މިމަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 28.73 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު %6.2 ގެ ކުރިއެރުމެކެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީމަހުގެ 1ވަނަ ދުވަހުން ފެށިގެން މިމަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 28.73 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 27.04 ބިލިޔަން ރުފިޔާއެވެ.
މިމުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް ލިބުނު 1.69 ބިލިޔަން ރުފިޔާގެ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. މިމުއްދަތުގެ ތެރޭގައި ޓެކްސް އާމްދަނީ ވަނީ 20.61 ބިލިޔަން ރުފިޔާއިން، 22.35 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ %8.5 ގެ އިތުރުވުމެކެވެ.
ފާއިތުވެދިޔަ ހަފުތާގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ތަކެއްޗާއި ޚިދުމަތްތަކުން ނެގޭ ޓެކްސް ޓީޖީއެސްޓީ އާއި އިމްޕޯޓް ޑިއުޓީންނެވެ.
ޓީޖީއެސްޓީގެ އާމްދަނީ 7.46 ބިލިޔަން ރުފިޔާއިން، 7.71 ބިލިޔަން ރުފިޔާއަށް ނުވަތަ %3.3 ވަނީ އިތުރުވެފައެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ 2.06 ބިލިޔަން ރުފިޔާއިން، 2.35 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ %14.1 ގެ ކުރިއެރުމެކެވެ.
އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސް 4.65 ބިލިޔަން ރުފިޔާއިން 5.60 ބިލިއަން ރުފިޔާއަށް ނުވަތަ %20.4 އިތުރުވެފައިވެއެވެ. އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް ޖީއެސްޓީ ވަނީ 3.53 ބިލިޔަން ރުފިޔާއިން 3.68 ބިލިޔަން ރުފިޔާއަށް ނުވަތަ %3.6 އިތުރުވެފައެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 1.48 ބިލިޔަން ރުފިޔާއިން 1.51 ބިލިޔަން ރުފިޔާއަށް އިތުރުވެ، %1.9 ގެ ކުރިއެރުމެއްވެެސް މި މުއްދަތުގައި ވަނީ ހޯދާފައެވެ.
މިމުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 30.86 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 26.38 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %17 އިތުރު އަދަދެކެވެ. ރިކަރަންޓް ޚަރަދު %18.6 އިތުރުވެ، 22.75 ބިލިޔަން ރުފިޔާއިން 26.98 ބިލިޔަން ރުފިޔާއަށް އުފުލިފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ %6.9 އިތުރުވެ 3.63 ބިލިޔަން ރުފިޔާއިން 3.88 ބިލިޔަން ރުފިޔާއަށް މަތިވެފައެވެ.
ރިކަރަންޓް ޚަރަދުތަކަށް ބަލާއިރު، ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި ޚަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. މި ދާއިރާއިން ކުރި ޖުމްލަ ޚަރަދު 4.92 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 4.31 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %14.2 އިތުރު އަދަދެކެވެ.
ކެޕިޓަލް ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިމާރާތްތަކަށެވެ. ބިމާއި އިމާރާތް ކުރުމުގެ ދާއިރާއަށް ކޮށްފައިވާ ޚަރަދު 1.26 ބިލިޔައަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 8.86 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %42.5 އިތުރު އަދަދެކެވެ. މި ދާއިރާއަށް އިތުރުވި 3.76 ބިލިޔަން ރުފިޔާއަކީ ކެޕިޓަލް ޚަރަދުތައް މަތިވުމަށް ދިމާވި މައިގަނޑު ސަބަބެކެވެ.
އިތުރު ޚަރަދުތައް އަމާޒުކުރެވުނީ ޞިއްޙީ ދާއިރާއާއި، ކައުންސިލްތަކާއި އަދި ތަރައްޤީގެ މަޝްރޫޢުތަކަށެވެ. އާސަންދައަށް ކުރި ހޭދަ 1.32 ބިލިޔަން ރުފިޔާއިން 1.49 ބިލިޔަން ރުފިޔާއަށް އިތުރުވެ، %12.8 ގެ ކުރިއެރުމެއް ވަނީ އައިސްފައެވެ. ކައުންސިލްތަކަށް ދޫކުރި ގްރާންޓް 1.44 ބިލިޔަން ރުފިޔާއިން 1.68 ބިލިޔަން ރުފިޔާއަށް އިތުރުވިއިރު، މިއީ %17.3 ގެ އިތުރުވުމެކެވެ. އަދި ސަބްސިޑީއަށް ކުރި ހޭދަ 2.19 ބިލިޔަން ރުފިޔާއިން 3.60 ބިލިޔަން ރުފިޔާއަށް އުފުލި، %64.1 ގެ އިތުރުވުމެއް ވަނީ ރެކޯޑުކުރެވިފައެވެ.
ދައުލަތުގެ ޕްރައިމަރީ ސާޕްލަސް ނުވަތަ ދަރަންޏާއި އިންޓްރެސްޓް ނުހިމަނައި، އާމްދަނީއާއި ހިލޭ އެހީ ޚަރަދަށްވުރެ އިތުރުވި މިންވަރު ހުރީ 1.27 ބިލިޔަން ރުފިޔާގައެވެ. މިއީ އޭގެ ކުރީ އަހަރު ރެކޯޑުކުރެވުނު 4.04 ބިލިޔަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއާ އަޅާބަލާއިރު %68.6 ދަށް އަދަދެކެވެ. ދަރަންޏާއި އިންޓްރެސްޓް ހިމެނޭހެން މުޅި ބަޖެޓުން 2.13 ބިލިޔަން ރުފިޔާގެ ޑެފިސިޓެއް ދައްކާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ބަޖެޓުން ދެއްކީ 658.8 މިލިޔަން ރުފިޔާގެ ސާޕްލަސްއެކެވެ.