އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްތަކާއި، ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް އިއްޔެ މިތަކެތި ފޮނުވަން އުޅުނު ނަމަވެސް ފޮނުވޭ ގޮތެއް ނުވިއެވެ. ނަމަވެސް މިއަދު ހެނދުނު އިލެކްޝަނުން ވަނީ މިތަކެތި އަތޮޅުތަކަށް ފޮނުވަން ފަށާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި، ސެކިޔުރިޓީ ސާމާނު ހިފައިގެން އެ ކޮމިޝަންގެ އޮފިޝަލުން، ފުލުހުންގެ އެހީތެރިކަމާއެކު އަތޮޅުތަކަށް ފުރާފައިވާ ކަމަށެވެ.
އެގޮތުން އުތުރުގެ ހުރިހާ އަތޮޅަކާއި މެދު ރާއްޖެ ތެރެއިން އއ، އދ، ފ، އަދި ދ. އަތޮޅަށް ފުރާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ރިޔާސީ އިންތިޚާބުގައި އުތުރުގެ ހުރިހާ އަތޮޅެއްގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެއްޗާއެކު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ފުލުހުންގެ އެހިތެރިކަމާއެކު ފުރާފައިވާއިރު އުތުރުގެ އަތޮޅުތަކަށް ތަކެތި ފޮނުވުމަށް އަންގާރަ ދުވަހުގެ ފަތިހު މަސައްކަތް ކުރި ނަމަވެސް މޫސުން ގޯސްވުމުން އޭރު އެކަން ނުކުރެވުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްޤު ލިބެނީ 282،395 މީހުންނަށެވެ. އަދި މިފަހަރުގެ އިންތިޚާބުގައި އަލަށް 27000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އަންނަމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިޚާބެވެ.
ރާއްޖޭގެ ޤާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތަޢާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރައްވާ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.