ޚަބަރު

އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ރަނިންގމޭޓުންގެ ތަފާތު ވިސްނުންފުޅުތަކެއް


  • އިޖްތިމާޢީ ގިނަ މައްސަލަތަކަށް އަލިއަޅުއްވާލެއްވި

  • ބޮޑެތި މައްސަލަތަކަށް ދާއިމި ޙައްލެއް ގެންނަވާނެކަމުގެ ޔަޤީންކަން ދެއްވި

ރާއްޖޭގެ އިޖްތިމާއީ މައްސަލަތަކާއި ޤައުމީ އެކި މައްސަލަތައް ޙައްލުކުރުމަށް ގެންގުޅުއްވާނެ ގިނަ ސިޔާސަތުތަކެއް، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ރަނިންގ މެޓުން ހާމަކުރައްވައިފިއެވެ. ކެންޑިޑޭޓުންގެ ރަނިންގ މޭޓުންނަށް ޚާއްޞަކޮށްގެން "ރަނިންގ މޭޓު"ގެ ނަމުގައި ޕީއެސްއެމް އިން ވަނީ ޚާއްޞަ ޝޯވއެއް ކުރިއަށް ގެންގޮސްފައެވެ. މިއީ ހުރިހާ ކެންޑިޑޭޓުންގެ ރަނިންގ މޭޓުންނަށް ދަޢުވަތު ދެއްވައިގެން ކުރިއަށްގެންދިޔަ ޝޯވއެކެވެ.

"ރަނިންމޭޓް"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޝޯވގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ހުރި އެކި އެކި މައްސަލަތަކާއި މެދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ވާދަ ކުރައްވާ ބޭފުޅުންގެ ވިސްނުންފުޅާ އެ ބޭފުޅުން ގެންގުޅުއްވާ ތަސައްވުރު ހާވަކޮށްދިނުމެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ކެނޑިޑޭޓް ނަމްބަރު 2 ހަސަން ޒަމީލްގެ ރަނިންމޭޓް މަރްޔަމް އަލީމް ވިދާޅުވީ މިހާރު ތައުލީމު ހާސިލްކޮށްގެން ސުކޫލުން ނިކުންނަ ގިނަ ކުދިންގެ އަޚްލާގީ މިންގަނޑު އެހާ ރަނގަޅު ނޫންކަމަށެއެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށް ޒަމީލްގެ ސިޔާސަތުގައި ހިމަނައިގެން ދަރިވަރުންގެ ބެލެނިވެރިންގެ ތެރެއިން ކޮންމެސް އެކަކުގޭގައި މަޑުކުރާގޮތަށް ކަނޑައަޅާނެކަމަށެވެ. އަދި ގޭގައި ހުންނަ ބެލެނިވެރިޔާއަށްވެސް އެކަށީގެންވާ މުސާރައެއް ދިނުމަށް ނިންމަވާފައިވާކަމަށް މްރޔަމް އަލީމް ވިދާޅުވިއެވެ. މިއީ ދަރިވަރުން ރަނގަޅު ތަރުބިއްޔަތެއްގައި ހުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް މަރިޔަމް އަލީމް ފާހަގަކުރިއެވެ.

"ތައުލީމު ހާސިލްކޮށްގެން ނިކުންނަ ކުދިން ބައެއް އުސޫލު އޮންނަގޮތުން އަޅުގަނޑައް ހީވަނީ ހަމަ އެކަނި އިމްތިހާނަކުން ފާސްވާން އުސޫލެއްގެ ތެރެއިންހެން ކުދިން ތަރުބިއްޔަތު ވެގެން މި ނުކުންނަނީ. އެހެންވީމަ ދަރިވަރުންނަކީ ސުކޫލްތެރޭގައި އެހެން އިތުރު މަސައްކަތެއް ކުރުމުގެ ގާބިލްކަން ހުރި ކުދިން ތަކަކަށް ހަދަން މަސައްކަތް ކުރާނަން" މަރްޔަމް އަލީމް ވިދާޅުވިއެވެ.

ކެންޑިޑޭޓް ނަމްބަރު 4 ޑރ.މުހައްމަދު މުޢިއްޒުގެ ރަނިންގމޭޓް ޙުސައިން މުހައްމަދު ލަތީފް ވިދާޅުވީ ސިއްހީ ދާއިރާ ފުޅާކޮށް ރައްޔިތުއްނަށް ލުއިފަސޭހަ ނިޒާމެއް ގާއިމްކުރުމަށް ޚާއްސަ ޕްލޭނެއް އެބައޮތްކަމަށެވެ. އެގޮތުން އާސަންދަ އިސްރާފުކޮށްގެން ނުވަތަ ޒަކާތު ފަންޑުން ލާރި ނަގައިގެން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރައްދާންޖެހޭ ޖެހުމަށް ނިމުމެއް ގެނެސްދެއްވާނެކަމަށެވެ. އެގޮތުން ރާއްޖެއިން ރަނގަޅު ފެންވަރުގެ ގިނަ ސިއްޙީ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމް ފަހިކޮށްދެއްވާނެކަމަށް ޙުސައިން ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ރައްޔިތުން ބޭނުންވާ ހުރިހާ ޚިދުމަތެއް ލިބޭނެ. ހުސްނުވާ އާސަންދަ ބަދަލުކުރީވެސް ޕީޕިއެމް ޕީއެންސީން. އެހެންވީމައި އެ ތަސައްވުރާގެން އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް މި އަރުވަނީ " ހުސައިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ކެނޑިޑޭޓް ނަންބަރު 5 ގާސިމް އިބްރާހީމްގެ ރަނިންގމޭޓް ޑރ. އަމީން އިބްރާހިމް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ ނުފޯރާ އާއިލާއެެއް މި ދިވެހިރާއްޖޭގައި މަދުކަމަށެވެ. އެހެންކަމުން މި މައްސަލައަކީ މި މުޖްތަމައުގައި ބޮޑުވެފައިވާ އަދި ގިނަ ބައެއްގެ ކަނބޮޑުވުން އޮތް މައްސަލައެއްކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ވޭދުވެދިޔަ ކޮންމެ ސަރުކާރަކުންވެސް ހައްލުކުރަން އުޅޭ ހައްލު ނުވެ އޮއް މައްސަލައެއްކަމަށާއި، އެ މައްސަލަ ޤާސިމްގެ ވެރިކަމެއްގައި ޙައްލުކޮށްދެއްވާނެކަމަށެވެ.

" އޭގައި ދެކަމެއް އެބައޮތް. އެއްކަމަކީ ސަރުކާރުގައި އެކަމުގެ ގަޓު ނެތުން. އެވަރުގެ ހިއްވަރު ނެތުން. އަދި އެވަރުގެ ވިސްނުން ނެތުން. ބައެއް ސިޔާސީ ފަރާއްތަކަށްވިއަސް ނުވަތަ މުޖްތަމައުގެ ނުފޫޒުގަދަ ފަރާއްތަކަށްވިއަސް. ބާރުގައި ނުވަތަ ނުޒޫފުގައިކަމަށްވެސް ވެދާނެ އެކަންކަން ތަންފީޒު ނުކުރެވެނީ. އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަރަށް ރަނގަޅަށް އެކަން ބަލާ އެކަމަށް ހައްލު ގެއްނާނަން" އަމީން ވިދާޅުވިއެވެ.

ކެނޑިޑޭޓް ނަންބަރު 6 އަޙްމަދު ފާރިސް މައުމޫންގެ ރަނިންމޭޓް ޑރ. އަބްދުއްސައްތާރު ޔޫސުފް ވިދާޅުވި ރާއްޖޭގެ އަދުލު އިންސާފު ގާއިމް ކުރެވޭނީ ދީނީ ގޮތުންވެސް އެއީ ކިހާ މުހިންމު ކަމެއްކަން އެނގިގެންކަމަށެއެވެ. އަބްދުއްސައްތާރު ޔޫސުފް ވިދާޅުވީ މިހާރު އޮތް ޕާޓީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމް ދުވަހަކުވެސް ހައްލެއް ނުކުރެވޭކަމަށެއެވެ.

"ޑިމްރަސީއަކީ ތިން ބާރު ވަކިވެފައި އޮންނަންޖެހޭ ކަމެއް. ޚާއްސަކޮށް ރިޔާސީ ނިޒާމުގައި. އެކަން ރަނގަޅު ކުރުމައްޓަކައި 15 އަހަރު މިވަނީ އެއްވެސް ކަމެއް ނުކުރެވޭތާ. އަދިވެސް ހަމަ އެއް މައްސަލަތަކެއް މިއޮންނަނީ. ކިހިނެއްބާއޭ އަޅުގަނޑުމެނަށް ކޯޓްތަކުގެ ކަންތައްތައް ރަނގަޅު ކުރެވޭނީ ކޯޓްތަކުގެ އެގްޒެކްޓިވް ނުފޫޒުތައް ހިނގަންޏާ. އެކަން މިހާރު މި ހިނގަނި" ޑރ. އަބްދުއްސައްތާރު ޔޫސުފް ވިދާޅުވިއެވެ.

