ޚަބަރު

ރޯދަމަހުގެ ފަހު 10ގައި ސަރުކާރު ބަންދުކުރާނަން: ޑރ. މުޢިއްޒު


  • ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރާނެކަމަށް

  • ސަރުކާރުގެ އަސާސްތައް ބަށްޓަން ކުރަންވާނީ ދީނުގެ ޢަޤީދާގެ މައްޗަށްކަމަށް

  • އޭދަފުއްޓާއި، ހިތާދޫގެ އިތުރުން ގޮއިދޫއަށް ގިނަ ވަޢުދުތަކެއް

ރޯދަމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާނެކަމަށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބ. އޭދަފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފަޚުރުވެރިވެ ތިބޭ ބައެއްކަމަށާއި، ދިވެހިންގެ ހުރިހާ އަސާސެއްވެސް ބިނާވާން ޖެހޭނީ އިސްލާމް ދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށްކަމަށެވެ. އެގޮތުގެ މަތިން ސަރުކާރުގެ ސިޔާސަތުތަށް އިސްލާމްދީނުގެ މަގުން އަޅުކަން ކުރެވޭނޭ ގޮތަށް މަގުފަހިވެފައި އޮތުމަކީ، ރައްޔިތުން ވަރަށް އުފާކުރާނޭކަމެއްކަމަށް މުޢިއްޒު ވިދާޅުވިއެވެ. އެހެންކަމުން ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި، ރަމަޟާން މަހުގެ ފަހު ދިހަ، އެއީ އެއްކޮށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާނަން. އޭރުން ރައްޔިތުންނަށް، އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަ ކުރެވޭނެ." މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރަށް މުޢިއްޒު ވަނީ އޭދަފުށްޓާއި އެ ސަރަހައްދުގެ ރަށްރަށުގެ ތަރައްޤީއަށްވެސް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން، އޭދަފުށީގައި ސްޕޯޓްސް ކޮންޕްލެކްސެއް އަޅައި ދިނުމާއި، ޤައުމީ ޔުނިވާސިޓީގެ ކެމްޕަހެއް އަޅާދިނުމުގެ އިތުރުން ކޮންވެންޝަން ސެންޓަރެއް އަޅާ ދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އަދި ބ. ހިތާދޫގެ ބިން ހިއްކާ، އެ ރަށުގެ ސްކޫލްގައި ޖާގަ އިތުރުކުރުމާއި، ހެލްތް ސެންޓަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢެއް ހިންގަވާދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި ބ. ގޮއިދޫގައި ރަށްގިރުން ހައްލުކުރުމާއި، ބަނދަރު ހަދައިދިނުމާއި، ހެލްތް ސެންޓަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އިތުރުން، ފުޓުބޯޅަ ދަނޑު ހަދާދިނުމާއި، އެ ރަށު ސްކޫލްގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވާދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.