ޚަބަރު

އިންތިޚާބީ ރިޝްވަތުގެ 20 މައްސަލަ އޭސީސީއަށް، ބަލައިގަތީ 4 މައްސަލަ


  • ދަޢުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުމާ ގުޅޭ މައްސަލައެއް ހިމެނޭ

  • ޕޯޓަލްއާއި އެހެނިހެންގޮތަށްވެސް މައްސަލަ ހުށައެޅޭނެ

  • 3 މައްސަލަ ތަހްގީގްކުރާތީ ތަފްސީލް ނުދެއްވާ

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ ކޮރަޕްޝަންގެ 20 މައްސަލައެއް މިހާތަނަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިންތިޚާބާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ހުށައަޅަން ޖެހޭނީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށެވެ. އެ ކޮމިޝަނުން ވިދާޅުވީ، އިންތިޚާބާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަ ހުށައެޅުމަށް ހުޅުވާލުމުން މިހާތަނަށް ހުށައެޅި 20 މައްސަލާގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރީ ކުރެވޭވަރުގެ 4 މައްސަލައެއްކަމަށެވެ. އަދި 14 މައްސަލައެއް ބަލައި ނުގަންނަކަމަށް އޭސީސީން ވިދާޅުވިއެވެ.

އެކޮމިޝަނުން ބަލައިގަން 4 މައްސަލައިގެތެރޭގައި، ދަޢުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމާ ގުޅޭ 1 މައްސަލަ ހިމެނޭކަމަށް އޭސީސީން ވިދާޅުވިއެވެ. އަދި ބާކީ 3 މައްސަލަ މިހާރު ތަހްގީގްކުރިއަށްދާތީ އެކަމުގެ ތަފްސީލް އޭސީސީން ހާމަނުކުރައްވައެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ އިންތިޚާބީ ރިޝްވަތުގެ ކުށެއް ކުރާނަމަ އެ މައްސަލަ ހުށައެޅުމަށް އޭސީސީން ވަނީ އެކަމަށް ޚާއްސަ ޕޯޓަލްއެއް ޤާއިމްކޮށްފައެވެ.

އޭސީސީން ވިދާޅުވީ، މިހާތަނަށް ކޮރަޕްޝަނާ ގުޅުހުން ހުރި މައްސަލަތައް ހުށައަޅާފައިވަނީ މި ޕޯޓަލްއާއި އެހެނިހެން ގޮތްގޮތަށްކަމަށެވެ. މި ޕޯޓަލަށް ވަނުމުން އިންތިޚާބީ ރިޝްވަތަކީ ކޮބައިކަމާއި އެއަށް ސަމާލުވާނެގޮތުގެ މައުލޫމާތު ހިމަނައިގެން އޭސީސީން ތައްޔާރުކުރައްވާފައިވާ ލުއިފޮތްވެސް ބަލައިލެވޭނެކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

މިޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ސިއްރުކޮށްދެވޭގޮތަށް އިންތިޒާމުކުރެވިފައިވީ ނަމަވެސް މައްސަލައިގެ އަޕްޑޭޓް ފޯރުކޮށްދެވޭނީ ކާކުކަން އެނގޭގޮތަށް މައްސަލަ ހުށަހަޅާ ފަރާތްތަށް ކަމަށް އޭސީސީން ވިދާޅުވިއެވެ.