ކެނޑިޑޭޓް ނަންބަރު 7 އިލްޔާސް ލަބީބްގެ ރަނިންމޭޓް ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ އިޖްތިމާޢީގޮތުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ގަވައިދާ ޚިލާފައް ރާއްޖޭ އެތެރެވާ ބިދޭސީންގެ މައްސަލަކަމަށެއެވެ. އެގޮތުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ދެބައި ކުޅަ އެއްބަޔަކީ
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންކަމަށް އަމްރު ވިދާޅުވިއެވެ. އަމްރު ވިދާޅުވި މިކަމަކީ ވަރަށް ބޮޑައް ރޭވިގެން ކުރިއައްދާ ކަމެއްކަމަށާއި އެކަމަށް ޙައްލެއް ގެންނަވާނެކަމަށެވެ.

" ފަހާތަނެއްވިއަސް ކަންމަތީ ފިހާރައެއް ވިއަސް ސައި ހޮޓަލެއްވިއަސް، އެފަދަ ހުރިހާ އިންޑަސްޓްރީތަކެއް ހުރީ ބޭރުމީހުންގެ އަތްމަތީގައި. އަސްލު ހަގީގަތުގައި މީ ގާނުނީ ގޮތުން މަނާކަމެއް. އެމީހުންނަށް އެކަމެއް ނުކުރެވޭ. ތަންފީޒު ކުރަން ބަލާއިރު އެކަމެއް ނުކުރެވޭ. އެއީ ރޭވިގެން އެކަމެއް ކުރާތީ" އަމްރު ވިދާޅުވިއެވެ.

މި ސޯވގައި ވާހަކަ ދައްކަވަމުން ކެނޑިޑޭޓް ނަންބަރު 8 މުހައްމަދު ނާޒިމްގެ ރަނިންމޭޓް ޑރ.އަހުމަދު އަދީލް ނަޞީރު ވިދާޅުވީ ރާއްޖޭގެ ދަރަނި މިއޮތީ ވަރަށް ބޮޑުވެފައިކަމަށެއެވެ. އެހެންކަމުން ރާއްޖޭގެ އިގްތިޞާދު ރަނގަޅުކުރުން މިހާރު ވެފައިމިވަނި ވަރަށް ބުރަ މަސައްކަތަކަށްކަމަށެއެވެ. އަދީލް ވިދާޅުވީ އެބޭފުޅުންގެ ސަރުކާރެއަގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާނެ އެއްކަމަކީވެސް ރާއްޖޭގެ އިގްތިޞާދު ދެގުނަ ކުރުންކަމަށެއެވެ.

ހަމަ އެގޮތުން އިކޮނޮމީ ޑައިވަރސިފައި ކުރަން އެބަޖެހޭ. އެއް އިންޑަސްޓްރީ ނުވަތަ ދެ އިންޑަސްޓްރިއަށް ބަލާގެން މި ކަމެއް ނުވާނެ. އެޑިއުކޭޝަން އިންޑަސްޓްރީ އިތުރައް ތައާރަފްކުރަން ޖެހޭ. އަދި އައިޓީ އިންޑަސްޓްރީވެސް އަޅުގަނޑުމެން އެބަ ތައާރަފްކުރަން. އަދި ހަމަ އެހެންމެ އެޑްވެންޗާރ ޓޫރިޒަމްއާއި ކޮންވެންޝަން ޓޫރިޒަމް ތައާރަފް ކުރެވޭތޯ މަސައްކަތް ކުރާނަން" އަދީލް ވިދާޅުވިއެވެ.

8 ކެނޑިޑޭޓުންގެ ރަނިންގމޭޓުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި ޝޯވގައި ކެންޑިޑޭޓް ނަންބަރު 1 އަދި 3ގެ ރަނިންމޭޓުން ބައިވެރިވެވަޑައި ނުގަންނަވައެވެ.
މި ޝޯވްގައި ރަނިންމޭޓުން ވަނީ އެބޭފުޅުންގެ ސަރުކާރެއްގައި ގެންގުޅުއްވާނެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަސައްވުރާގުޅޭ ގިނަ ސިޔާސަތުތަކެއް ހާމަކުރައްވާފައެވެ.