ޚަބަރު

ޑރ. މުޢިއްޒުގެ ފޮނަދޫ ތަޞައްވުރު; ބިން ހިއްކާ، ހައުސިންގެ ބޮޑު މަޝްރޫޢެއް


  • ފޮނަދޫގައި ބިން ހިއްކާ ހައުސިންގެ ބޮޑު މަޝްރޫޢެއް

  • މި މަޝްރޫޢުގެ ދަށުން ކައިރި ރަށްރަށާއި ރިސޯޓުތަކުގެ މުވައްޒަފުންނަށް ގެދޮރު ލިބޭނެ

  • ފޮނަދޫގައި ޔުނިވަރސިޓީ ކެންޕަހަކާއި، ކޮންވެންޝަން ސެންޓަރެއް އަޅާދޭނަން

  • ގަމުގައި ޓާޝަރީ ހޮސްޕިޓަލަކާއި، ހައުސިންގެ މަޝްރޫޢެއް

ލ. ފޮނަދޫގެ ބިން ހިއްކާ އެރަށުގައި ހައުސިންގެ ބޮޑު މަޝްރޫޢެއް ހިންގަވާދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ ރޭ ލ. ފޮނަދޫގައި ބޭއްވި ދިވެހީންގެ ރާއްޖެ ކެންޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ފޮނަދޫގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫޢަކީ އާބާދީ އެއްފަސް ކުރުމަށް ހިންގޭ މަޝްރޫޢެއްކަމަށެވެ. އަދި، އެ މަޝްރޫޢުގެ ސަބަބުން ލ.އަތޮޅަށާއި، ފޮނަދޫއަށް އިޤްތިޞާދީ ނަފާ ލިބިގެންދިއުމުގެ އިތުރަށް، އެކި އިންވެސްޓްމަންޓުތަކަށް މަގުފަހިވެ ދޮރުތައް ހުޅުވިގެންދާނެކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. އަދި ކައިރި ރަށްރަށުން ހިޖުރާ ކުރާ މީހުންނަށާއި، ރަށާއި ކައިރި ރިސޯޓުތަކުގައި އުޅޭ މީހުންނަށް ގެދޮރު ލިބި، ދެމެހެއްޓެނިވި ތަރައްޤީ އާއިއެކު، ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫޢެއް އިތުރު ކުރެވޭ ބިމުގައި ހިންގަވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"މި ރަށުގައި ޤާއިމް ކުރާ ހައުސިންގ މަޝްރޫޢުގައިވެސް، ރަށާއި އަތޮޅާއި، އަދި ކުދި ރަށްތަކުގެ ރައްޔިތުންނަށް ކިޔާ މަރުޙަބާގެ އިތުރަށް، އަދި ވަކި އަދަދެއް ކަނޑައެޅޭނެ މި އަތޮޅާއި، ކައިރި އަތޮޅުތަކުގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް." މުޢިއްޒު ވިދާޅުވިއެވެ.

މިޖަލްސާގައި ޑރ.މުއިއްޒުވަނީ ލ.އަތޮޅަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރު ހިއްސާ ކުރައްވާފައެވެ. އެގޮތުން ފޮނަދޫގައި އެމްއެންޔޫ އަދި އިސްލާމިކް ޔުނިވަސިޓީ ހިމެނޭހެން، ޔުނިވަރސިޓީ ކެންޕަހެއް އަޅާ ދެއްވުަމާއި، ފޮނަދޫގައި ޒަމާނީ ބަނދަރެއް ތަރައްޤީ ކޮށްދެއްވުމާއި، ހުރިހާ އިދާރާތަކެއް އެއް ފުރާޅެއްގެ ދަށަށް ބަދަލު ކުރުމަށް ފޮނަދޫގައި އޮފީސް ކޮންޕްލެކްސެއް އަޅާ ދެއްވުމުގެ އިތުރުން ކޮންވެންޝަން ސެންޓަރެއް ޤާއިމްކޮށްދެއްވާނެ ކަމަށްވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އަދި ގަމުގައި ޓާޝިއަރީ ހޮސްޕިޓަލެއް އަޅުއްވާދެއްވާނެ ކަމަށާއި، ގަމުގައި އައްސޭރި ޓޫރިޒަމް ތަޢާރަފްކޮށްދެއްވުމުގެ އިތުރުން، ފޮނަދޫ އެކޭ އެއްގޮތަށް ގަމުގައިވެސް، ހައުސިންގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ބަރެސްދޫގައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ މަޝްރޫޢެއް ހިންގަވާ ދެއްވުމަށާއި، ކައްދޫ އެއަރޕޯޓު، އިންޓަނޭޝަނަލް އެއަރޕޯޓަކަށް ބަދަލު ކޮށްދެއްވާނެ ކަމަށްވެސް ވަޢުދުވެވަޑައިގެންނެވިއެވެ. އަދި ރިސޯޓުތަކުގައި އުޅޭ މުވައްޒަފުންނަށް ޚާއްސަ ކޮށްގެން ރާއްޖޭގެ 3 ސަރަހައްދެއްގައި އެކި ޤައުމުތަކުގެ ބަސް ދަސްކޮށްދޭ ލޭންގުއޭޖު ސްކޫލެއް އަޅުއްވައިދެއްވުމަށްވެސް މުއިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ.