ޚަބަރު

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި، މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުން


  • އައްޑޫ ސިޓީގެ ތާރީޚުގައިވެސް ހިންގޭ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢު

  • މުޅި އައްޑޫއަށް ޖުމްލަ 228 ހެކްޓަރުގެ ބިން ވަނީ އިތުރުކޮށްފައި

  • ފަތުރުވެރިކަމަށް ހިއްކި 3 ރަށަށް ކިޔާނެ ނަންތައްވެސް ވަނީ ފާސްކޮށްފައި

  • 1.6 ބިލިއަން ރުފިޔާ މި މަޝްރޫޢަށް ޚަރަދުވޭ

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނިންމާލައިފިއެވެ. އައްޑޫ ބިން ހިއްކުމަށް ޑްރެޖިން މަސައްކަތްތައް ފެށީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުއެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢަކީ އަތޮޅުތަކުގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢެވެ. މިއީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި، އަދި އެސިޓީގައި އިޤްތިޞާދީ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތެކެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގައި ޖުމްލަ 228 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ނެދަލޭންޑްސްގެ ވެންއޫޑް ކުންފުންޏާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީއާއި ހަވާލުކުރައްވައިގެންނެވެ.


މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ، އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ފޭސް ކާމިޔާބުކަމާއެކު ނިމުނު އޯގަސްޓްމަހު ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ހިއްކާފައިވާ ސަރަޙައްދުތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްކަމަށެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގައި ފަތުރުވެރިކަމާއި އިޤްތިޞާދީ ހަރަކާތްތަކަށް ޚާއްސަ ސަރަޙައްދުތައްވެސް ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން މަރަދޫ އަދި މަރަދޫ ފޭދޫގައި 76 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި ހިތަދޫގައި 80 ހެކްޓަރު ވަނީ ހިއްކާފައެވެ.

މީގެ އިތުރުން ރިސޯޓުގެ ގޮތުގައި ތަރައްޤީކުރާ 3 ރަށަށް، ރަށަކަށް 8.3 ހެކްޓަރުގެ މަގުން 25 ހެކްޓަރުގެ ބިން އަދި ހަންކެޑެގައި 4.72 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. މި ރަށްތައް ބީލަމަށް ހުޅުވާލަން ބޭނުންވާތީ، އައްޑޫ ސިޓީ ކައުންސިލުން މިހާރު ވަނީ މި ރަށްތަކަށް ކިޔާނެ ނަންތައްވެސް ފާސްކޮށްފައެވެ.

އެގޮތުން ހިތަދޫ ފަޅުން ހިއްކާފައިވާ "އައިލެންޑް 1" ދީފައިވަނީ "ދޮންދީނިހެރަ" އެވެ. އަދި ހަމަ އެ ސަރަޙައްދުން ހިއްކި "އައިލެންޑް 2" އަށް ދީފައިވަނީ "ބޮލިހެރަ" މިނަމެވެ. މީދޫއާ އިންވެގެން އޮންނަ ފަޅުން ހިއްކާފައިވާ "އައިލެންޑް 3" ދިން ނަމަކީ "ދޮންހެރާ" އެވެ. މި ނަންތައް ކައުންސިލުން ފާސްކޮށްފައިވަނީ ކައުންސިލުގެ ޖަލްސާގައި ބައިވެރިވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ

މި މަޝްރޫޢުގެ ތެރޭގައި އިންޓަރގްރޭޓެޑް ރިސޯޓް، ސިޓީ ހޮޓާ، ގެސްޓް ހައުސް އަދި ވޯޓަރ ވިލާތައް ތަރައްޤީކުރެވިގެންދާނެއެވެ. މި މަޝްރޫޢު މިހާރު ފެށުމުގެ މަރުހަލާގައިވާއިރު، ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް 2 އަހަރު ތެރޭގައި ހަންކެޑެ އެއްކޮށް ތަރައްޤީކޮށް ނިންމާލުމެވެ.

ހަންކެޑެ މަޝްރޫޢުގެ ތެރެއިން އައްޑޫ ސިޓީގެ އެހެން ރަށްތަކަށް ޖުމްލަ 600 ޓޫރިސްޓް އެނދު އިތުރުވާނެއެވެ.
މިއީ ޖުމްލަ 2682 އެނދު އިތުރުވެގެންދާނެ މަޝްރޫޢެކެވެ. އަދި އައްޑޫ ސިޓީގައި މިހާރު ފަތުރުވެރިކަމަށް ޕްރޮޖެކްޓްކުރެވިފައިވާ ތަފާތު މަޝްރޫޢުތައް ނިމޭއިރު ޖުމްލަ 7000 ޓޫރިސްޓް އެނދު އައްޑޫ ސިޓީގައި އޮޕަރޭޓްވެގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.

އައްޑޫ ސިޓީ ބިންހިއްކުމުގެ މަޝްރޫޢާއެކު ފަތުރުވެރިކަމާއި އިޤްތިޞާދީ ބިޔަ ހަރަކާތްތަކަށް މުޅި އައްޑޫ ސިޓީ މިހާރަށްވުރެ ބޮޑަށް ހުޅުވާލެދެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެހެންމެ މިއީ އެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހެޔޮބަދަލުތަކެއް ގެނުވާނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.

މި މަޝްރޫޢުގެ ދަށުން 1.6 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން 228 ހެކްޓަރުގެ ބިން އައްޑޫ ސިޓީއަށް މިވަނީ އިތުރުކުރެވިފައެވެ. މިއީ އައްޑޫގެ ތާރީޚުގައިވެސް ހިންގޭ ބިމުގެ އެންމެ ބިޔަ ބޮޑު މަޝްރޫޢެވެ.