ޚަބަރު

ޅ. އަތޮޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާނަން: ރައީސް


  • އޮޅުވެލި ފުށްޓަށް ބިން އިތުރުކޮށް ރޯހައުސް ނުވަތަ ފްލެޓް އަޅުއްވާނެކަމަށް ވިދާޅުވި

  • ކުރެންދޫގައި އިތުރު 50 ހައުސިން ޔުނިޓް އަޅުއްވާނެކަމަށް ވިދާޅުވި

  • ނައިފަރަށުގައި 200 ފްލެޓް ނުވަތަ ހައުސިންގ ޔުނިޓް އަޅުއްވަނެކަމަށް ވިދާޅުވި

ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ ޅ. އަތޮޅުގެ ރަށްތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ތަރައްޤީގެ އެހެން މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަމަށް އެމް.ޑީީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންނަށް ޅ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޞާލިހް އެންމެ ފުރަތަމަ ވަޑައިގެންނެވީ އޮޅުވެލިފުށްޓަށެވެ.

އެރަށަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ، އެރަށަށް ބިން އިތުރުކޮށް ރޯހައުސް ނުވަތަ ފްލެޓް އަޅުއްވައިދެއްވާނެ ކަމަށާއި ބިން ހިއްކާއިރު ދަތުރު ދާނެ ރަށެއްގެ ތަރައްޤީކުރައްވާނެކަމަށެވެ. އަދި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާ ހެލްތު ސެންޓަރ 24 ގަޑިއިރަށް ޚިދުމަތް ދޭނެ ތަނަކަށް ހައްދަވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އޭ.ޓީ.އެމްގެ ޚިދުމަތާއި ކައުންސިލް އިދާރާގެ އައު އިމާރާތެއް އަޅުއްވާ، އިތުރު މިސްކިތެއް ބިނާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރެންދޫގައި މިހާރު ތަރައްޤީކުރަމުން އަންނަ 50 ހައުސިން ޔުނިޓްގެ އިތުރުން، ދެވަނަ ދައުރުގައި 50 ހައުސިން ޔުނިޓް އަޅުއްވާނެކަމަށެވެ. އަދި މަގުތައް ތަރައްޤީކުރުމާއި، އެރަށުގައި އިންޑޯ ޔޫތް ކޮމްޕްލެކްސްއެއް ތަރައްޤީކޮށް، ކުނި މެނޭޖް ކުރުމަށް ވޭސްޓް މެނޭޖްމަންޓް އަޕްގްރޭޑް ކުރުން ފަދަ މުހިއްމު މަސައްކަތްތަކެއް އެރަށުގައި ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެރަށަކީ ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ މައްސަލަތަކާއި، ބިމުގެ ދަތިކަން އޮތް ރަށެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މިހާރު 100 ހައުސިން ޔުނިޓް އަޅާ ރައްޔިތުންނަށް އުޅޭވޭނެ ގޮތް ހައްދަވާފައިވަކަން ރައީސް ފާހަގަކުރެއްވިއެވެ.

މިހާރު ހިއްކުމަށް ނިންމަވާފައިވާ 20 ހެކްޓަރު ބިމަށްވުރެ އިތުރަށް ބިން ހިއްކާ ފުރަތަމަ ބުރިގައި އެ ބިމުގައި 200 ފްލެޓް ނުވަތަ ހައުސިންގ ޔުނިޓް އަޅުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދައުރުގައި އިތުރު ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވާނަން. ނުކުޅެދުންތެރިކަން ހުންނަށް މީހުންނަށް ތެރަޕީ ލިބޭނެ ގޮތް ހައްދަވާނަން. ކުރިއަތް އޮތް ދައުރުގައި މަދަރުޞަތުލް އިފްތިތާޙްއަށް ސަިއންސް ލެބާކާއި މަލްޓިޕަރޕަސް ހޯލް އަޅާނަން" ނައިފަރުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ވަނީ ނައިފަރުގައި މިހާރު ހުރި ފްލެޓްތަކުން ނަގަމުން އަންނަ ކުލި ކުޑަކުރުމަށް ދިރާސާތަކެއް ހައްދަވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ނައިފަރުގައި ނަރުދަމާ ނުގުޅާ ހުރި ހުރިހާ ގެތަކަށް ނަރުދަމާ ގުޅައިދީ ހަދަން ޖެހޭ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމަށް އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.