ޓުއަރިޒަމް

މޯލްޑިވްސް ޓޫރިޒަމް ކްލައިމެޓް އެކްޝަން ޕްލޭން އިފްތިތާޙްކޮށްފި


  • މި ޕްލޭން ލޯންޗުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް

  • އެކްޝަން ޕްލޭންގައި 5 މަޤްސަދުތަކެއް ހިމެނޭ

  • އުންމީދަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ގްލޯބަލް ލީޑަރަކަށް ހެދުން

  • މި ޕްލޭނާއެކު 2023 ވަނަ އަހަރަށް ކަނޑައެޅިފައިވާ އަމާޒަށް ހާސިލްވެވޭނެ

މޯލްޑިވްސް ޓޫރިޒަމް ކްލައިމެޓް އެކްޝަން ޕޭލޭން އިފްތިތާހުކޮށްފިއެވެ.

އެމެރިކާގެ އެޖެންސީ ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، ޔޫއެސްއެއިޑްގެ އެހީތެރިކަމާއެކު ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި މި ޕްލޭން އިފްތިތާޙްކޮށްފައިވަނީ މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމެވެ. މި ރަސްމިއްޔާތުގައި އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން އަދި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ސްޓޭކްހޯލްޑަރުން ބައިވެރިވެވަޑައިގަތެވެ.

މޯލްޑިވްސް ޓޫރިޒަމް ކްލައިމެޓް އެކްޝަން ޕްލޭނަކީ މުޖުތަމަޢުތައް މަރުކަޒުކޮށް، ދިރުންތައް އާލާކޮށް އަދި މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ ދުނިޔެ ކުރިއަށް ގެންދެވޭނެ ތަސައްވުރެއް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގެނައުމަށް ކަނޑަަޅާފައިވާ ޕްލޭނެކެވެ.

މިހާރު ޓޫރިޒަމް އިންޑަސްޓްރީއަށް ކުރަމުންދާ އަސަރުތައް ދެނެގަނެ، އެޑެޕްޓިވް އެކްޝަންތައް ހެދުމަކީ މި އެކްޝަން ޕްލޭންގެ ބޭނުމެވެ. މޯލްޑިވްސް ޓޫރިޒަމް އެކްޝަން ޕްލޭންގައި 5 މަޤްސަދެއް ހިމެނެއެވެ. އެއީ މުޖުތަމައުގެ ތަޖުރިބާތަކާއި އިސްކަންދޭ ކަންކަން އެއްކޮށްލައި، އެތަނެއްގެ އެސެޓްސް ހިމާޔަތްކޮށް، ގުދުރަތީ ދިރުންތައް އާލާކުރުމާއި، ވިޔަފާރީގެ މޮޑެލްތައް ތަފާތުކޮށް ދުނިޔޭގެ އިސްނެގުމާ އެއްގޮތައް ކަންކަން ކުރިއަށް ގެންދިއުމެވެ.


މި އެކްޝަން ޕްލޭންގައި ބަޔާންކޮށްފައިވާ އީޖާދީ އެޑެޕްޓޭޝަން ހައްލުތަކަށް ޕޮޓެންޝިއަލް 10 ބިޒްނަސް ކްލައިމެޓް އެކްޝަން އިންވަސްޓްމަންޓް ހުށައަޅައިދެނީ ހުރިހާ ހާލަތަކަށްވެސް ފެތޭ ވިޔަފާރިތަކާއި އަދި ހަމަހަމަ މުސްތަގުބަލަކާއި ދިމާއަށެވެ.

އެކްޝަން ޕްލޭންގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުތަކަށްވެސް ފައިނޭންސްގެ ފުރުޞަތުތައް ކަނޑައަޅާފައިވެއެވެ. އަދި ގުދުރަތީ އެންމެ ރަނގަޅު ހައްލުތަކާއި، ކާބަން އޮފްސެޓިން ފަދަ އީޖާދީ ފައިނޭންސިންގެ ފުރުޞަތުތަކަށް ބަލާފައިވެއެވެ. މިއީ ތަރައްޤީވަމުން އަންނަ ބައިނަލްއަޤްވާމީ ކްލައިމެޓް ފައިނޭންސް ލޭންޑްސްކޭޕާއި އެއްގޮތް ކަމެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.