މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރަން މެޑަލް ހޯދުމަށް ވަރަށް ބޮޑަށް ތައްޔާރުވެ, މަސައްކަތްކުރި ރާއްޖޭގެ ޤައުމީ އަންހެން ބެޑްމިންޓަން ޓީމަށް އެ ފުރުސަތު ގެއްލިއްޖެއެވެ.
ރަން މެޑަލް ހޯދުމުގެ ފުރުޞަތު ފެއްލުނީ އެންމެ ފަހުގެ ޗެމްޕިއަން ރީޔޫނިއަން އަތުން މޮޅުވި ނަމަވެސް, އާދިއްތަ ދުވަހު މޮރިޝަސް އަތުން ބަލިވުމުންނެވެ. ހެނދުނު މޮރިޝަސް އަތުން ބަލިވީ ވާދަވެރި މެޗަކަށްފަހު 3-2 ނެވެ.
ފުރަތަމަ ކުޅެން ނިކުމެ ފާތިމަތު ނަބާހާ މޮރިޝަސްގެ ލުޑިކް އަތުން ސީދާ ދެ ސެޓުން ބަލިވީއެވެ. އެއީ 21-16, 21-11 ނެވެ. އާމިނަތު ނަބީހާ ވަނީ 2-1 ސެޓުން ލޯނާ ބަލިކޮށް އުއްމީދު ހޯދާފައެވެ. އެއީ 19-21, 21-12, 21-16 ނެވެ. ތިންވަނަ ސިންގަލްސްގައި ކުޅެން ނިކުތީ މައިސާ ފަތުހުالله އެވެ. މައިސާގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދީ ތިޔާ ބާތުންއެވެ. އެއީ21-14, 21-15 ނެވެ. ރާއްޖެއަށް އަލުން އުއްމީދު ހޯދައިދިނީ ނަބާއާއި ނަބީގެ ޕެއަރ ނިކުމެ ވަރަށް ފަސޭހައިން މޮރިޝަސް ޕެއަރ ބަލިކޮށްގެންނެވެ. ވިލީނާއާއި ތިޔާ ބާތުންގެ މައްޗަށް ނަބާއާއި ނަބީ ކުރި ހޯދީ 21-9, 21-15 ނެވެ. އެކަމަކު ފަހު ޓައިގައި މައިސާއާއި އައިޝަތު އަފްނާން ރަޝީދުގެ ޕެއަރ އަށް ކުރި ނުހޯދުމުން ރާއްޖެ މެޗުން ބަލިވެ, ރަން މެޑަލްގެ ފުރުޞަތު ގެއްލުނީއެވެ. މޮރިޝަސް ޕެއަރ ސެޓްތައް ގެންދިޔައީ 21-15, 21-7 ނެވެ.
މޮރިޝަސް އަތުން ބަލިވެ ރަން މެޑަލްގެ ފުރުޞަތު ގެއްލުނަސް އަންހެން ޓީމުން ވަނީ މެންދުރުފަހު 4-1 ން މަޑަގަސްކަރަ ބަލިކޮށް މެޑަލް ޔަޤީންކޮށްފައެވެ. މެޗުގައި ރާއްޖެ އަށް ގެއްލުނީ ފަހު ޓައި އެވެ. އެއީ ތިންވަނަ ޓައި ކާމިޔާބުކުރި ފަހުން މައިސާ ފަތުހުالله އަށް އަނިޔާވެ, ފަހު ޑަބަލްސް ދޫކޮށްލުމުންނެވެ. ފުރަތަމަ ސިންގަލްސްގައި ފާތިމަތު ނަބާހާ ކުރި ހޯދީ ފެނިޓުރާ އެމްޑީއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. އެއީ 21-10, 21-7 ނެވެ. ދެވަނަ ނަބީހާ ކުޅެން ނިކުމެ ސޯނިއައިނާ ބަލިކުރީ ވެސް ސީދާ ދެ ސެޓުންނެވެ. އެއީ 21-10, 21-14 ނެވެ. މައިސާ ވަނީ 21-18, 21-15 ން ސެޓެފާނިއާ ބަލިކޮށްފައެވެ. ނަބާއާއި ނަބީ ޑަބަލްސްގައި ނިކުމެ 21-14, 21-8 ން ބަލިކުރީ ސްތެފާނިއާ އާއި ސޯނިއައިނާ ގެ ޕެއަރއެވެ.
ރާއްޖޭގެ އަންހެން ޓީމަށް ބާކީ އޮތީ މެޔޯޓްއާ ވާދަކުރާ މެޗެވެ. ލިބޭ މެޑަލް މުޅިން ކަށަވަރުވާނީ އެމެޗަށްފަހުއެވެ. ރަން މެޑަލް ލިބެނީ ރާއްޖެ ބަލިކުރި މޮރިޝަސް އަށެވެ.