ޚަބަރު

ޤާސިމްގެ ވެރިކަމެއްގައި ބޭންކިންގެ ނިޒާމަށް ލުއި ގޮތްތަކެއް


  • ފައިސާ ނެގުމާއި، ޓްރާންސްފަރ ކުރުމާއި، ޑިޕޮސިޓް ކުރުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދާދޭނަން

  • ޤާސިމް މިހާރު ކެންޕޭނު ދަތުރުތަކުގައި ވަޑައިގެން އުޅުއްވަނީ އދ.ގެ ރަށްތަކުގައި

ޤާސިމްގެ ވެރިކަމެއްގައި ބޭންކަށް ފައިސާ ޑިޕޮސިޓް ކުރުމާއި، ޓްރާންސްފަރ ކުރުމާއި، ކޭޝްގެ ގޮތުގައި ފައިސާ ނެގުން ފަދަ، ބޭންކިންގެ އެކި މުޢާމަލާތްތަކަށް ބޮޑެތި ލުއިތައް ހަމަޖައްސަވާދެއްވާނެ ކަމަށް، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އދ.މަންދޫގައި ބޭއްވި ކެންޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ މިހާރު ބޭންކުން ފައިސާ ނެގެނީ ވަކި ލިމިޓަކަށް ކަމަށާއި، ބޭނުން މިންވަރަކަށް ފައިސާ ނުނެގޭކަމަށެވެ. އެހެންކަމުން ޤާސިމްގެ ސަރުކާރެއްގައި އެމީހެއްގެ އެކައުންޓުން ފައިސާ ނަގަން ބޭނުންވާ މިންވަަރަކަށް ކޭޝްގެ ގޮތުގައި ފައިސާ ނެގޭނެކަމަށެވެ. އަދި ބޭންކަށް ފައިސާ ޑިޕޮސިޓް ކުރަން ބޭނުންވާ މިންވަރަކަށް ޑިޕޮސިޓްވެސް ކުރެވޭނެކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ޤާސިމްގެ ވެރިކަމެއްގައި މިހާރު ބޭންކުތަކުން، ފައިސާގެ މުޢާމަލާތްތައް ކުރުމަށް މިހާރު ހަދާފައިވާ ޤަވާޢިދުތަކުގެ ތެރެއިން، ރައްޔިތުންނަށް ފައިސާގެ އެކި މުޢާމަލާތްތައް ކުރުމުގައި އުނދަގޫވާ ޤަވާޢިދުތައް އުވާލައްވާނެކަމަށްވެސް ވިދާޅުވިއެވެ.

"އެ މީހަކު ދޭން ބޭނުންވާ ފައިސާ، އެ މީހަކު ދޭން ބޭނުންވާ މީހަކަށް ދެވޭނެ. ނަގަން ބޭނުން ވަރަކަށް ކޭޝްގެ ގޮތުގައި ނަގަން ބޭނުމިއްޔާ ނެގޭނެ. ޑިޕޮސިޓް ކުރަން ބޭނުންވަރަކަށް ޑިޕޮސިޓް ކުރެވޭނެ." ޤާސިމް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ އެމނަިކުފާނު ވެރިކަމަށް ކުރިމަތިލެއްވީ، ދިވެހި ޤައުމާއި، އިސްލާމް ދީނާއި ޑިމޮކްރަސީއަށްޓަކައި ކަމަށެވެ. އަދި މާޒީއަށް ބެލިނަމަވެސް އެމަނިކުފާނަކީ ޤައުމަށްޓަކައި، އިންސާނިއްޔަތަށްޓަކައި، މަސައްކަތްކުރި މީހެއްކަން ފާހަގަވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ޤާސިމް ކެމްޕެއިން ދަތުރުތަކުގއި އދ.ގެ ރަށްތަކަށް ވަޑައިގަންނަވަމުން ގެންދަވާއިރު ޤާސިމްގެ ރަނިންމޭޓް އަމީން އިބްރާހިމް ގެންދަވަނީ ތ.އަތޮޅުގެ ރަށްތަކަށް ކެންޕޭން ދަތުރުތައް ކުރައްވަމުންނެވެ.