ޚަބަރު

ހިލޭ ޑިގްރީއާއެކު ކަށަވަރުވީ، މާލީ ތަނަވަސްކަން ނެތަސް މަތީ ތައުލީމުގެ ޔަގީންކަން


  • ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން 18000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުން

  • 7000އެއްހާ ދަރިވަރުން ވަނީ ޑިގްރީ ފުރިހަމަކޮށްފައި

  • އެއްވެސް ތަފާތުކުރުމެއް ނެތި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މިކަމުގެ ފައިދާ ދަނީ ކުރަމުން

އަންނަން އޮތް ޖީލުތަކަކީ ތައުލީމީ އަދި ޤާބިލް ބަޔަކަށް ހެއްދެވުމަށް ސަރުކާރުން ކުރައްވާ އެންމެ މުހިއްމު މަސައްކަތަކީ ރާއްޖޭގެ ތައުލީީމީ ދާއިރާއަށް ގެންނަވަމުންދާ އިންޤިލާބީ ބަދަލުތަކެކެވެ. ތައުލީމީ ދާއިރާއަށް ގެނެސްފައިވާ ކުރިއެރުންތަކަށް ބަލާއިރު އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް މަސައްކަތަކީ، މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ކުދިންގެ ތެރެއިން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދެއްވުމަށް ފެއްޓެވި ހިލޭ ޑިގްރީ ޕްރޮގްރާމެވެ.

ހިލޭ ޑިގްރީގެ ޕްރޮގްރާމަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާ ފުޅާކޮށް ޒުވާނުން ބާރުވެރިކުރުވުމަށް ރިޔާސީ ވައުދުފުޅެއްގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެކަށައެޅުއްވި ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިއްމު ޕްރޮގްރާމެކެވެ.

އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ އެތައް ޒުވާނުންނެއް ރާއްޖޭގައި ތިބިނަމަވެސް، އެ ޒުވާނުންގެ ހުވަފެންތައް ހަގީޤަތަކަށް ހެދުމަށް މީގެކުރިން މާބޮޑު މަސައްކަތްތަކެއް ކޮށްފައެއް ނެތެވެ. ނަމަވެސް ހިލޭ ޑިގްރީ ޕްރޮގްރާމްގެ ސަބަބުން މަހުޖަނުން ކައިރިއަށް އާދޭސްކުރަން ދިއުން ނުވަތަ ސްކޮލަރޝިޕްތަކަށް ބަރޯސާވުން މުޅިން ނިމުމަކަށް ވަނީ އައިސްފައެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން ސަރުކާރުގެ ކޮލެޖު ނުވަތަ ޔުނިވަރސިޓީތަކުން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު މިއަދު ވަނީ ފަހިވެފައެވެ. އަދި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން އަމިއްލަ ކޮލެޖުތަކުގައި ކިޔަވާ ކުދިންގެ ކިޔެވުމުގެ ހަަރަދުގެވެސް ބޮޑުބައެއް ސަރުކާރުން ހަމަޖައްސައިދެއްވައެވެ.

2019 އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމް ފެއްޓިއިރު، އެ އަހަރުވެސް 4804 ދަރިވަރުން އެ ޕްރޮގްރާމްގައި ބައިވެރިވެގެން ކިޔަވަން ފެއްޓެވިއެވެ. 2020 ވަނަ އަހަރު 4818 ދަރިވަރުން، 2021 ވަނަ އަހަރު 3301 ދަރިވަރުން އެ ޕްރޮގްރާމްގައި ބައިވެރިވިއެވެ. އަދި ނިމިގެންދިޔަ 2022 ވަނަ އަހަރު 3077 ދަރިވަރުން ވަނީ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ޑިގްރީއަށް ކިޔަވަން ފަށާފައެވެ.

ސަރުކާރުން އާއްމުކުރައްވާފައިވާ މައުލޫމާތުތައް ދައްކާގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މިހާރުވެސް 18000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމް ހާސިލުކުރަމުންނެވެ. އަދި މިހާތަނަށް 7000އާ ގާތްކުރާ އަދަދަކަށް ދަރިވަރުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެގެން، ސަރުކާރުގެ ހަރަދުގައި ފުރަތަަމަ ޑިގްރީ ހާސިލުކޮށްފައެވެ.

ރާއްޖޭގެ އެންމެ އާބާދީ ކުޑަ އެއް އަތޮޅަކީ އއ.އަތޮޅެވެ. 7000 މީހުންގެ ކުޑަ އާބާދީއެއް އޮތް އެ އަތޮޅަށް ބަލާއިރު، އެ އަތޮޅުގެވެސް 216 ދަރިވަރަކު މިވަގުުތުވެސް އަންނަނީ ސަރުކާރުގެ ހަރަދުގައި ޑިގްރީއަށް ކިޔަމުންނެވެ. އަދި 142 ދަރިވަރުން ކޯސް ފުރިހަމަކޮށް، ވަޒީފާގެ މައިދާނަށް ވަނީ ނިކުމެފައެވެ.

