ޚަބަރު

ނާޒިމްގެ ވަޢުދު: މިނިސްޓްރީ އޮފް ހެޕިނަސްގެ ދަށުން ޢާއިލާތަކަށް އުފާވެރިކަން


  • މިނިސްޓްރީ އޮފް ހެޕިނަސްގެ ދަށުން އުފާވެރި މާޙައުލުތަކާއި، ތީމް ޕާކުތައް ޤާއިމް ކުރެވޭނެ

  • 2012 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދިނުމަކީ ނާޒިމް އާއި ގުޅުން ހުރި ކަމެއް ނޫން

  • ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލައަކީ އޭނާ ފްރޭމް ކުރުމަށް ކުރި ކަމެއް

އެމްއެންޕީގެ ސަރުކާރެއްގައި މިނިސްޓްރީ އޮފް ހެޕިނަސްގެ ނަމުގައި މިނިސްޓްރީއެއް އުފައްދާ، ޢާއިލާ އާއި އެކީގައި ވަގުތު ހޭދަކުރުމަށްޓަކައި އުފާވެރި މާޙައުލުތަކެއް ޤާއިމްކޮށްދެއްވާނެކަމަށް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ރިޔާސީ ސިޔާސަތު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އަލަށް އުފައްދަވާ މިނިސްޓްރީ އޮފް ހެޕިނަސްއަކީ އާއިލާއާއެކު އުފާވެރި ވަގުތެއް ހޯދާދެއްވުމުގެ މަޤްސަދުގައި އުފައްދަވާ މިނިސްޓްރީއެއް ކަމަށެވެ. އެގޮތުން މިކަން ހާސިލްކުރުމަށްޓަކައި މިވުޒާރާއިން
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތީމް ޕާކު ޤާއިމްކުރާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކުގައިވެސް އާބާދީ ބޮޑެތި ރަށްރަށުގައި ތީމް ޕާކު އެޅުމާއި، ސިނަމާ ކޮންޕްލެކްސްގެ އިތުރުން ގޭމިން ސެންޓަރުތައް އެޅުމަށް އަންނަނީ ވަޢުދުވެވަޑައިގަންނަވަމުންނެވެ.

"މިނިސްޓްރީ އޮފް ހެޕިނަސް އުފެއްދުމުގެ އެންމެ ބޮޑު މަޤުސަދަކަށް ވެފައި މިއޮތީ، ގޭގެ މާޙައުލުން ނިކުމެ، ޢާއިލާ އާއިއެކީގައި ހޭދަކުރާ ވަގުތުތަކުގެ ތެރޭގައި މީހުންނަށް އުފާވެރިކަން ގެނައުން." ނާޒިމް ވިދާޅުވިއެވެ.

2012 ވަނަ އަހަރު، ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހު، ފުލުހުންނާއި ސިފައިންނާއި ދެމެދު ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅޭގޮތުން، މިޕްރޮގުރާމުގައި ނާޒިމް އާއި ވަނީ ސުވާލު ކުރައްވާފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، ނާޒިމް ވިދާޅުވީ އެދުވަހު ހަމަނުޖެހުން ހިންގުމާއި ގުޅިގެން، އޭރުގެ ޑިފެންސް މިނިސްޓަރާއި ބައްދަލުކުރެއްވި ކަމަށެވެ. އަދި ރައީސް އޮފީހުގެ ބޭރުގައި ތިއްބެވި ސިފައިންނާއި ފުލުހުންގެ އެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވުންކަމަށް، ޑިފެންސް މިނިސްޓަރަށް ދެންނެވިކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރެއްވީ އެއީ އެމަނިކުފާނުގެ މައްޗަށް އޮތް ޤައުމީ ވާޖިބެއްކަމަށް ދެކިގެން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވީ އަމިއްލަ ފުޅަށްކަމަށެވެ.

ނާޒިމް ދިރިއުޅުއްވާ ގެކޮޅުން ފިސްތޯލެއް ފެނުނު މައްސަލައާ ގުޅެގޮތުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އެފިސްތޯލައަކީ ނާޒިމްގެ އެއްޗެއް ނޫން ކަމަށާއި، އެއީ ނާޒިމް ފްރޭމްކުރުމަށް ފުލުހުންގެ ބަޔަކު ރާވައިގެން ހިންގެވި އަމަލެއް ކަމަށެވެ. ފިސްތޯލުގެ މައްސަލާގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވި ނަމަވެސް، 2018 ވަނަ އަހަރު، އެމައްސަލައިގެ އިސްތިއުނާފްގައި އެއީ ބާޠިލު ޙުކުމެއްކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. ސުޕްރީމް ކޯޓުން ހުކުމްގައިވަނީ ފިސްތޯލުން އަޙްމަދު އަދީބްގެ ޑީއެންއޭ ފެންނަން ހުރުމުން އެއީ ނާޒިމްއަށް ނިސްބަތްވާ ފިސްތޯލެއްކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

ރިޔާސީ އިންތިޚާބަށް އަށްދުވަހަށް ވެފައިވާއިރު، ކެންޑިޑޭޓުން ގެންދަވަނީ ވަރަށް ފޯރިއާއިއެކު، އިންތިޚާބަށް ކެންޕޭނު ކުރައްވަމުންނެވެ. އެގޮތުން ނާޒިމް ވެސް އަންނަނީ ރާއްޖޭގެ އެކި ރަށްރަށަށް ކެންޕޭނު ދަތުރުތައް ކުރައްވާ، އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ، އެ މީހުންގެ އިޙުސާސްތައް އަޑު އައްސަވަމުންނެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ.