ޚަބަރު

މަސްވެރިންނާއި ދަނޑުވެރިންނަށް ޚާއްޞަ ޕެންޝަނެއް ތަޢާރަފްކުރާނަން: ނާޒިމް


  • މަސްވެރިންނަށާއި ދަނޑުވެރިންނަށް ޕެންޝަންގެ ޚިދުމަތް ދޭނެކަމަށް

  • ކޫއްޑޫގައި މަސްވެރިކަމުގެ ސިނާޢަތާއި ގުޅޭ ޚާއްސަ ވަޢުދުތަކެއް

  • ވިލިނގިލީގައި، ސްޕޯޓްސް ކޮމްޕްލެކްސަކާއި، ތީމް ޕާކެއް

  • ކޫއްޑޫ އާއި ވިލިނގިލީ ބުރިޖަކުން ގުޅާލާނަން

އެމްއެންޕީގެ ސަރުކާރެއްގއި މަސްވެރިންނާއި ދަނޑުވެރިންނަށް ޚާއްޞަ ޕެންޝަން ސްކީމެއް ތަޢާރަފްކުރައްވާނެކަމަށް އެޕާޓިގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ކެމްޕެއިން ދަތުރުފުޅުގައި ގއ.ވިލިނގިއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްއެންޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ މަސްވެރިކަން ކުރާ ފަރާތްތަކަށް ބޭންކުތަކުން ފައިސާ ލިބުމުގައި ވަރަށް ބޮޑު ދަތިތަކެއް އެބަހުރިކަމަށާއި، އެއީ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އަދި ކުރީ ސަރުކާރުތަކުން މަސްވެރިންނަށް ވަރަށް ބޮޑަށް އިޙްމާލުވެފައިވާކަމަށާއި އެހެންކަމުން މަސްވެރިންގެ އެ ކަންބޮޑުވުންތަކަށް ޙައްލެއް ގެނެސްދެއްވުމުގެ ގޮތުން އެމްއެންޕީގެ ސަރުކާރެއްގައި މަސްވެރިންނާއި ދަނޑުވެރިންނަށް ޚާއްޞަ އިންޝިއުރަންސް ސްކީމެއް ތަޢާރަފްކުރައްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ޕެންޝަން ސްކީމްގައި ރަޖިސްޓްރީވާތާ 20 އަހަރު ތެރޭ އެ ސްކީމުން ފައިސާ ލިބެން ފަށާނެކަމަށެވެ.

"މިއަދު މަސްވެރިއާއަށް، ބޭންކަކުން ފައިސާ ލިބޭނެ ގޮތެއް ނެތް. އޭނައަކަށް އިންޝުއަރެންސް ސްކީމެއްގައިވެސް ބައިވެރިވެވޭނެ ގޮތެއް ނެތް." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ ގއ. ކޫއްޑޫއަށާއި، ވިލިނގިއްޔަށް ގިނަ ވަޢުދުތަކެއް ވެފައެވެ. އެގޮތުން ކޫއްޑޫގައި 200 ޓަނު މަސް ބަންދުކުރެވޭނޭ ކާރުޚާނާއެއް ޤާއިމްކުރުމާއި، 1،500 ޓަނުގެ މަސް ކިރޭނޭ ނިޒާމެއް ޤާއިމްކޮށްދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރަށް، ނާޒިމް ވެވަޑައިގެންނެވި ވަޢުދުގެ ތެރޭގައިވައިގެ ދަތުރުފަތުރުން ނަގާ އަގު، 20 އިންސައްތައަށް ކުޑަ ކޮށްދިނުމާއި، ވިލިނގިލީގައި އޮޑި ދޯނިފަހަރު ބޭލުމަށް، ސްލިޕްވޭއެއް ހަދައިދިނުމާއި، ވިލިނގިލީގައި ސްޕޯޓްސް ކޮމްޕްލެކްސެއް އަޅާދިނުމުގެ އިތުރުން ތީމް ޕާކެއް އަޅާދިނުން ހިމެނެއެވެ. ނާޒިމް ވަނީ ކޫއްޑުއާއި ވިލިނގިލި ބުރިޖަކުން ގުޅާލުމަށްވެސް ވަޢުދުވެވަޑައިގެންފައެވެ.