ޚަބަރު

މަނީ ލޯންޑަރިންގެ ބޮޑެތި ތުޙުމަތުތަކެއް ކުރެވޭ ޝިފާޢު ހޯދުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފި


  • ޝިފާޢުގެ މައްޗަށް 23 ދަޢުވާއެއް ދައުލަތުން އުފުލާފައިވޭ

  • ޕީޖީ އޮފީހުން ދަޢުވާކުރުމަށް ފޮނުވާފައިވަނީ މިދިޔަ އޭޕްރީލްމަހުގެ ތެރޭގައި

  • މި މައްސަލައިގައި ހިމެނޭ ފައިސާގެ ޢަދަދު 1.9 މިލިއަން ރުފިޔާއަށް އަރާ

  • ދަޢުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ޙުކުމެއް

މަކަރާއި ޙީލަތް ހެދުމާއި، މަނީ ލޯންޑަރިންގާއި އެނގިހުރެ ޞައްޙަނޫން ލިޔުން ދިނުމާއި، މިބާވަތުގެ ތަފާތު 23 ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލިފައިވާ، ޝަރީޢަތަށް ޙާޟިރުނުވެ، ޢަދުލްއިންޞާފަށް ފިލައިގެން އުޅޭ، މ. ހަނީސަކްލް ޙުސައިން ޝިފާޢު ހޯދުމަށް، އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.

ޢުމުރުން 37 އަހަރުގެ ޝިފާޢު ހޯދަން އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފައި މިވަނީ އިތުރު މީހަކާ ބައިވެރިވެގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްކަމުގައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ޙީލަތް ހަދާފައިވާ މައްސަލައިގައެވެ.

ޝިފާޢު މި ކުށުގެ ޢަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަހަރުގެ އޭޕްރީލްމަހުގެ 26 ވަނަ ދުވަހުއެވެ. ނަމަވެސް ޖޫންމަހުގެ ތެރޭގައި އޭނާ ރާއްޖެ ދޫކޮށް ގޮސްފައިވާކަމަށް ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފައިވެއެވެ. މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ވަނީ ޖުމްލަ 23 ދަޢުވާއެއް އުފުލާފައެވެ.

އޭގެ ތެރޭގައި އެނގި ހުރެ ޞައްޙަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދަޢުވާ، މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ 7 ދަޢުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ 7 ދަޢުވާއެއް ހިމެނެއެވެ.

މި މައްސަލައިގައި ހިމެނޭ ފައިސާގެ ޢަދަދު 123،844.54 އެމެރިކާ ޑޮލަރަށް އަރައެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ، 1،909،682 ރުފިޔާއެވެ. މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

ޙުސައިން ޝިފާޢުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާތައް ޝިފާޢުގެ މައްޗަށް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.