ހަރަދުގެ ގޮތުން ބަލާއިރު މީގެކުރިން މަތީ ތައުލީމް ހާސިލްކުރުމާއި ޑިގްރީ ނެގުމަކީ މާލޭގެ ވަކި ފަންތިތަކެއްގެ އާއިލާތަކަށް ނުވަތަ ތަނަވަސް އާއިލާތަކަށް އެކަނި ކުރެވޭނެކަމެކެވެ. އާދައިގެ ނިކަމެތިންނާއި ރަށްރަށުގައި އުޅޭ ކުދިންނަކީ މަތީ ތައުލީމު ހާސިލުކުރުމުގެ އެއްވެސް އުއްމީދެއް ނެތިފައި ތިބި ބައެއް ނަމަވެސް، ހިލޭ ޑިގްރީ ޕްރޮގްރާމާއެކު އެ މަންޒަރު އެއްކޮށް މިއަދު ވަނީ ބަދަލުކޮށްލާފައެވެ.

މި ފުރުޞަތު އާއްމު ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުއެވެ. އޮންލައިންކޮށް ހިންގާ ކޯސްތަކާއެކު، އަމިއްލަ ރަށުގައި ވަޒީފާގައި އުޅެމުން، އިތުރު މާލީ ބުރައެއް އުފުލަން ނުޖެހި މިހާރު ކިޔެވުމުގެ ފުރުޞަތު ލިބިއްޖެއެވެ. މައިންބަފައިން ދަރިންގެ ތަޢުލީމަށްޓަކައި ކުރާ ބޮޑު ހޭދައިގެ ބުރަ ދަޢުލަތުން އުފުލަން ފެށުމުން، އޭގެ އުފާ އެތަށް އާއިލާއަކަށް މިއަދު ދަނީ ލިބެމުންނެވެ.

"އަޅުގަނޑުގެވެސް ކިޔަވާ ކާފަ ދަރިން އެބަތިބި. ހިލޭ ޑިގްރީ އެކަންޏެއް ނޫން. ސަރުކާރުން މިފަދަ ޚިދުމަތެއް ހިލޭ ދޭކަމަށްވަންޏާ، އެއަށްވުރެ ވަކި ރަނގަޅުކަމެއް ނެތް." އއ.ފެރިދޫގެ ރައްޔިތަކު ފާހަގަކުރިއެވެ.

ގިނަ މީހުންނަކީ ވަޒީފާގައި އުޅެމުން އާއިލާގެ ޒިންމާތައް އުފުލަމުން ކިޔަވަމުންދާ މީހުންނެވެ. ހިލޭ ޑިގްރީއަކީ މިފަދަ މީހުންނަށް ލިބުނު އިތުރު ހިތްވަރެކެވެ. އަތުން ހޭދައެއް ނުކޮށް، އިތުރަށް ކިޔެވުމުގެ ފުރުޞަތު ލިބި އަދި ލިބޭ ކޮންމެ ސެޓްފިކެޓަކާއެކު އާމްދަނީ އިތުރުވުމަށްވެސް ހުޅުވުނު އިތުރު ދޮރެކެވެ.

"އަޅުގަނޑަކީ ޓީޗަރެއް. ސްކޫލްގައި ދަރިވަރުންނަށް ޚިދުމަތް ކުރަމުން، ރަށުގައި އާއިލާގެ ކައިރީގައި ތިބެގެން، މުސާރައިން ހޭދައެއް ކުރަން ނުޖެހި މިއަދު މި ކިޔަވަމުންދަނީ." ހިމަންދޫ ސްކޫލްގެ މުދައްރިސަކު ފާހަގަކުރިއެވެ.

ހިލޭ ޑިގްރީއާއެކު މާލީ ތަނަވަސްކަން ނެތިގެން ކިޔަވަން ނުފެށި ތިބެންޖެހުނު ޖެހުން މާޒީވެ ދިޔައީއެވެ. ރާއްޖެއިން ކިޔެވެން އޮތް ކޮންމެ ދާއިރާއަކުން ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު އޮތީ ކޮންމެ މީހަކަށްމެ ހުޅުވާލާފައެވެ. އަލަށް ސްކޫލް ނިންމާ ނިކުންނަ ދަރިވަރުންނާ، އަދި ވަޒީފާގައި އުޅެމުން އިތުރަށް ކުރިއަށްދާން ބޭނުންވާ މީހުންނަށްވެސް ފުރުޞަތު އޮތީ ހުޅުވިފައެވެ.

"60000އިން މައްޗަށް ހޭދަކުރަންޖެހޭ އެބަ އެންމެ ކޯހަކަށް. މިހާރު ފައިސާ ނެތިގެން ނުކިޔަވާ ހުންނާކަށް ނުޖެހޭނެ. އަމިއްލައަށް ކިޔަވަން ބޭނުން ނުވެގެން ނުކިޔަވާ ހުންނަން ޖެހޭނީ." ހިލޭ ޑިގްރީއަށް ކިޔަވަމުންދާ ޒުވާނަކު ފާހަގަކުރިއެވެ.

ހިލޭ ޑިގްރީގެ އިތުރުންވެސް މަތީ ތަޢުލީމުގެ ގިނަ ފުރުޞަތުތަކެއް ސަރުކާރުން ވަނީ ފަހިކޮށްދެއްވާފައެވެ. އެގޮތުން ވަޒީފާގެ މައިދާނަށް ޒުވާނުން އުފެއްދުމަށް ހިންގާ ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި ސްޓޫޑެންޓް ލޯނަު ފާހަގަކޮށްލެވެއެވެ.