ތަޢުލީމު

ގުޑް ވިލް އެމްބެސެޑަރުންގެ ގޮތުގައި 5 ފަރާތެއް ކަނޑައަޅުއްވައިފި


ތަޢުލީމީ ދާއިރާއިން ކުރިއަށްގެންދާ މަސައްކަތްތަކަށް ޢާއްއްމުން ހޭލުންތެރިކުރުމުގެ ގޮތުން ފުރަތަމަ ފަހަރަށް ގުޑް ވިލް އެމްބެސެޑަރުންގެ ގޮތުގައި 5 ފަރާތެއް އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅުއްވައިފިއެވެ.

ގުޑް ވިލް އެމްބެސަޑަރސް ފޯރ ސްކިލްސް ޑިވެލޮޕްމަންޓް ގެ ގޮތުގައި ޢައްޔަންކުރައްވާފައިވަނީ އެކިދާއިރާތަކުން ފާހަގަކޮށްލެވޭ، މަޝްހޫރު އަދި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ވަނައެއް ޙާސިލްކޮށްފައިވާ ފަރާތްތަކެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ގުޑް ވިލް އެމްބެސަޑަރސްގެ ގޮތުގައި ޢައްޔަންކުރައްވާފައިވާ ފަސް ފަރާތަކީ ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައިވާ ދަރިވަރުންތަކެކެވެ. މިގޮތުން ޢައްޔަންކުރައްވާފައިވަނީ، އައިޝަތު މައިޝާ، ޒާރާ އަބްދުލް ޢަޒީޒު، ފާޠިމަތު ސާނިހާ މައުސޫފް، އަޙުމަދު މާދިހް އަދި މަރިޔަމް ރަފްޝާއެވެ. މި ދަރިވަރުންނަށް ސެޓްފިކެޓާއި ފިލާ ޙަވާލުކޮށްދެއްވީ ޔޫތް މިނިސްޓަރ އަޙުމަދު ޒުހޫރުއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވީ ގުޑް ވިލް އެމްބެސަޑަރސްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ފަރާތްތަކުން ސަރުކާރުގެ ލަނޑުދަނޑިތައް ޙާސިލްކުރުމުގައި މުހިއްމު ދައުރެއް އަދާކުރައްވާނެކަމަށެވެ. ކުރިއަށްއޮތްތާގައި މިފަދަ އިތުރު ޒުވާނުންނަށް ފުރުޞަތު ތަނަވަސްވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މުޖުތަމަޢު ބަލައިގަންނަ ފަދަ އަޚުލާޤު ރަގަޅު ބަޔަކަށްވެ، ނަމޫނާ ކުދިންތަކަށް ވުމަށް އެޑިޔުކޭޝަން މިނިސްޓަރ ގޮވާލެއްވިއެވެ.

ގުޑް ވިލް އެމްބެސަޑަރސްގެ ގޮތުގައި އައްޔަންކުރެއްވި ފަރާތްތަކުން ދެ އަހަރު ދުވަހަށް ތަޢުލީމީ ދާއިރާއިން ކުރިއަށްގެންދާ ކަންކަމަށް ޢާއްމުން ހޭލުންތެރިކުރުމަށް މަސައްކަތްކުރައްވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީ ވިދާޅުވެއެވެ.