ޚަބަރު

ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލާ ބިޒްނަސް ހޮޓަލަކަށް ބަދަލުކުރާނަން: ރައީސް


  • ފުނަދޫއާއި މާލެއާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލާނެ

  • ޝޮޕިން މޯލްތައް ފުނަދޫގައި ހުންނާނެ

  • ފުނަދޫ ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވި

މާލޭ ކައިރީގައި އޮތް ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ތާނގިތައް އެހެން ތަނަކަށް ބަދަލުކޮށް ވިޔަފާރިއާއި ޒަމާނީ ހޮޓަލަކާއެކު އެރަށް ތަރައްޤީކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދަޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ "އުފާވެރި މާލެ"ގެ ނަމުގައި މާލޭ ކަނިވާ ސަރަޙައްދުގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މާލޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދިޔަ އެމްޑީޕީގެ ބޮޑު ޖަލްސާގައި އިޢުލާނުކުރި "އުފާވެރި މާލެ" މެނިފެސްޓޯގައި ވަނީ ފުނަދޫއާއި މާލެއާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލައި، އެރަށުގައި ކޮންވެންޝަން ސެންޓަރަކާއި ޝޮޕިން މޯލްތަކުގެ އިތުރުން ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ހިމަނައިފައެވެ.

މި މެނިފެސްޓޯގައި ވާގޮތުން އެ ސިޓީ ހޮޓާ ތަރައްޤީކުރާނީ މުނިފޫހި ފިލުވުމަށް ޚާއްސަ ވަސީލަތްތައް ހިމެނޭ ގޮތަށެވެ. މި ޖަލްސާގައި ވާހަކަފުޅުދައްވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވީ ފުނަދޫ ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

"ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ތާނގިތައް ބަދަލުކޮށް ކޮންވެންޝަން ސެންޓަރަކާއި ބިޒްނަސް ސެންޓަރާއެކު ތަރައްޤީ ކުރެވިގެންދާނެ. އެކަމަށް ބޭނުންވާ ފައިސާ އަވައްޓެރި ޤައުމަކުން ކަނޑައަޅާފައިވޭ." ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ މާލޭގައި ޕާކިންގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ޕާކްކުރުމަށް ވަކި ޚާއްސަ ސަރަޙައްދެއް ކަނޑައަޅުއްވާނެކަމަށެވެ. އަދި މާލޭގެ ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައި ތިބި އެންމެނަށް ބޯހިޔާވަހިކަން ދެވަނަ ދައުރުގައި ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

އެމް.ޑީ.ޕީއިން މާލެއަށް ޚާއްސަކޮށްގެން އެކުލަވާލި މެނިފެސްޓޯގައި މާލޭގެ ތޮއްޖެހުން ކުޑަކުރުމަށާއި، އުފާވެރި އަމާން ދިރިއުޅުމެއް ފަހިކޮށްދިނުމަށް މުހިންމު ކަންތައްތަކެއް ވަނީ ހިމަނާފައެވެ.

އޭގެ ތެރޭގައި ނެއިބަރހޫޑް ޕާކިން ޒޯންތަކެއް ޤާއިމުކުރުމާއި، ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖާއެކު ޒަމާނީ ދަތުރުފަތުރުގެ ނިޒާމަކުން މާލޭ ސަރަޙައްދު ގުޅާލުމާއި، ސިނަމާލޭ ބްރިޖް އިތުރަށް ފުޅާކޮށް ބްރިޖުގައި ދިމާވާ ތޮއްޖެހުމަށް ހައްލެއް ހޯދުން ހިމެނެއެވެ. އަދި ހުޅުމާލޭގައި މިހާރު ބަނދަރުކުރެވޭ ސަފާރީތަކަށް ދިޔަނެރުގައި ޚާއްސަ މެރީނާއެއް ޤާއިމުކުރުމާއި، މާލޭ ވިޔަފަރީ ބަނދަރާއި ނޯތު ހާބަރު ގުޅިފަޅަށް ބަދަލުކޮށް ގުދަންކުރުމާއި ޑިސްޓްރިބިއުޓްކުރުމުގެ މައި ހަބަކަށް އެރަށް ބަދަލުކުރުން ހިމެނެއެވެ.

ހަމައެހެންމެ މާލޭގެ އުތުރު ފަރާތުގައި ކްރޫޒް ޓަރމިނަލެއް ޤާއިމުކޮށް ހިތްގައިމު ޝޮޕިން މޯލްތަކާއި، ސިނަމާތަކާއި، ޕާކުތަކާއި މުނިފޫހިފިލުވުމުގެ ތަފާތު ވަޞީލަތްތައް އެ ސަރަޙައްދުގައި ޤާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން މާލޭގެ އެކި ސަރަޙައްދުތަކުގައި ކޮމިއުނިޓީ ސްޕޯޓްސް ސެންޓަރުތަކާއި ފުޓުސެލް ދަނޑުތަކާއި، ޕާކުތައް ޤާއިމުކޮށް މާލޭގެ ބައެއް ސަރަޙައްދުތަކަކީ ފައިމަގުގައި ހިނގާފައި އުޅޭ ސަރަޙައްދުތަކަކަށް ބަދަލުކުރުންވެސް މި މެނިފެސްޓޯގައި ހިމަނާފައިވެއެވެ.