ކުޅިވަރު

އައިއޯއައިޖީ 2023: ރީޔޫނިއަން އަތުން އަންހެން ބާސްކެޓް ޓީމު ބަލިވެއްޖެ


މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ރީޔޫނިއަން އަތުން ބަލިވެއްޖެއެވެ.

މިއަދު ކުޅުނު މި މެޗު ރިޔޫނިއަނުން ކާމިޔާބުކުރީ 85-34 ޕޮއިންޓުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ކުއާޓާ ފަށައިގެން ރާއްޖެއިން ފަސް ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް މަޑު މަޑުން ރިޔޫނިއަނުން މެޗުގެ ތެރެއަށްވަދެ ރާއްޖޭގެ އެޓޭކުތައް ހުއްޓުވިއެވެ. އަދި ކުއާޓާގެ ފަހު ކޮޅު ރިޔޫނިއަނުން ވަނީ ގިނަ އެޓޭކުތަކެއްކޮށް ޕޮއިންޓް ސްކޯކޮށްފައެވެ. މި ކުއާޓާ ނިމުނީ 23-13 އިން ރިޔޫނިއަނުން ކުރީގައި އޮވެއެވެ.

މެޗުގެ ދެވަނަ ކުއާޓާގައި ރާއްޖެއަށް މާގިނަ އެޓޭކުތަކެއް ކުރެވިފައިނުވާއިރު، މި ކުއާޓާ އެއްކޮށްކަހަލަ ގޮތަކަށް ކުޅުނީ ރިޔޫނިއަންއެވެ. މި ކުއާޓާގައި ރާއްޖެއިން ތްރީ ޕޮއިންޓް ސްކޯކުރުމަށް ގިނަ އެޓަމްޕްތަކެއް ކުރި ނަމަވެސް މި އެޓަމްޕްތައް ވަނީ ނާކާމިޔާބުވެފައެވެ. އަދި މި ކުއާޓާގައި ރާއްޖެއަށް ސްކޯކުރެވުނީ ތިން ޕޮއިންޓެވެ. މި ކުއާޓާގައި ރިޔޫނިއަނުން ވަނީ އެ ޓީމުގެ ލީޑު ބޮޑުތަނުން ފުޅާކޮށްފައެވެ. މި ކުއާޓާ ނިމުނީ 48-16 އިން ރިޔޫނިއަން ކުރީގައި އޮވެއެވެ.

މެޗުގެ ތިންވަނަ ކުއާޓާގައި ވެސް ފެނިގެންދިޔައީ ދެވަނަ ކުއާޓާގައި ފެނިގެންދިޔަ ކުޅުން ތަކުރާރުވި މަންޒަރެވެ. އެއާއެކު ރިޔޫނިއަންއިން މި ކުއާޓާ ނިންމާލީ 70-23 އިން ކުރީގައި އޮވެއެވެ.

މެޗުގެ ހަތަރުވަނަ ކުއާޓާގައި ރާއްޖޭގެ ޓީމުން ގިނަ ޕޮއިންޓްތަކެއް ސްކޯކުރިއިރު، މި ކުއާޓާގައި ރާއްޖޭގެ ގިނަ ތްރީ ޕޮއިންޓް އެޓަމްޕްތައް ވެސް ވަނީ ކާމިޔާބުކޮށްފައެވެ. މި ކުއާޓާ ނިމުނީ 85-34 އިންނެވެ.