އަތޮޅުތައް

އައްޑޫގައި 1.6 މެގަވޮޓްގެ ސޯލާޕެނަލް ޖަހަނީ


އައްޑޫ ސިޓީގައި ކުރިއަށްގެންދަވާ ޢިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢު އެޕްރީލް މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ. އެނަރޖީ މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢު ފެއްޓެވުމަށްޓަކައި ބޭނުންވާ ސޯލާ ޕެނަލްތައް އެޕްރީލް މަހު ކުރީކޮޅު ގެނެސް، މަހުގެ ފަހުކޮޅު ޕެނަލްތައް ފުރާޅުތަކުގައި ހަރުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. 

ޕޮއިސްގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި 1.6 މެގަވޮޓްގެ ސޯލާޕެނަލް ހަރުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ވަކި މަޝްރޫޢެއްގެ ގޮތުގައި ހުޅުމީދޫގައިވެސް ސޯލާ ޕެނަލް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެކަމާއި ގުޅޭ ދިރާސާތައް މިހާރު ފެށިފައިވާ ކަމަށް އެނަރޖީ މިނިސްޓްރީން ވިދާޅުވެއެވެ. ޕޮއިސް މަޝްރޫޢުގެ ދަށުން އިތުރު 4 ރަށެއްގައިވެސް ޢިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ނިޒާމް ޤާއިމްކުރުމަށް ހަަމަޖެހިފައިވެއެވެ. އެގޮތުން ބ.ގޮއިދޫގައި 200 ކިލޯވޮޓް، ޅ.ކުރެންދޫގައި 300 ކިލޯވޮޓް، ތ.ބުރުނީގައި 100 ކިލޯވޮޓް އަދި ގއ.ވިލިނގިލީގައި 300 ކިލޯވޮޓްގެ ސޯލާ ޕެނަލް ހަރުކުރުމަށް ހެމަޖެހިފައިވެއެވެ. ޕޮއިސް ޕްރޮޖެކްޓް ކުރިއަށްގެންދަނީ ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކޮށްގެންނެވެ. 

މީގެ އިތުރުން ޔޫރޕިއަން ބޭންކުން ނަގާފައިވާ 50 މިލިއަން ރުފިޔާގެ ލޯންެގެ ދަށުން އެންމެ އުތުރުގެ 3 އަތޮޅު، ހއ، ހދ، އަދި ށ. އަތޮޅުގައިވެސް މިއަހަރުގެ ތެރޭގައި ޢިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމަވާފައިވެއެވެ. އެންވަޔަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލް މަތީން ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ ޢިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކުގެ ބޮޑު ބަޔަކީ ބޭރު ޤައުމުތަކާއި، ބައިނަލްއަގްވާމީ ޖަމްޢިއްޔާއިން ދީފައިވާ ހިލޭ އެހީއާއި، ލުއި ލޯންތައް ކަމަށެވެ. ސަރުކާރުން ކުރިއަށްގެންދާ ޢިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަކީ ކާބަން މަދު ޤައުމަކަށް ރާއްޖެ ހެދުމުގެ ސިޔާސަތަށް ވާސިލްވުމަށްޓަކައި ކުރިއަށްގެންދަވާ މަޝްރޫޢުތަކެކެވެ.