުލަތަށް ނުލިބިވާ ފައިސާ މަޢާފުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމަވައިފިއެވެ.

ސަރުކާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިކަން މިގޮތަށް ނިންމެވީ ތަފާތު އެކި ސަބަބުތަކަށް ރިޢާޔަތް ކުރުމަށްފަހުކަމަށެވެ.

ސަރުކާރުން ނެރުއްވި ބަޔާނުގައިވަނީ ސްޓިކަރ ޖޫރިމަނާ މާފްކޮށްދެއްވަން ނިންމެވީ ޕާކު ކުރާނެ ޖާގަ ނެތި ސްޓިކާ ޖަހަމުން ދިއުމުގެ ސަބަބުން ޖޫރިމަނާތައް އިތުރުވަމުންދާ ކަމުގެ ޝަކުވާ ގިނަވުމާއި، ޖޫރިމަނާ ކުރާ މިންވަރު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން ދިޔުމާއި ކޯވިޑް ސަބަބުން ދިމާވި މާލީ ދަތިތަކާއި ގުޅިގެން ޖޫރިމަނާ ފައިސާ ނުދެއްކި އިތުރުވަމުންދިއުމާއި ގުޅިގެން
ރައްޔިތުންނަށް ލުއި ގޮތެއް ހޯއްދަވައިދެއްވުމުގެ ގޮތުން ކަމަށެވެ.

2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ތެރޭގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ނުދެއްކި ޒުވާނުން ކަންބޮޑުވުމެއްގައި ތިބިކަމަށާއި، އެކަމަށް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޕާކިން ޖޫރިމަނާ ފިޔަވައި ޓްރެފިކް ޤަވާއިދުތަކާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ދެއްކުމަށް ލުއި ދެވޭނެގޮތްވެސް ސަރުކާރުންވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ވަކި ޙާލަތަށް ރިޢާޔަތްކޮށް، ޖޫރިމަނާގެ ބާވަތަށް ބަލައި ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ޖޫރިމަނާތަކަށް މަޢާފު ދެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މީގެ ތެރޭގައި، ދުއްވިއިރު އަތުގައި ލައިސަންސް ނެތި ދުއްވުމާއި، ލައިސަންސް ގެއްލިފައިވަނިކޮށް ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް ނުވަތަ ހަލާކުވެފައިވަނިކޮށް ދުއްވުމާއި، އެއްގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުން ނުވަތަ ބޭނުންކުރުން (ލައިސަންސް ނެތި ދުއްވުން) ވެސް ހިމެނެއެވެ. އަދި މީގެ އިތުރުން ވެސް ޖޫރިމަނާގެ ބާވަތުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު، މި
ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކުރުމުން މަޢާފުކުރެވޭ ކަންކަން ވެސް ހިމެނޭ ކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.

މިޓްރެއިންގ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފަވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން، 2 ހަފްތާއާއި 1 މަސްދުވަހަށްވުރެ ދިގު ނުވާނެ ގޮތަކަށެވެ. މިގޮތަށް މިކަން ކުރުމުގެ ބޭނުމަކީ ޓްރެފިކް ޤަވާއިދާ ޚިލާފުވާ ފަރާތްތަކުން، މިފަދަ މައްސަލަތައް ތަކުރާރުވާ މިންވަރު މަދުކުރުމެވެ. އަދި މީގެ ސަބަބުން ޓްރެފިކް ޤަވާއިދުތަކަށާއި، އިޖްތިމާޢީ އެހެން މައްސަލަތަކާ ގުޅޭގޮތުން މީހުން އަހުލުވެރިވާ މިންވަރު
އިތުރުކުރެވިގެންދާނެ ކަމަށްވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ.