ޚަބަރު

ނެއްލައިދުއާއި ވައިކަރަދޫގައި ހިންގެވި ބައެއް މަޝްރޫޢުތައް ރައީސް އިފްތިތާޙްކޮށްދެއްވައިފި


  • ނެއްލައިދޫ ބަނދަރާއި ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހިންގީ އެމްޓީސީސީން

  • ނެއްލައިދޫ އައު އިންޖީނުގެއާއެކު ކަރަންޓްދެވޭ ކެޕޭސިޓީ ވަނީ 980 ކިލޯވޮޓަށް

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ހދ. ނެއްލައިދުއާއި ވައިކަރަދޫގައި ސަރުކާރުން ހިންގެވި ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މެނދުރުފަހު ވަނީ ނެއްލައިދޫ ބަނދަރު އަދި އިންޖީނުގެ ހުޅުއްވައިދެއްވައި، އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ. އަދި ވައިކަރަދޫއަށް ވަޑައިގެން އެރަށު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތްވެސް ވަނީ ހުޅުއްވައި ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ނެއްލައިދޫ ބަނދަރާއި ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ. ނެއްލައިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ދަށުން، ބޮޑު ހިލަ ބޭނުންކޮށްގެން 164 މީޓަރުގެ ބޭރު ތޮށި ޖެހުމާއި، 224 މީޓަރުގެ އެއްގަމުން ތޮށި ލުމާއި، 125 މީޓަރ ގްރޯއިންސް ޖެހުމާއި އަދި ބަނދަރާ ގުޅޭ އިތުރު މަސައްކަތްތައް ކޮށްފައިވެއެވެ.

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 873 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި މޫދަށް އެރޭ ސަރަހައްދެއްގެ ގޮތުގައި 1500 ކިއުބިކް މީޓަރުގެ ސަރަހައްދެއް ތަރައްޤީކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި އެރަށު އައު އިންޖީނުގެއަކީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ، ކުރީގެ އިންޖީނުގެއަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެކެވެ. އަދި ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 240 ކިލޯވޮޓް ނަމަވެސް އައު އިންޖީނުގެއާއެކު ކަރަންޓްދެވޭ ކެޕޭސިޓީ ވަނީ 980 ކިލޯވޮޓަށް މަތިކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ވައިކަރަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގައި އިދާރީ މަސައްކަތް ކުރާނެ ބަޔަކާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ކައުންސިލިންގ ރޫމާއި، މީޓިންގ ރޫމް އަދި މެޑިކަލް ސްޓޯރ އާއި ޖެނެރަލް ސްޓޯރއަކާއި ގަރާޖެއް ހިމެނެއެވެ. މި ޢިމާރާތުގެ މަސައްކަތްކޮށްފައި ވަނީ، ޕަރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވައިގެންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.